ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ދިޔަމިގިލި އަށް ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)
ރައީސް ވިދާޅުވީ ހަގީގަތަށް: މަޝްރޫއުތައް ކުރިއަށް ގެންދާނީ އިގްތިސާދު ތަންދޭނަމަ
ރައްޔިތުންނަށް ކޮށްދެއްވަން ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ފުރިހަމަކޮށްދެއްވާނެ ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ތަރުތީބެއްގެ ތެރެއިން އިގްތިސާދު ތަންދޭ ވަރަކުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ ކަންތައް ރައްޔިތުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން ކަމަށެވެ.
ތަފްސީލް - ދިޔަމިގިލީގެ ތަރައްގީ އަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް އެބަހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ތަރައްގީ އަށްޓަކާ ކުރަންޖެހޭ ކަންކަމުގައި ސަމާލުކަން ދެއްވާނެ ކަމަށެވެ.
"މިހާރުގެ ހާލަތު، ގައުމުގެ އިގްތިސާދު މިއޮތް ހާލަތު މިކަމުގައި މި ހުރަހަކަށް ވަނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިގްތިސާދު ރަނގަޅު ކުރުމަށްޓަކާ މި ފަށާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ އަދި އިގްތިސާދު އިތުރަށް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށްޓަކާ މިހާރު ވެސް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެށިފައި ހުރި ކަންތައްތަކާ. މި ކަންތަކުގެ ނަތީޖާ އަކަށް ވާނީ މާ ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ ރަށްރަށުގައި ހުރި ތަރައްގީގެ ކަންކަމަށް ބޭނުންވާ ވަރަށް އާމްދަނީ އިތުރުވެގެން ދިޔުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރާ ހަވާލުވި އިރު ރާއްޖޭގެ ދަރަނި އޮތީ މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައި ކަމަށެވެ.
"ކޮންމެ ރައްޔިތެއްގެ ބޮލަށް ޖެހޭ [ދަރަނީގެ] ނިސްބަތް ވަނީ ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައި. ކުންފުނިތަކުން ދައްކަން ހުރި ދަރަނިތައް ވަރަށް ގިނަ. ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އެހާ ގިނަ،" ރައީސް ވިދާޅުވި އެވެ.
މިހާރު އޮތް ދަތި ހާލަތުން އަރައިގަނެވޭނެ ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކަށް މުއްސަނދިިކަން ލިބިގެންދާން. އިންޑިވިޖުއަލް، އެމީހަކަށް އެއިން ބާރުވެރިކަން، އިގްތިސޯދީގޮތުން ލިބިގެން ދާން،" ތަރައްގީގެ މަސައްކަތްތައް ބައްޓަން ކުރަނީ އެ މަގުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ދިޔަމިގިލި ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ތަރުތީބު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"މިގޮތަށް މަޝްވަރާ ކޮށްގެން އެކުލަވާލެވޭ ތަރުތީބެއްގެ މަތިން މި އަހަރު މި ރަށުގައި ގިނަ މަސައްކަތްތަކެއް އަޅުގަނޑު ފައްޓައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ދިޔަމިގިއްޔާއި މެދުފުށި ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެކަމޖުގެ ޔަގީންކަން އަރުވާ ރައީސް ވިދާޅުވީ އިގްތިސޯދު ހަމައަކަށް އެޅުމުން އެފަދަ މަސައްކަތްތައް ފެށުމަކީ އެމަނިކުފާނުގެ ވިސްނުން ކަމަށެވެ.
"ކޯޒްވޭ ޕްރޮޖެކްޓުވެސް އަދި ދެން ހުރި މަޝްރޫއުތައް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަން ދީގެން ރައއްޔިތުންނަށްޓަކާ ކޮށްދިނުމުގެ ނިޔަތުގައި ކޮށްދޭނަން،" ރިޔާސީ އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި - ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީކުރިއަށް އޮތް ދެތިން މަސް އިގްތިސާދީ ގޮތުން ދަތިވެދާނެކަމުގެ އިޝާރާތެއް މިއަދު ދެއްވައިފަ އެވެ.