މިފްކޯ އިން އޮޕަރޭޓް ކުރާ ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އަމިއްލަ ކުންފުނިތަކުގެ މަސް ފެކްޓްރީތައް ވަނީ ހުއްޓިފައި (ފޮޓޯ/ޕީއެސްއެމް)

މަސްވެރިކަން

އަމިއްލަ މަސް ކުންފުނިތައް ހުއްޓިއްޖެ؛ ވިޔަފާރީގައި އެންމެ ކުންފުންޏެއް

މަސް ގަންނަ އަގު 25ރ.އަށް ބޮޑުކުރުމުން އަމިއްލަ ކުންފުނިތަކަށް މަސް ގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އޮޕަރޭޝަން ހުއްޓާލި
20 ފެބްރުއަރީ 2024
1

މަސް ގަތުމާއި އެކްސްޕޯޓުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ ދިވެހި ކުންފުނިތަކުގެ ވިޔަފާރި ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށާއި މިވަގުތު އޮޕަރޭޝަންގައި އޮތީ އެންމެ ކުންފުންޏެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަސްވެރިކަމުގެ ސިނާއަތާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރުން ވަނީ ސުވާލުކުރުމަށް މިނިސްޓަރު ޝިޔާމް މިއަދު މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އެއާ އެކު، ޝިޔާމުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ކުރީގެ ސަރުކާރުން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމުން އަމިއްލަ ވިޔަފާރި ކުންފުނިތައް ހުއްޓުމަކަށް އައިސްފައިވުމެވެ. 

ބުނީ ކީކޭ؟ - "ކަޅުބިލަމަހުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން (ހޮރައިޒަން ފިޝަރީޒްއިން ހިންގާ) މާންދޫ އެކަނި މި ވަގުތު އޮޕަރޭޝަންގައި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެންސިސް އޮތީ ހުއްޓާލާފައި، އެއީ އަގަށް އައި ބަދަލުގެ ސަބަބުން."

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ކަޅުބިލަމަހުގެ ވިޔަފާރީގައި އޮޕަރޭޝަން ނުހުއްޓި ހަމައެކަނި މާންދޫ އޮތް އިރު، މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"މަސައްކަތް ކުރަމުން އެ ދާ ބަޔަރުންނާ އެކީގައި މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ބޭނުމުގައި މިވަގުތު ގެއްލުމުގައި ވެސް މާންދޫއިން މަސް ގަނެ މަސް ބޭރުކުރަމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފްސީލު - މަސް ގަންނަ އަގު 25ރ.އަށް ބޮޑުކުރީ، ކުރީގެ ސަރުކާރުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ.

މަސް ގަންނަ އަގު ބޮޑުކުރީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކި ކެންޑިޑޭޓުން އެ ވައުދު ތަކުރާރު ކުރައްވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

އެ ބަދަލާ ގުޅިގެން މަސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ވަނީ، މަސްވެރިން ބާނާ މަސް މާކެޓު ރޭޓުގައި ގަތުމުގެ ބަދަލުގައި ވަކި އަގެއް ކަނޑައަޅައިގެން ގަތުމަކީ ވިޔަފާރީގެ ހަމަތަކުން ބަލާ އިރު ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި އަމިއްލަ ބައެއް ކުންފުނިތަކުން އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

މި ސަރުކާރުން ވަނީ މަސް ގަންނަ އަގު 20ރ.އަށް ދަށް ކުރަން ނިންމައި، އެކަން އިއުލާން ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ބަދަލަށް އަމަލުކުރަން ފަށާނެ ތާރީހެއް އަދި ނުބުނެ އެވެ.

ކޮމެންޓް (1)

ހަސަންދީީ

21 ފެބްރުއަރީ 2024
އިންތިޚާބަށްޓަކައި ނުފުއްދޭވަރުގެ ވައުދުތައް ވަމުންދިއުމުގެ ނުރަނގަޅު ނަތީޖާތައް މިފެންނެނަނީ. އަދިވެސް މިފަދަ ކިތަންމެ ކަމެއް ކުރިމަތިވާނެ. ދެންވެސް ސިޔާސީން ހޭއަރަންވީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް