ގެދޮރުވެރިޔާ ފުރަތަމަ ބުރުގެ ދާއިމީ ލިސްޓާ މެދު ހިތްހަމަނުޖެހިގެން އާންމުން ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އޭސީސީއިން ލިސްޓެއް ފޮނުވައިފި؛ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް އެބަ ކުރަން: މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓުގައި 18،000 ވަރަކަށް މީހުން ތިބިއިރު، އޭސީސީގެ ތަހުގީގުގައި 4،000 ވަރަކަށް ފޯމު ބަލައި، %60 މީހުން ޝަރުތު ހަމަނުވާ ކަމަށް ވަނީ ބުނެފައި
10 ފެބްރުއަރީ 2024

މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތަކާ ގުޅޭ ގޮތުން އޭސީސީއިން ތަހުގީގުކޮށް، ބެލިބެލުމުން ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އޭސީސީއިން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމުގައި ވާތީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީއިން ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގުން މުހިންމު - 'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި އުސޫލާ ހިލާފަށް ލިބޭ މީހުންގެ ލިސްޓެއް އިއުލާންކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ފްލެޓް ހަވާލުކުރުން އޭސީސީން ހުއްޓުވައިފަ އެވެ.

ތަހުގީގު ކުރިއަށްދިޔަ ނަމަވެސް، ވަކި ކަންތައްތަކަށް ބަލައިގެން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގެދޮރުވެރިޔާ' ސްކީމުން ފްލެޓަށް އެދި 20،696 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 18،167 މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން އާންމުކުރި އެވެ.

އޭސީސީއިން ލިސްޓެއް ފޮނުވި ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު ތަހުގީގުގައި އެ ކޮމިޝަނުން ދިރާސާކުރީ 4،048 ފޯމެވެ.

އޭސީސީއިން ބުނި ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:

  • ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7

  • ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7

  • ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6

އިތުރު އާޓިކަލް

އިތުރު އާޓިކަލް