ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫ އަށް ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)

ތ. ގުރައިދޫ

ބަޖެޓުން އުނިކުރި ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނަން: ރައީސް

ރައީސް ވިދާޅުވީ އިގްތިސޯދީ ހާލަތު އޮތް ގޮތުން މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބެއް އެކުލަވާލަން ޖެހިފައިވާ ކަމަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭ ވައުދުވެވަޑައިގެންނެވި ގޮތަށް ތ. ގުރައިދޫގައި އެއާޕޯޓު މަޝްރޫއު މި އަހަރު ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތ. އަތޮޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުން ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު އުނިކޮށްފައިވީ ނަމަވެސް އިތުރު ގޮތެއް ހޯދައިގެން އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.

ތަފްސީލް - އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ގުރައިދޫ ރައްޔިތުންނަށް ދެއްވައިފަ އެވެ.

"އަޅުގަނޑު ވައުދުވީ ގޮތަށް، ބަޖެޓުން މި ރަށުގެ އެއާޕޯޓު ހެދުމަށް ޖާގަ ދީފައި ނެތް ނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ. ހޯދާނަން. އިރާދަކުރެއްވިއްޔާ މި އަހަރު [އެއާޕޯޓުގެ މަސައްކަތް] ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ އިތުރުން ވެސް މުހިއްމު މަސައްކަތްތަކެއް ގުރައިދޫގައި ކުރަން އެބަހުރި ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް ތަރުތީބު ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ރަށްރަށުގައި ފެށިފައި ހުރި، ފަށަން ވެފައި ހުރި، ފަށަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ފަށަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ނިމިދިޔަ ސަރުުކާރުން ވާރުތަވި އިގްތިސޯދީ ހާލަތު އޮތް ގޮތް، އެއީ ހަގީގަތް ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ދުވަހަކު ވެސް ރާއްޖޭގެ އިގްތިސޯދު ވައްޓާނުލާ ވަރުގެ އަނދަވަޅަކަށް ވައްޓަލާފައި އޮތްކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް."

ރައީސް ވިދާޅުވީ އެ އަނދަވަޅުން އަރައިގަނެ ގައުމު ކުރިއަށް ގެންދަން ކުރާ މަސައްކަތުގައި ރައްޔިތުންގެ ޖީބަށާއި އިގްތިސޯދަށް ފައިދާވާ ގޮތަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ވާރުތަވި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ނިންމާފައި ހުރި ކަންތައް އެގޮތަށް ކުރިއަށް ގެންދަން ޖެހޭ. އަޅުގަނޑުމެން މިގޮތަށް ފަށަން ހުރި މަޝްރޫއުތައް، ތި ލޮބުވެތި ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށްގެން ތަރުތީބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވެސް އަދި  އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ އެއްފަހަރާ ހުރިހާ މަޝްރޫއެއް ފަށަން ކަމަށާއި ނަމަވެސް އިގްތިސޯދީ ހަލަތު މިހާރު އޮތް ގޮތުން މަޝްރޫއުތައް ތަރުތީބު ކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެންވީމާ އެބަ ޖެހޭ މި ދެންނެވި އިގްތިސޯދީ ހާލަތު އޮތް ގޮތް ބަލައިގަނެ އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި މިކަންކަން ތަރުތީބު ކުރަން،" ރައީސް ވިދާޅުވި އެވެ.

ކަމާ ބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޝްވަރާއާ އެކު މަޝްރޫއުތައް ކުރިއަށް ގެންދާނެ ތަރުތީބެއް ކަނޑައެޅުމުން ހުރި މަޝްރޫއުތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވި އެވެ.

ކޮމެންޓް (2)

ޙުއްބުލްވަޠަން

6 ފެބްރުއަރީ 2024
ބަޖެޓްގަ ނެތި ފައިސާ އިޤްތިޞާދީ ބަލިމަޑު ކަމުގައި އިންތިޚާބަށް ކަޑަ ނުޖައްސަވާ ކިހިނެއްތޯ ތިޔަ އެއަރޕޯޓެއް އަޅުއްވަނީ! އިތުރުފުޅު މައްޗަށް އިތުރުފުޅު
1 0

ތެފައާސާ.

6 ފެބްރުއަރީ 2024
ރައީސް މުއިއްޒުއަށް އެނގޭތޯ ބަޖެޓުގައި ނެތީސް، ކުރިއަށް އޮތް މަޖިލީސް އިންތިޚާބާއި ދިމާކޮށް ގުރައިދޫ އެއާރޕޯޓު އަޅަން ބަޔަކު ކަޑަޖަހާކަން؟ އެމަނިކުފާނު އިއްޔެގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއަޑުއެހިން އިންތިޚާބުތަކަށް ކަޑަޖެހުމުގެ ސަގާފަތް ނިމުނީކަމަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް