7 ފެބްރުއަރީ 2024 - ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގާ ބެހޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ީދައުރުވަނީ އޭސީސީގެ ލިސްޓެއް ނޫން، ހަގީގަތް އޮޅުވާލާތީ ކަންބޮޑުވޭ: އޭސީސީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ދައުރުކުރަނީ އެ ކޮމިޝަންގެ ލިސްޓެއް ނޫން ކަމަށް އޭސީސީ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ކަނޑައެޅި ފްލެޓުތަކާ ގުޅޭ ގޮތުން އޭސީސީއިން ތަހުގީގުކޮށް، ބެލިބެލުމުން ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް އެ މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ތަފްސީލް - އޭސީސީ އިން އެކުލަވާލި ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެއީ އޭސީސީ ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން، ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ތަހުގީގުގެ ބޭނުމަށް ތައްޔާރުކުރި ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައިވާނީ ދެ އިދާރާއަކަށް ކަމަށެވެ.
އެ ދެ އިދާރާއަކީ؛
-
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް
-
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ
މި މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ހަފްތާގައި އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ ތަފުސީލު ހިއްސާކުރިކަން ފާހަގަކޮށް ބުނީ އެ މައުލޫމާތުގެ އިތުރަށް މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް އިތުރު އެއްވެސް ފަރާތަކާ ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފަކު ވެސް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
އާންމު ރައްޔިތުންނާ ގުޅުން ހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށާއި އެފަދަ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އޭސީސީ އިން ބުނީ އެ ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް މިންވަރެއްގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.