އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/އެސްޓީއޯ)
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރަން ގަތަރު ކުންފުންޏަކާއެކު ސޮއިކޮށްފި
އިހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް އެސްޓީއޯއިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން ބުނީ އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތައް ހަދައި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކަމަށެވެ.
ތަފްސީލް - އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރާވާފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުން ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
-
އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި
-
މިސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރޭ
ދުނިޔޭގެ ބަންކަރިންގް އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވާއިރު، މިސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
-
ޝިޕިންގް އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ފަދަ ވިޔަފާރިތައް މީގެ ސަބަބުން ކުރިއަރާނެ
ބަންކަރިންގް ހިދުމަތް ފެށުމަށް ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ގަވައިދުތައް ތައްޔާރުކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. މިޕްރޮޖެކްޓް ހިންގުމުގައި، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް ހޯދުމުގެ މަސައްކަތްތައް އެމްއެންޑީއެފްގެ ލަފާގެ މަތިން ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.