ރައީސް މުއިއްޒު ތިނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސް މަސްވެރިންނަށް ގޮވާލެއްވީ މުޒާހަރާ ހުއްޓާލައި މަޝްވަރާގެ މޭޒަށް އަންނަން
މަސްވެރިން ކިރާފައިވާ މަހަށް ފައިސާ ލިބުން ލަސްވެ ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ހުއްޓާލައި މަޝްވަރާއަށް އަންނަ ރައީސް މުހައްމަދު މުއިއްޒު މަސްވެރިންނަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ތިނަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މަސްވެރިން ބޭނުން ނަމަ އެމީހުންނާ އެކު މަޝްވަރާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެނގުން މުހިއްމު - މަސްވެރިން ކޫއްޑޫގައި ކުރާ މުޒާހަރާއަށް މިއަދަށް ހަތަރު ދުވަސްވެފައިވާއިރު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެއްކޮށް ލިބުމުން ނޫނީ މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
-
މުޒާހަރާގައި ބައިވެރިވާ ހުރިހާ މަސްވެރިން ވެސް ބޭނުންވަނީ 25ރ. ގެ ރޭޓުން ކިރާފައިވާ މަހަށް ލިބެން ޖެހޭ ފައިސާ އެކީ ލިބުމަށް
-
އަދި 20ރ. ގެ ރޭޓުން މަސް ކިރަން ފެށިފަހުން ލިބެން ޖެހޭ ފައިސާ ހަފްތާއަކުން ހަފްތާ އަކުން ލިިބެމުން ދިޔުމަށް ވެސް މަސްވެރިން ބޭނުންވޭ
ބުނީ ކީކޭ؟ - ރައީސް ރޭ ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެމުން ގެންދަވާނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިން ވެސް މިކަން ގަބޫލު ކުރެއްވުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެން އަތުގައި ދެވެން ހުރި ފައިސާއެއް ނުދީ ގަސްދުގައެއް ނުތިބޭނަން،" މަޝްވަރާ އަށް ދިޔުމަށް މަސްވެރިންގެ ކިބައިން އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
"މިހާރު އެ ކުރިއަށް ގެންދަވާ އިހުތިޖާޖު އަޅުގަނޑަށް އަންޑަސްޓޭންޑުވޭ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރައްވައިގެން ވަކި އަޅުގަނޑުމެންނަށް ވެސް، މުޅި ގައުމަށް ވެސް، މަސްވެރިންނަށް ވެސް މާބޮޑު ކުރިއެރުމެއް ނުއެއް ލިބޭ."
ރައީސް ވިދާޅުވީ މުޒާހަރާ ކުރާ މަސްވެރިންނަށް ބައްދަލުކުރަން ހުދު އެމަނިކުފާނު ވެސް ހުރީ ތައްޔާރަށް ކަމަށެވެ.
"މިރޭ ވިޔަސް މާދަމާ ވިޔަސް މަޝްވަރާ ކުރަން މި ހުރީ ތައްޔާރަށް. މަޝްވަރާގެ އުސޫލުން ވާހަކަ ދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުުރީމާ ކަންތައް ވާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޝްވަރާ ކޮށްގެން ކަންތައް ކުރިއަށް ގެންދިޔުމުން ރަނގަޅުވާނެ ކަމަށެވެ.
ފަސްމަންޒަރު - ކިރާފައިވާ މަހަށް ފައިސާ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ދެކުނުގެ މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ކުރަން ފެށީ އާދިއްތަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ހަމަ އެދުވަހު ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވާ ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ.
ޝިޔާމް ވިދާޅުވީ މާޗު މަހުގެ 5 ގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގު ފިލުވާލާނެ ކަމަށެވެ.
"މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާއާ އެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން،" ޝިޔާމް ވިދާޅުވެފައިވެ އެވެ.
ޝިޔާމް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އަމާޒަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭ ކިރާ މަހަށް ފައިސާ ދިނުން ކަމަށެވެ.
އެހެން ނަމަވެސް މިވަގުތު ކަންކަން ހުރި ގޮތުން ފައިސާ އަދި ދެވޭނީ ހަފްތާއަކުން ހަފްތާއަކުން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން:
-
މިދިޔަ ހަފްތާ ކިރި މަހުގެ 26 މިލިއަން ރުފިޔާ މި ހަފްތާ ތެރޭ ދޭނެ
-
100 މިލިއަން ރުފިޔާ ހޯމަ ދުވަހު ދޭނެ
-
ބާކީ އޮތް 180 މިލިއަން ރުފިޔާ މާޗު 5އަށް ދީ ނިންމާނެ
މީގެ އިތުރަށް ޝިޔާމް ވައުދުވީ 25ރ. ގެ ރޭޓުން ކިރާފައި ހުރި މަހަށް ހަމަ އެ އަގުގައި ފައިސާ ދޭނެ ކަމަށެވެ. އަދި 20ރ. އަށް މަސް ގަނެގެން ވެސް ކިލޯއަކުން 6ރ.ގެ ގެއްލުން ވިޔަސް އެއަށް ވުރެ އަގު ކުޑަނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.