ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް.

ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި މުސާރަ ބޮޑުކުރުމާއި އާ ވަޒީފާ އުފެއްދުން މަނާކޮށްފި

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ނިންމީ ދައުލަތުގެ ބަޖެޓު ތަންފީޒުކުރަން ހަރަދުތައް ކުޑަކުރުމުގެ ގޮތުން. އިތުރު އެހެން ދާއިރާތަކުން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައި
23 ފެބްރުއަރީ 2024
1

ސަރުކާރު އޮފީސްތަކުން އާ މަގާމުތައް އުފެއްދުމާއި މުސާރަ ބޮޑުކުރުން މަނާކޮށް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނިގޮތުގައި މައިގަނޑު ހަތް ދާއިރާއަކުން ހަރަދު ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ. އެ ބަދަލުތަކަށް އިއްޔެ އަމަލުކުރަން ވެސް ވަނީ ފަށައިފަ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި ފިޔަވަޅު އެޅީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓު ތަންފީޒުކުރަން ޖާގަ ތަނަވަސް ކުރުމަށެވެ.

ތަފްސީލު - ހަރަދު ކުޑަކުރާ ބައިތަކުގެ ތެރޭގައި، މުވައްޒަފުންނަށް ހިނގާ ހަރަދު ހިމެނެ އެވެ. އެގޮތުން އަޅާ މައިގަނޑު ފިޔަވަޅުތަކަކީ:

  • 1-

    މިނިސްޓްރީގެ ހުއްދަނެތި އެއްވެސް އާ މަގާމެއް ނުއުފެއްދުން

  • 2-

    މިނިސްޓްރީގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން

  • 3-

    ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް މިހާރު ދޭން ފަށާފައިނުވާ އެއްވެސް އާ އެލަވަންސެއް މިނިސްޓްރީގެ ހުއްދަނެތި މި އަހަރުގެ ތެރޭގައި ދޭން ނުފެށުން

  • 4-

    މިނިސްޓްރީގެ ހުއްދަނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނަ ފަދަ ކަމެއް ނުކުރުން

  • 5-

    ރަސްމީ ގަޑީގައި މަސައްކަތް ނިމޭނެ ގޮތަކަށް ރާވައި، ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން

ފިނޭންސް މިނިސްޓްރީގެ އިމާރާތް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހަރަދުު ކުޑަކުރަން އިިތުރު ބައެއް ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. އެއީ:

  • ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ސްކޮލަޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އާ ސްކޮލަޝިޕެއް ނުދިނުން

  • ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުން (ސްޓަޑީ ޓުއާ އާއި ޓްރެއިނިން ދަތުރުތައް ވެސް ހިމެނޭ ގޮތަށް)

  • އަތޮޅުތަކަށް 35،000ރ.އިން މަތީގެ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުން

  • ތަމްރީން ކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި އޮފީހަށް ތަކެތި ހޯދުމާއި ހިންގުމުގެ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ޕީއެސްއައިޕީގެ ބައިތަކުން ވެސް ހަރަދުކުޑަ ކުރަން ފިޔަވަޅުތަކެއް ވަނީ އަޅާފައި

ގުޅުންހުރި - ބަޖެޓުން ހަރަދުކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލަން ފިނޭންސުން އަންގާފައިވާއިރު، ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރުން ލަސްކުރާތީ މިދިޔަ ބުދަ ދުވަހު އިދިކޮޅު އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމައި އެކަމަށް އޮނިގަނޑެއް އެކުލާވާލި އެވެ. އެގޮތުން:

  • އޭރު ނިންމީ މި އަހަރުގެ ޖެނުއަރީން ފެށިގެން މުސާރަ ބޮޑު ކުރުމަށް 

  • ނަމަވެސް މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުން ލަސް ކުރުމަށް ނިންމާފައި؛ އެ އޮނިގަނޑު ތަންފީޒު ކުރާނީ މާޗްއިން ފެށިގެން ކަމަށް ސަރުކާރުން ބުނެފައިވޭ

އިދިކޮޅުން ގޮވާލަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުން މަދުކޮށްގެން ނަމަވެސް، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށެވެ.

ކޮމެންޓް (1)

ޟުއިިޒަ

23 ފެބްރުއަރީ 2024
ސިޔާސީ މީހުން ނަގާ ވަރުން ނަގަންވީ. ސިވިލް ސާވަންޓުންނަށް hurihaa ދެރަ އެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް