އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/ އެމްއާރުއެމް)

ސިވިލް ކޯޓު

ކޯޓުން ނިންމީ އެމްއާރުއެމް އުވާލުން ގާނޫނާ ހިލާފުކަމަށް؛ އީސީން ބައި ލައްކަ ރުފިޔާ ވެސް ދޭން ޖެހިއްޖެ

ސިވިލް ކޯޓުން ނިންމި މައްސަލާގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އަމަލު ދުސްތޫރާ ހިލާފު ކަމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން  ނިންމި ނިންމުން ބާތިލް ކަމަށް އިއްޔެ ކަނޑައަޅައިފި އެވެ. އަދި ޝަރީއަތުގެ ހަރަދަށް ހިނގި 50،000ރ އެ ޕާޓީއަށް ދައްކަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައްޗަށް ހުކުމްކުރި އެވެ.

މައްސަލައިގެ ފެށުން - ގާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އީސީން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެގޮތުން:

  • ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އެ ކޮމިޝަނުން ޕާޓީއަށް އެންގި

  • އެ ނިންމުން އެ ޕާޓީން ގަބޫލެއް ނުކުރޭ. އެމްއާރުއެމުން ތުހުމަތުކުރި ގޮތުގައި އެއީ ބައެއްގެ ނުފޫޒުން ނިންމި ނިންމުމެއް

  • މިދިޔަ އަހަރު ޖުލައި މަހު އެމްއާރުއެމްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި

ވީ ކިހިނެއް؟ - ގާތްގަނޑަކަށް ހަ މަސް ފަހުން އެ ކޯޓުން އިއްޔެ ކަނޑައެޅީ އެމްއާރުއެމްެ އުވާލަން އީސީން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.

ތަފްސީލު - ގާޒީ މުހައްމަދު އީސާފުޅު އިއްވެވި ހުކުމުގައި ވިދާޅުވީ އީސީގެ ނިންމުން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ)އާ ހިލާފު ކަމަށެވެ. އަދި "ދުސްތޫރީ ހައްގާ ހިލާފު" ކަމަށް ވެސް ހުކުމުގައި ކަނޑައެޅުއްވި އެވެ. 

 އެ ހުކުމްގައި ބުނެފައިވަނީ:

  • 3،000 މެންބަރުން ހަމަނުވެގެން ފެބްރުއަރީގައި ކޮމިޝަންގެ ފަރާތުން ނޯޓިސް ދިން އިރު، ޕްރޮސެސް ނުކުރެވޭ ފޯމުތަކެއް ހުރިކަން އެނގޭ؛ އެ ފޯމުތައް ޕްރޮސެސް ކުރުމުގައި އެކަށޭނަ ލަސްވުން ހިމެނޭކަން ކޯޓަށް ހުށަހެޅި ލިޔެކުންތަކުން ފެނޭ

  • ނޯޓިސްގެ މުއްދަތުގައި ކަން ކުރާނެ ގޮތެއް ވެސް އެނގޭކަށް ނެތް

  • އެހެންކަމުން އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ޕާޓީ އުވާލުމާ ގުޅޭ ހަލަތެއް ނެތީސް ދިން ނޯޓިސްއެއް. އެއާ އެކު އެ ނޯޓިސްގެ މައްޗަށް ބިނާކޮށް އެމްއާރުއެމް އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފު

އެމްއާރުއެމް އުވާލަން ނިންމުމާ ގުޅިގެން އޭރު އެ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަ ދައްކަވަނީ

އެހެން ކަމުން ކޮމިޝަންއާ ދެކޮޅަށް އެ މައްސަލަ ނިންމައި، ގާޒީ އަމުރުކުރެއްވީ މި މައްސަލައިގައި ޝަރީއަތުގެ ހަރަދަށް ހިނގި 50،000ރ. އެމްއާރުއެމްއަށް ދެއްކުމަށެވެ. އެ ފައިސާ ދައްކަން ދިނީ ތިން ދުވަހުގެ މުއްދަތެކެވެ. 

މި ހުކުމާ އެކު އެމްއާރުއެމްގެ ޒައީމް މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާތް ﷲއަށް ހަމްދާއިޝުކުރުކޮށް އެމްއާރްއެމްގެ ލޮބުވެތި މެންބަރުންނަށް އިހްލާސްތެރިކަމާ އެކު" ތަހުނިޔާ ވިދާޅުވެފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއާރުއެމް އުވާލަން އީސީން ނިންމިއިރު، އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން ގާނޫނުގައި ބުނާ އަދަދު ހަމަވާން މަދުވީ އެންމެ 21 މެންބަރުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް