ކޫއްޑޫގައި މަސް ކިރުމުގެ މަސައްކަތް ކުރިއަށްދަނީ. (ފޮޓޯ/މިފްކޯ)

މަސްވެރިކަން

މަސްވެރިންގެ އިހުތިޖާޖު ނިންމާލައި ކޫއްޑޫގެ އޮޕަރޭޝަންތައް ފަށައިފި

ކޫއްޑޫގެ ފެކްޓަރީ މިހާރު އާންމު ހާލަތަށް ރުޖޫއަވެ، ކިޔޫ ތަރުތީބުން މަސް ކިރަން ވެސް ވަނީ ފަށާފައި
21 ފެބްރުއަރީ 2024

މިފްކޯއިން މަސް ގަތުމަށް ފަހު މަސްވެރިންނަށް ނުދީ ހުރި ފައިސާ މިއަދު ދޫކުރަން ފެށުމުން މަސްވެރިންގެ އިހުތިޖާޖު ނިންމާލައި، ގއ. ކޫއްޑޫގެ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް މިރޭ އަލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކިރި މަހަށް ފައިސާ ނުލިބިގެން މަސްވެރިން އާދިއްތަ ދުވަހުން ފެށިގެން އައީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން ބުނަމުން ދިޔައީ ފައިސާ ލިބުމުން ނޫނީ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ.

ބުނީ ކީކޭ؟ - ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މީޑިއާ އޮފިސަރު އަހުމަދު ނަވާޒް ރަޝީދު މިރޭ 'ދައުރު'އަށް ވިދާޅުވީ ސަރުކާރުން މިއަދު ފައިސާ ދޫކުރަން ފެށުމުން މަސްވެރިން އިހުތިޖާޖު ނިންމާލައި ކޫއްޑޫން ފޭބީ މިރޭ 7:30 ހާއިރު ކަމަށެވެ.

އެއާ އެކު ކާރުހާނާގެ އޮޕަރޭޝަންތައް ފަށަން މަސައްކަތް ކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެކަން ކުޑަކޮށް ލަސްވެ، މަސައްކަތްތައް އަލުން ފަށައިގަނެވޭ ވަރުވީ މިރޭ 9:30 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ކޫއްޑޫގެ ހާލަތު އޮތް ގޮތް ސިފަކޮށްދެއްވަމުން ނަވާޒު ވިދާޅުވީ:

  • މުޒާހަރާގެ ތެރޭގައި މަސް ފެކްޓަރީގެ އެއްވެސް މުދަލަކަށް ގެއްލުން ލިބިފައެއް ނުވޭ. އަދި ކަރަންޓު ކަނޑާލާފައެއް ވެސް ނުވޭ؛ މަސްވެރިން އިހުތިޖާޖު ކުރީ ސުލްހަވެރިކަމާ އެކު

  • މިވަގުތު މަސް ކިރަން ކޫއްޑޫ ފަޅުތެރޭގައި 38 ދޯނި އެބަ އޮތް؛ އެއީ ގާތްގަނޑަކަށް 331 ޓަނުގެ މަސް 

  • ކިޔޫ ތަރުތީބުން މަސް ކިރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ

  • ކޫއްޑޫގެ އޮޕަރޭޝަންތައް އަލުން ފެށުމާ އެކު އިހުތިޖާޖުގެ ތެރޭގައި ކޫއްޑޫ ފަޅުތެރެއަށް ނުވަންނަ ބައެއް ދޯނިތައް ވެސް މިހާރު އަންނަނީ އެރަށަށް ދަތުރުކުރަމުން

"އަނެއްހެން ހަމަ އާންމު ހާލަތުގައި މަސައްކަތް ފަށައިގެން ކުރިއަށްދަނީ. ތަނެއް ބަންދުކޮށް ރިސްޓްރިކްޓް ކޮށްގެން ހާއްސަ ހާލަތެއްގައެއް ނޫން،" ނަވާޒު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެވަރެޖުކޮށް ކޫއްޑޫން ކިރާ ރޭޓުގައި އަށް ގަޑިއިރު ތެރޭގައި 200 ވަރަކަށް ޓަނުގެ މަސް ކިރޭނެ ކަމަށެވެ.

ލާރި ނުލިބި ލަސްވި މައްސަލާގައި މަސްވެރިންނަށް ހައްލު ހޯއްދަވައިދެއްވަން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުގެ ވަރަށް ބުރަ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ނަވާޒް ވިދާޅުވީ މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް އެ ކުންފުނީގެ ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މިވަގުތު މިފްކޯ އިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަނީ ފައިސާ ނުދެވިގެން އުފެދިފައި އޮތް ބެކްލޮގް މުޅިން ކްލިއާކުރުން 

  • މަހުގެ އަގަށް ބަދަލު ގެނައުމަށް ފަހު ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތަށް އެކަން ވެސް ވެގެން ދާނެ

އެނގުން މުހިއްމު - ކިރާފައިވާ މަހަށް މިއަދު މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވަނީ، ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ ދޫކުރާ ގޮތަށެވެ. އަދި ހޯމަ ދުވަހުގެ ކުރިން އިތުރު 30 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިއްޔެ މަޖިލީހުގައި ވިދާޅުވީ، މަސްވެރިންނަށް ދައްކަންހުރި ހުރިހާ ފައިސާއެއް މާޗު 5ގެ ކުރިން ދައްކާ ހަލާސްކުރާނެ ކަމަށެވެ. އެގޮތުން:

  • އަންނަ ހޯމަ ދުވަހާ ހަމައަށް 100 މިލިއަން ރުފިޔާ ދެއްކޭނެ އިންތިޒާމްތައް މިއަދު ވަނީ ހަމަޖައްސާފައި

  • އެއަށް ފަހު ބާކީ އޮންނަ 180 މިލިއަން ރުފިޔާ 5 މާޗުގެ ކުރިއަށް ދެއްކޭތޯ އަމާޒު ހިފައިފާ ވާކަމަށް މިނިސްޓަރު ވިދާޅުވެފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް