ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ޖުލައިގައި ފެށޭނެ: ސައީދު
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހއ.ގެ ހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ހަދަން އެސްޓީއޯއިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިދިޔަ އޮަގަސްޓު މަހު އެވެ.
އެ މަޝްރޫއުއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސައީދު ހިއްސާކުރެއްވީ، ރައީސް މުއިއްޒު މިއަދު އުތުރުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އިރާދަކުރެއްވިއްޔާ ދެތިން ހަފްތާ ތެރޭގައި، އަޅުގަނޑުމެންނަށް ދުނިޔޭގެ ގަދަ 10ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު ބަންކަރިން ހިދުމަތަށް މި ސަރަަހައްދު ވަންނާނެ. އެކަން އެހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސް ނިމުމުގެ ކުރިން މިތާ އެ ވިޔަފާރި ފަށައިގަނެވޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
ތަފްސީލު - ސައީދު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް އެ ސަރަހައްދަށް ކުރާނެ ކަމަށެވެ. އެގޮތުން:
-
އެތައް ވަޒީފާތަކެއް އިހަވަންދިއްޕޮޅުގައި އުފެދޭނެ
-
ކުދި/މެދު ފަންތީގެ ވިޔާރިތަކަށް އެތައް ފުރުސަތުތަކެއް ފަހިގެންދާނެ
-
ރާއްޖެއަށް އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ
-
ބޭރު ފައިސާ ރާއްޖެއަށް ލިބުމަށް "އީޖާބީ ދޮރެއް" ހުޅުވިގެންދާނެ
"އެހެންވީމަ، ޒަމާންތަކަށް ތިބޭފުޅުން އިންތިޒާރު ކުރި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް އެ ފެށިގެން އެ ދަނީ،" ސައީދު ވިދާޅުވި އެވެ.
އެ ޖަލްސާގައި ސައީދު އިތުރަށް ވިދާޅުވީ:
-
'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމަންޓް ފްރީ ޒޯން' ނަމުގައި އުފެއްދި ކުންފުނީގެ އެސެޓްގެ ގޮތުގައި ހޯރަފުށި އަދި އިހަވަންދޫ އެ އިންޑަސްޓްރިއަލް ފަޅު ހިމަނާފައިވާ ކަމަށް
-
'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ'ގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަޝްރޫއުއަށް ބިން ހިއްކުމަށް މި އަހަރު ފެށޭނެ؛ އެކަމަށް ފައިސާ ހޯދުމަށް ޔޫރަޕިއަން ބޭންކަކާ މިދަނީ ވާހަކަ ދައްކަމުން
-
އޭގެ އިތުރުން ސަރުކާރުން އިއުލާންކޮށްފައިވާ ރާއްޖޭގެ ޑިވަލޮޕްމަންޓް ބޭންކް، މި އަހަރު ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި؛ އެ ބޭންކުން ރައްޔިތުންގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދިނުމަށް މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ