ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ 'އަމާން' ހައުސިން މަޝްރޫއުގެ އިމާރާތެއް (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ފްލެޓު ލިސްޓު ބާތިލް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އިން ދިން: އެޗްއާރުސީއެމް

ކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް ހައުސިން މިނިސްޓްރީ އިން އިއްޔެ ބުނި

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ދޭން ކަނޑައެޅި ލިސްޓު ބާތިލްކޮށް އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީ އިން ދީފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފްލެޓު ލިސްޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ ހައްގުތަކެއް ގެއްލިދާނެ ކަމަށް ބުނެ އެޗްއާރުސީއެމް އިން މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން އެޗްއާރުސީއެމް އިން ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނީ އެޗްއާރުސީއެމް އިން މިހާތަނަށް އޭސީސީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ކޮމިޝަނަށް މައްސަލަ ހުށަހެޅި ފަރާތާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ.

"އެގޮތުން، މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ވެސް މި މަޝްރޫއުގެ ދަށުން ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ ލިސްޓު ބާތިލްކޮށް އަލުން އިއުލާން ނުކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުން މި ކޮމިޝަނަށް ޔަގީންކަން ދެއްވާފައިވެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ މައްސަލާގައި އޭސީސީ އިން ގޮތެއް ކަނޑައަޅާފައި ވާތީ އެޓާނީ ޖެނެރަލްގެ ލަފައަކަށް އެދިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައިވާކަން ވެސް، އެޗުއާރުސީއެމުން ފާހަގަކުރި އެވެ.

އެޗުއާރުސީއެމްގެ ބައެއް މެމްބަރުން އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އެ މައްސަލަ އާ ގުޅޭ އިތުރު ލިޔެކިޔުން ހޯދަން އެޗްއާރުސީއެމް އިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.

އެޗްއާރުސީއެމް އިން ބުނީ މިއީ ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް ކަމުން އަވަހަށް މައްސަލަ ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - 'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި އުސޫލާ ހިލާފަށް ލިބޭ މީހުންގެ ލިސްޓެއް އިއުލާންކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު  އޭސީސީން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވައިފަ އެވެ.

ތަހުގީގު ކުރިއަށްދިޔަ ނަމަވެސް، ވަކި ކަންތައްތަކަށް ބަލައިގެން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފާހަގަ ކުރެވޭ - ފްލެޓު މައްސަލާގައި ހައުސިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ކަނޑައެޅި ފްލެޓުތަކާ ގުޅޭ ގޮތުން އޭސީސީއިން ތަހުގީގުކޮށް، ބެލިބެލުމުން ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް އެ މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ' ސްކީމުން ފްލެޓަށް އެދި 20،696 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 18،167 މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން އާންމުކުރި އެވެ.

އޭސީސީއިން ލިސްޓެއް ފޮނުވި ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު ތަހުގީގުގައި އެ ކޮމިޝަނުން ދިރާސާކުރީ 4،048 ފޯމެވެ.

އޭސީސީއިން ބުނި ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:

  • ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7

  • ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7

  • ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6

އިތުރު އާޓިކަލް

އިތުރު އާޓިކަލް