އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ސިވިލް ސާވިސް ކޮމިޝަނުން ވެސް އެދުނީ ރޯދަ މަހު އިންތިހާބު ނުބޭއްވުމަށް

އެއްވެސް ފުރުސަތެއް އޮތިއްޔާ ސީއެސްސީން އެދުނީ ރޯދައިގެ ފަހަށް އިންތިހާބު ފަސް ކުރަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހު ނުބޭއްވުމަށް ސިވިލްސާވިސް ކޮމިޝަން(ސީއެސްސީ)އިން ވެސް އެދެފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބު ރޯދަ މަހު ނުބޭއްވުމަށް މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު، އެއަށް ތާއިދުކޮށް ސީއެސްސީން ވާހަކަ ދެއްކެވީ މިއަދު އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެެ.

ތަފްސީލު - ސީއެސްސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ކޮމިޝަންގެ މެންބަރު މުހައްމަދު ފަރުސަތު ވިދާޅުވީ ދީނީ ނަޒަރަކުން ވިސްނާއިރު ހަނގުރާމަތައް ވެސް ރޯދަ މަސް ތެރޭ ކޮށްފައިހުރުމުން އެ މަހުގައި އިންތިހާބެއް ބޭއްވުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް މިކަމުގައި ދިވެހިންގެ ސަގާތަފަށް ވެސް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ [ދިވެހިންގެ] ސަގާފަތް ވެސް އެބަ އޮވޭ. އުޅޭ ގޮތްވެސް އެބަ އޮވޭ. އެއީ، ރޯދަ މަހު ހެނދުނު 9 އިން ހަވީރު 5 އަށް ވޯޓުލާއިރު، 5 ޖަހާއިރު ވޯޓުލާތަންތަން ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ސީއެސްސީގެ ފަރާތުން ބައުވެރިވެވަޑައިގެންނެވި އެ ކޮމިޝަންގެ މެންބަރު ފަރުސަތު(ކ2): އޭނާ އެދިވަޑައިގެންނެވީ ރޯދަ މަހު އިންތިހާބު ނުބޭއްވުމަށް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ރޯދަ ވީއްލުމަށް ވަގުތު ކުޑަތަންވާ އެ ވަގުތަކީ، ފަރުސަތު ފާހަގަ ކުރެއްވި ގޮތުގައި އެއީ އާންމުކޮށް ބަޑުހައިވެފަ ހުންނަ އާންމުކޮށް ބައެއް ދިވެހިން ރުޅި ވެސް ގަދަވާނެ ވަގުތެކެވެ.

"މާނައަކީ، 5 ޖަހާއިރު ވެސް ވޯޓުލާ ނުނިމޭހާލަތުގައި ވަރަށް ގިނަ މީހުން ރުޅި އައިސް، ބޮޑު މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރޯދަ މަހަށް ފަހު އިންތިހާބު ބާއްވާނަމަ، މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ރޯދަ މަހު ބާއްވާނަމަ، ވޯޓުލާން ނުކުންނަ މީހު ންވެސް މަދުވާނެ ކަމަށް ފަރުސަތު ވިދާޅުވި އެވެ.

"އެހެން އެއްވެސް ފުރުސަތެއް އޮތިއްޔާ އަޅުގަނޑު ގަބޫލު ކުރަނީ، [އިންތިހާބު] ފަސް ކުރެވެން އޮތިއްޔާ ފަސްކޮށްގެން ކުރިއަށްދާންވީ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރޫހު ހުރީ އިންތިހާބު ފަސްނުކޮށް މިހާރު ކަނޑައަޅާފައިވާ ތާރީހު ކަމުގައިވާ މާޗް17ގައި އިންތިހާބު ބޭއްވުމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ބޭނުން ވަނީ އިންތިހާބު ރޯދަ މަހު ނުބާއްވާ ލަސްކުރަން ފާސްކުރި ބިލް ތަސްދީގު ނުކޮށް ދިގު ދެންމުމަށެވެ. އިންތިހާބު ފަސް ކުރުމަކީ، ސަރުކާރަށް ގެއްލުމެއް ކަމަށް އެމީހުން ދެކެ އެވެ. 

އިއްޔެ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ އިންތިހާބު ލަސްކުރަން ބޭނުން ނުވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް