ސައީދު މިއަދު ދުބާއީގައި ތިބި ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ނަވީން)

އަމާޒަކީ، ހަތަރު މަސް ތެރޭ ޑޮލަރުގެ މައްސަލަ ހައްލުކުރުން: ސައީދު

ޑޮލަރުގެ މައްސަލަ ގޯސްވުމުގައި ކުރީގެ ސަރުކާރުން އެސްޑީއެފްގައި ހުރި ޑޮލަރު ނެގުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށް ސައީދު ވިދާޅުވި

ބޭންކް ރޭޓުގައި ޑޮލަރު ލިބުން ދަތިވެ ސަރުކާރުން ވެސް ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އަމާޒަކީ ހަތަރު މަހެއްހާ ދުވަސް ތެރޭ މި މައްސަލަ ހައްލުކުރުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑޮލަރު ލިބުން ދަތިވެ އެ ހާލަތު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭ ރަނގަޅު ނުވާ ނަމަ ބޭރުގައި މުއާމަލާތް ކުރެވޭ ކާޑް ލިމިޓް ކުޑަކުރަން ބީއެމްއެލްއިން ނިންމާފައިވާ އިރު މިނިސްޓަރު ސައީދު މިގޮތަށް ވިދާޅުވީ ދުބާއިގައި މިވަގުތު ހުންނަވައި ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ -"އެހެންވީމަ، އެކަން އޯވާކަމް ކޮށްފައި އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދެތިން [ނުވަތަ] ހަތަރު މަސް ތެރޭގައި އަޅުގަނޑުމެންނަށް ޑޮލަރު ސިޗުއޭޝަން ހަމައަކަށް އެޅިގެންދާނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ސައީދު ވިދާޅުވި އެވެ.

ތަފްސީލު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދަރަނި ދެއްކުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ޑޮލަރު ބޭނުންކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ސައީދު ފާހަގަކުރެއްވި ގޮތުގައި ޑޮލަރު ތާށިވުމުގެ މައްސަލައިގައި އެއީ ވެސް ފެކްޓާއެކެވެ.

"ދެން [އޭރު ރައީސް ޔާމީންގެ ސަރުކާރުގައި] ދަރަންޏެއް މި ކްރިއޭޓް ކުރީ ވަރަށް ބޮޑަށް އެއާޕޯޓް ޑިވަލޮޕްމަންޓާއި އިންފްރާސްކަޗާ ޑިވަލޮޕްމަންޓަށް. [އެކަމަކު] އެ އެއާޕޯޓު ވެސް ނުނިމި އޮތީ،" ސައީދު ވިދާޅުވި އެވެ.

ސައީދު މިއަދު ދުބާއީގައި ތިބި ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ނަވީން)

އޭގެ އިތުރުން ޑޮލަރުގެ ތާށިކަން ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް އުފުލުމަށް މެދުވެރިވި އަނެއް ސަބަބަކީ، ސައީދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާ އެކު ބައިނަލްއަގްވާމީ ގޮތުން އިގްތިސާދަށް އަންނަ ގޮންޖެހުންތަކެވެ.

"ހާއްސަކޮށް މިޑިލް އީސްޓުގައި މި އުޅޭ މައްސަލަ އާއި އޮއިލް ޕްރައިޒާއި މިހެން ގޮސް ގްލޯބަލް ޓާބިއުލަންސްއެއްގެ ތެރޭ އޮތް އިރު، ޑޮލަރަށް އޮތް އެ ނީޑް އިތުރުވުމާއި އޭގެ ސެކިއުރިޓީ މުހިންމުވެގެން މިއުޅެނީ،" ސައީދު ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލަތަކުން ސަލާމަތްވެ ހަތަރު މަހެއްހާ ދުވަހުގުެ ތެރޭ މި ތާށިކަމުން އަރައިގަނެވޭނެ ކަމަށާއި އެއީ ސަރުކާރުގެ އާމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް