ރައީސްގެ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝިދު ހުސައިން (ބިގޭ) ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)
ރައީސްގެ ރިޔާސީ ބަޔާނަށް އިދިކޮޅުގެ ރައްދު: 'އޮތީ ދޮގާއި އޮޅުވާޅުން'
ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ ތެދެވެރި ބަޔާނެއް ނޫން ކަމަށާއި އޭގައި އޮތީ އޮޅުވާލުން ކަމަށް ބުނެ، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން އެ ބަޔާނަށް މިއަދު ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު 6 ވަނަ ދުވަހު މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - "ގައުމުގެ ހާލަތު ބަޔާން ކުރައްވައި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން ވާންޖެހޭނީ ވަރަށް ފުރިހަމަ ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި، މި މަޖިލީހަށް ސަރީހަކޮށް އިއްވަވާ ބަޔާނަކަށް،" ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޕޯޑިއަމްގައި ހުއްޓިވަޑައިގަތުމަށް ފަހު، އެމްޑީޕީގެ ޕީޖީ ލީޑަރު ރަޝީދު ވިދާޅުވި އެވެ.
"އެހެންނަމަވެސް ހިތާމައާް އެކު [އަދި] ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައިނުވާކަން. ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލައްވާފައިވާކަން."
ތަފްސީލު - އެ ރައްދުގައި އޭނާ ފުރަތަމަ އަލިއަޅުވާޅެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަތަކަށެވެ. އެގޮތުން އިގްތިސާދީ ހާލަތާ ގުޅޭ ގޮތުންވެސް ރައީސް ވާހަކަ ދައްކަވާފައި ވަނީ "މުޅީންވެސް ދޮގު މައުލޫމާތު"ގެ މައްޗަށް "މަޖިލީހަށާއި ރައްޔިތުންނަށް އޮޅުވާލުމަށް" ކަމަށް ރަޝީދު ވިދާޅުވި އެވެ.
"މި ސަރުކާރު ވެރިކަމަށް އައީވެސް ރައްޔިތުންނަށް މަކަރާޖަހާ ވަރަށް އޮޅުވާލައިގެން،" ރަޝީދު ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ރަޝީދު ވަނީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރު ކަންކަން ވެގެން ދިޔަ ގޮތުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ:
-
އެ ސަރުކާރުގައި އިގްތިސާދީ ހާލަތު ދަށަަށް ދިޔައީ ކޮވިޑް19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު؛ ނަމަވެސް އެޅި ހިކުމަތްތެރި ފިޔަވަޅުތަކާ އެކު، ވޭތުވެ ދިޔަ ތިން އަހަރު ރާއްޖޭގެ އިގްތުސާދު ވަނީ ބާރު މިނެއްގައި ކުރިއަރާފައި
-
ސިއްހީ ހިދުމަތުގެ ކެޕޭސިޓީ އެތައް ގުނައެއް ބޮޑުކޮށް، އެހެން ގައުމުތަކަށް ރާއްޖެ މިސާލު ދެއްކި؛ ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓްދީ، ވިޔަފާރިތައް ބަގުރޫޓުވިޔަ ނުދީ ހިފަހެއްޓި
-
އެ ދަތި ދުވަސްވަރު ވެސް އިގްތިސާދީ ހަރަކާތްތައް މުޅިން ހުއްޓުމަށްކަށް ނުގެނައުމަށް، ސަރުކާރުގެ މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ހިންގި އަދި ކާޑު/ބޭސް/ތެލަށް ނުޖެހި ރާއްޖެ ކުރިއަށް ގެންދެވުނު؛ ފަތުވެރިކަން ވެސް އަނބުރާ ކޮޅަށް ޖަހައި، ގައުމުގެ އިގްތިސާދު ކުރިން ހުރި މިނަށް އަވަސް މުއްދަތެއްގައި ގެންދެވުނު
"އެހެންނަމަވެސް ކޮވިޑްގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި، ގައުމަށް މި ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަ ޖެއްސެވުމުގެ ނިޔަތުގައި،" އެއީ، ވަރަށް ޒިންމާދާރުކަން ކުޑަކޮށް އެމަނިކުފާނު ކުރެއްވި ކަމެއްކަމުގައި ފާހަގަކުރައްވައި، އޭނާ ވިދާޅުވި އެވެ.
"ދަރަނި ނަގައިގެން އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ ތަރައްގީގެ ގިނަ
މަސައްކަތްތަކެއ.ް ދަރަނި ނެގީ އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ."
ބޯހިޔާވަހިކަން: ގޮވާލެއްވީ، ކުރީ ސަރުކާރުން ދިން ފްލެޓްތައް ހަވާލުކުރަން
ބޯހިވާހިކަމަކީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، ޕީޖީ ލީޑަރު ވިދާޅުވީ އެއީ މާލެއަށަް އެކަނި ދިވާމެފައިވާ މައްސަލައެއް ނޫން ކަމަށެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބަހެއްގައި ވެސް އެއީ ވަރަށް ހައްސާސް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެކަން ހައްލުކުރުމަށް ފެށި ބައެއް ކަންކަން އޭނާގެ ވާހަކައިގައި ގެންނެވި އެވެ. އެގޮތުން ވިދާޅުވީ:
-
ސަރުކާރު ބަދަލުވި އިރު ޖުމްލަ 24,200 ހައުސިން ޔުނިޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދިޔަ
-
އޭގެ ތެރެއިން، 12،222 ޔުނިޓް އެއީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ގުޅިގެން ހިންގަމުންދާ މަޝްރޫއުތަކެއް
"ރައީސްގެ ރިޔާސީ ބަޔާނުގައި ވަރަށް ސާފުކޮށް ވިދާޅުވި ކުރީ ސަރުކާރުން ދޭން ނިންމި ފްލްޓުތަކާއި ބިންތައް ރައްޔިތުންނާ ހަވާލުކުރައްވާނެކަމަށް. ވެރިކަމަށް 100 ދުވަސްވާން ގާތްވާ އިރު، އެކަން ކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނުލިބޭ،" އެމްޑީޕީގެ ފަރާތުން ބޮއިކޮޓް ކުރި ޖަލްސާގައި ރައީސް އިއްވެވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން އެޕާޓީގެ ޕީޖީ ލީޑަރު ވިދާޅުވި އެވެ.
"މުޅިންވެސް ކަންކަކުރައްވާފައި ވަނީ ރައްޔިތުން މާޔޫސްވާ ގޮތަށް."
އެފަދަ ހައްސާސް މައްސަލައެއް އެހާ ދިގުލައިގެންދާ ގޮތަށް ކަންކަން ނުކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި "އެއް އިދާރާ އަނެއް އިދާރާ ބޮލަށް ޖަހައި މިކަން ގަޑުބަޑު ނުކުރެއްވު"މަށް ވެސް ގޮވާލެއްވި އެވެ.
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ބައެއް ވާހަކަތަކަކީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ކުރަން ފަށާފައިވާ ބައެއް ކަންކަމެވެ. އޭގެ ތެރޭގައި ގެދޮރު އެޅުމަށް ލުއި ލޯނު ދޫކުުރުމާއި ބޯހިޔާވަހިކަމަށް ޕޯޓަލްއެއް ހެދުން އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްގެ ކުލި ކުޑަކުރުމަކީވެސް އެމްޑީޕީގެ ސަރުކާރުންކޮށް ނިންމާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަންކަމަކީ ކުރީ ސަރުކާރުން ފަށާފައިވާ ކަންކަންކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ބަޔާންގައި ފާހަގަ ކުރަން ޖެހޭ، ނަމަވެސް ނެތް ބައެއް ވާހަކަތައްވެސް ގިނަ ކަމަށް ޕީޖީ ލީޑަރުގެ ރައްދުގައި ވިދާޅުވި އެވެ. އެގޮތުން އެނާ ވިދާޅުވީ:
-
އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައި ނުވޭ
-
މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓާ ގުޅޭ އެއްވެސް ވާހަކައެއް އެ ބަޔާނުން އަޑެއް ނީވޭ
-
މަތީ ތައުލީމާ ގުޅޭ އެއްވެސް ވާހަކަ އެއް ވެސް ރިޔާސީ ބަޔާނުގައި ނެތް
-
ދައުލަތުގެ ހިންގުމަށް ދިމާވެފައިވާ އެހެން މައްސަލަތަކުގެ ވާހަކަ ވެސް އެއްވެސް މިންވަރަކަށް ފާހަގަ ނުކުރައްވާ
-
އިންޑިއާ ސިފައިން ތިބި ނަމަ، ތިބި އަދަދު ވެސް ރިޔާސީ ބަޔާނުގައި ހާމަ ނުކުރައްވާ
"މިފަދަ ބޮޑު ދޮގުތަކުން ދެނެއް ރައްޔިތުން އޮޅުވާނުލެވޭނެ. އެއްހަރަކުން ދެފަހަރު މުއުމިނެއްގެ ގަޔަށް ކަށްޓެއް ނުޖެހޭނެ،"ބައިގަޑިއިރުގެ ރައްދު ނިންމާލައްވަމުން ޕީޖީ ލީޑަރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ކަންކަމާ މެދު ވިސްނެވުމަށް އެދެން. އަޅުގަނޑުގެ އަބަދު ވެސް އުންމީދަކީ މި ގައުމަށް ފަހިކަމާއި ތިޔާގިކަން ﷲސުބުހާނަހޫ ވަތައާލާ މިންވަރުކުރެއްވުން. ދޮގާއި މަކަރާއި ފިތުނައިން އަޅުގަނޑުމެން ސަލާމަތްތކުރައްވާށި."