7 ފެބްރުއަރީ 2024 - ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގާ ބެހޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ފްލެޓަށް ޝަރުތު ހަމަވާކަން ދައްކަން ދޮގު ލިޔުން ދިން ކައުންސިލްތަކުގެ މައްސަލަ ބަލާނަން: އޭސީސީ
ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމަށް ޝަރުތު ހަމަވާ ކަމަށް ދައްކަން ކައުންސިލްތަކުން ދޮގު ލިޔެކިޔުންތަކެއް ދިން މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އެނގުން މުހިންމު - ގެދޮރުވެރިޔާ ސްކީމުގެ އުސޫލުގައި ފްލެޓަށް އެދި ހުށަހެޅުމުގައި ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އޭސީސީގެ މެމްބަރުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި އޭސީސީގެ ނައިބު ރައީސް އަބްދުއް ސަލާމް ވިދާޅުވީ ކައުންސިލްތަކުން ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށެވެ.
"އޭގެ އިތުރުން މިސާލަކަށް، ކައުންސިލްތަކުން، އަޅުގަނޑުމެންގެ މެންޑޭޓްގައި ހިމެނޭ ކުށެއް ނުވަތަ މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ އެ ނޫން ރިޝްވަތެއް ހުށަހަޅައިގެން ވަކި މައުލޫމާތެއް ވަކި ގޮަތަކަށް ދިނުން އަޅުގަނޑުމެންގެ މެންޑޭޓަށް ފެތޭކަމަށް ވާނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނަން،" އޭނާ ވިދާޅުވި އެވެ.
އެއީ ދޮގު މައުލޫމާތެއް ކަމަށް ވާނަމަ، މެންޑޭޓްގައި ނުހިމެނޭ ކަމެއް ވެއްޖެއްޔާ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަކި މައްސަލައެއްގެ ގޮތުގައި ފޮނުވާނެ ކަމުގެ ޔަގީންކަން އަރުވަން."
ސަލާމް ވިދާޅުވި ގޮތުގައި ކުންފުނިތަކާއި ކައުންސިލްތަކުން ދީފައި ހުރި ލިޔެކިޔުންތައް އެއްކުރަމުން އަންނަ ކަމަށާއިި ކޮމިޝަންގެ މެންޑޭޓަށް ފެތޭނަމަ ތަހުގީގެއް ކުރާނެ ކަމަށެވެ.
އެނގުން މުހިންމު - 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓަށް އެދި 20،696 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 18،167 މީހުން ފްލެޓަށް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓެއް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން އާންމުކުރި އެވެ.
ދާއިމީ ލިސްޓާ ގުޅޭގޮތުން އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބިނާކޮށް އޭސީސީއިން ކުރިއަށްގެންދާ ތަހުގީގުގައި އޭގެ ތެރެއިން 4،048 ފޯމެއް ވަނީ ބަލާފަ އެވެ. އަދި އެ ފޯމުތަކުގެ ތެރެއިން %59.6 ފޯމުތަކަކީ ޝަރުތުހަމަނުވާ ފޯމުތަކެއް ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.
ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ކައުންސިލްތަކާއި ކުންފުނިތަކުން ދޮގު ލިޔެކިޔުންތައް ހުށަހެޅުމާއި ކުރިން ސޯޝަލް ހައުސިން ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ހިމެނޭ ކަމަށް އޭސީސީއިން ބުނެ އެވެ.