ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެމްޑީޕީ

ޑެޕިއުޓީ މިނިސްޓަރުން މަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެމްޑީޕީން ގޮވާލައިފި

މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެކަނި ވެސް 160އަށް ވުރެ ގިނަ ބޭފުޅުން މިހާތަނަށް ވަނީ އައްޔަންކޮށްފައި

މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުން މަދުކޮށްގެން ނަމަވެސް، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން މިގޮތަށް ގޮވާލެއްވީ، މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބީގޭ) ދެއްވި ޖަވާބުގަ އެވެ.

ތަފްސީލު - އެ ޖަވާބުގައި އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، ސިވިލް ސާވިސްއަށް ދިމާވެފައިވާ މުވައްޒަފުންގެ މުސާރަ އާއި ފެންވަރު ނެތުމުގެ މައްސަލަ އެވެ. އެކަން ހައްލުކުރަން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ ކުރިއަށް ގެންދަން ޖެހޭ ކަމެއް. އެހެނިހެން ހަރަދުތައް ކުޑަކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް. ޑެޕިއުޓީ މިނިސްޓަރުން މަދުކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް،" ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ރަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން މިއަދުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަނީ

އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ ފެންވަރު ރަނގަޅުކުރަން އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރުގެ ވެރިކަމުގައި އެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފެށި އެވެ.

"ސިވިލް ސާވިސް މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލު ގެންނަން ޕޭ ކޮމިޝަނުން ނިންމައި ބަޖެޓުގައި އަޅުގަނޑުމެން ހިމެނިން. އަދިވެސް އެކަން ސަރުކާރުން ނުކުރައްވާ. އެހެން ނަމަވެސް ސިޔާސީ އެކި މަގާމުތަކަށް މީހުން އައްޔަން ކުރުން ދަނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ސިޔާސީ މަގާމުތައް އިތުރުވާކަމުގެ ކަންބޮޑުވުން އާންމުން ވެސް ފާޅުކުރެ އެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން އިސްތިސްނާ ހާލަތެއްގައި ނޫނީ ސިޔާސީ މަގާމުތަކަށް އިތުރު ބަޔަކު އައްޔަން ނުކުުރައްވަން ވަނީ ނިންމަވައިފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ހުރި ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 300އަށް ވުރެ މައްޗަށް އަރާފަ އެވެ. އެގޮތުން؛

  • ކެބިނެޓްގައި: 22 މިނިސްޓަރުން 

  • މިނިސްޓަރުންގެ ފެންވަރުގައި: 21 ބޭފުޅުން 

  • އެޑްވައިޒަރުން: 2 

  • ސްޓޭޓް މިނިސްޓަރުން: 95

  •  ޑެޕިއުޓީ މިނިސްޓަރު: 163

ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށާއި މިޝަންތަކާއި އެނޫން ވެސް އެކި ލެވެލްގެ ސިޔާސީ މަގާމުތަކާ އެކު މިހާރު ފެންނަން އޮތް އަދަދު ދެގުނަ ވުން އެކަށީގެންވެ އެވެ.

ކޮމެންޓް (1)

ދިވެހި

19 ފެބްރުއަރީ 2024
ތިއީ ރަނގަޅު ހިޔާލެއް. ޢެހެން ނަމަވެސް ސިވިލް ސަރވަންޓުންނާއި ފުލުހުންނާއި ސިފައިންގެ އިިތުރުންވެސް ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުން ތިބޭ. އަޅުގަނޑުމެންނަށްވެސް މުސާރަ ބޮޑުކުރަން ގޮވާލައްވާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް