އެމްއެމްއޭ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސޮވަރިން ފަންޑް

ސޮވަރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފިން: ރައީސް

ސޮވަރިން ފަންޑް އެންމެ ފުރަތަމަ ފެށީ ޑޮލަރުން ފައިސާ ބަހައްޓާ ފަންޑެއްގެ ގޮތުގައި ނަމަވެސް، ކޮވިޑްގެ ދަތިކަމާ އެކު އެ ފަންޑުގައި ހުރި ބޭރު ފައިސާ ކުރީގެ ސަރުކާރުން ވަނީ މާރުކޮށްފައި
5 ފެބްރުއަރީ 2024

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ އަންދާޒާކުރި މިންވަރަށްވުރެ ވެސް ގޯސްކޮށް ކަމަށެވެ.

ތަފްސީލު - އެގޮތުން، ސަރުކާރު ކުންފުނިތަކުގެ ދަރަނި ބޮޑުއިރު، ލިބޭ އާމްދަނީއިން ދެކޮޅު ޖެހޭ އޮތީ ދެތިން ކުންފުނި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުންފުނިތަކުގެ އިދާރީ ހިންގުމާއި މުވައްޒަފުންނަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އިތުރުވެފައި އޮތް ކަމަށާއި އެކިއެކި ކަންކަމަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުން އެއް ބިލިއަން ރުފިޔާގެ ހަރުމުދަލާއި ފައިސާ އެކި ފަރާތްތަކަށް ބަހާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސި ބަޔާން އިއްވަނީ (ފޮޓޯ/މަޖިލިސް)

އޭގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިން ފަންޑުގައި ހުރި ބޭރު ފައިސާ ވެސް ކުރީ ސަރުކާރުން މާރުކޮށްލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ރައީސް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"ސޮވަރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ވެސް ފަށައިފީމު. ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ވެސް މިދަނީ ހޯދަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސޮވަރިން ފަންޑަކީ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުން ސަލާމަތް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ.

ސޮވަރިން ފަންޑް އެންމެ ފުރަތަމަ ފެށީ ޑޮލަރުން ފައިސާ ބަހައްޓާ ފަންޑެއްގެ ގޮތުގައި ނަމަވެސް، ކޮވިޑްގެ ދަތިކަމާ އެކު 30 ޑިސެމްބަރު 2020 އިން ފެށިގެން އެ ފަންޑުގައި މިހާރު ހުންނަނީ މުޅިން ވެސް ރުފިޔާ އެވެ. ސޮވަރިން ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ވަނީ މާރުކޮށްފަ އެވެ.

ސޮވަރިން ފަންޑް ރުފިޔާއަށް ބަދަލުކުރި އިރު ފަންޑުގައި 20 މިލިއަން ޑޮލަރު ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް