ރައީސް މުއިއްޒު ރަސްމީ ހަފުލާއެއްގައި: ޖުލައިގެ ފަހުން ފަސޭހަވާނެ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކުރިއަށް އޮތް ދެތިން މަސް އިގްތިސޯދީ ގޮތުން ދަތިވެދާނެކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ ހާލަތު ވެސް ހަމައަކަށް އަޅުވަން ޖެހިފައިވާ ކަމަށާއި މަސައްކަތް ކުރައްވަނީ ދެމެހެއްޓެނިވި ތަރައްގީއެއް ގެނެސްދެއްވަން ކަމަށް

ކުރިއަށް އޮތް ދެތިން މަސް އިގްތިސޯދީ ގޮތުން ދަތިވެދާނެކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ރާވާލައިގެން ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ތަަފްސީލް - ރައީސް ވިދާޅުވީ އާމްދަނީ ހޯދަން ކުރާ މަސައްކަތް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށާއި މިއީ ހައްސާސް ވަގުތެއް ކަމަށެވެ.

"ކުރަން ނިންމާފައި ހުރި ކަންތައް ކުރުމުގައި ކުރިއަށް ދާއިރު މި ދެންނެވިހެން [ރޭވުންތެރިކަމާ އެކު] މަސައްކަތްކޮށްފިއްޔާ ކުރިއަށް އޮތް ތަނުގައި، ދެވަނަ ކުއާޓަރުން ފެށިގެން ގޮސް ތިންވަނަ ކުއާޓަރަށް ނޫނީ މެއި، ޖޫން، ޖުލައި ހިސާބުގައި. ނޫނީ ޖުލައިގެ ފަހަށް މާ ބޮޑަށް ފަސޭހަވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކުގެ ހާލަތު ވެސް ހަމައަކަށް އަޅުވަން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދެމެހެއްޓެނިވި ތަރައްގީއެއް ގެންނަވަން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ފަރާތުން ބޮޑު ދަރަންޏެއް ވާރުތަވެފައިިވާ ކަމަށާއި އެ ދަރަނީގެ ވަޅުގަނޑުން އަރައިގަނެ ރައްޔިތުންނަށާއި އިގްތިސޯދަށް ފައިދާވާނެ ގޮތަށް ކަންތައްތައް ކުރަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ވާރުތަވި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ނިންމާފައި ހުރި ކަންތައް އެގޮތަށް ކުރިއަށް ގެންދަން ޖެހޭ. އަޅުގަނޑުމެން މިގޮތަށް ފަށަން ހުރި މަޝްރޫއުތައް، ތި ލޮބުވެތި ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށްގެން ތަރުތީބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އިތުރުން އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ އެއްފަހަރާ ހުރިހާ މަޝްރޫއެއް ފަށަން ކަމަށެވެ. ނަމަވެސް އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން މަޝްރޫއުތައް ތަރުތީބު ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އެބަ ޖެހޭ މި ދެންނެވި އިގްތިސޯދީ ހާލަތު އޮތް ގޮތް ބަލައިގަނެ އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި މިކަންކަން ތަރުތީބު ކުރަން،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - އިއްޔެ ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވުރާއި އުންމީދު ހަގީގަތަކަށް ހެދޭނީ މާލީ ގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

6 ފެބްރުއަރީ 2024
ގައުމުއޮތީ ބަނގުރޫޓުވެފައޭ ކިޔައިގެން ވެރިކަމަށް އަރައި ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެކަނި ތިރީހަކަށް މިލިއަން ޚަރަދުކޮށްގެން ޖުމްހޫރީ މައިދާނުގައި ރައްޔިތުންގެ މަޖިލީހުގެ ނަކަލެއް ހަދައިގެން ކުރި ހުވަޔަށް 3 މަސް ވާންދާއިރު ރެކޯޑު އަދަދަކަށް މިނިސްޓަރުންނާއި އެފެންވަރު ބޭފުޅުންނާއި ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކޮންމެ ކުންފުންޏަކަށް އެތައް ބައިވަރު ޑެޕިއުޓީ އެމްޑީން އައްޔަންކުރުމަށްފަހު ރާއްޖެތެރެއަށް ގޮސް ރައްޔިތުންކައިރީގައި ކެތްތެރިވެތިބުމަށް އިލްތިމާސްކުރާއިރު ލަދުފުޅު ނުގަނޭތޯ؟
5 1

އަލިފުހާ

6 ފެބްރުއަރީ 2024
އެކަން އެނގި ތިބެ ދޯ ރަސްމާލެ ޕްރޮޖެކްޓް ފަށަނީ... 300 މިނިސްޓަރުން އައްޔަން ކުރީ... އަދި ހާހެއްހާ ވަޒީފާ ޕޮލިޓިކަލް ޑައިރެކްޓަރުންގެ ގޮތުގައި އައުވާނުންނަށް ބަހާލީ...؟ އޭ މިހިރަ ދިދައާއެވެ! ތިޔަ ދިދައަށް އިރު އޮސެން ކައިރިވަނީ ބާއެވެ؟
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް