ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސި ބަޔާން އިއްވަނީ (ފޮޓޯ/މަޖިލިސް)
އަމާޒަކީ ދަރަނި ދަންތުރައިން ސަލާމަތްވެ ހަގީގީ މިނިވަންކަން ހޯދުން: ރައީސް
ރާއްޖޭގެ ތަރައްގީ އާއި ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވަރާއި އުންމީދު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށާއި އަމާޒަކީ ދަރަނި ދަންތުރައިން އަރައިގަނެ ހަގީގީ މިނިވަންކަން ހޯދުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ މިއިން ޒަމާނަކު ގައުމު ނުދަރާވަރަށް ދަރާފައި ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި ކަމަށެވެ.
"ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،" ރައީސް ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި ތަކެތީގެ އަގު އުފުލި، އިންފްލޭޝަން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޒިންމާދާރުކަން ކުޑަކޮށް މަނިޓައިޒްކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ޑިސެންބަރު 31 އިން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކޮށް އިގްތިސޯދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިހުރިހާ މަސައްކަތެއްގެ އަމާޒަކީ، ރައްޔިތުންނަށާ، މުޅި ދައުލަތަށް ވެސް ތިޔާގިކަން އިއާދަކުރުން. ދަރަނި ދަންތުރައިން ސަލާމަތްވުން. ސިޔާސީގޮތުން އަޅުގަނޑުމެންނަކީ މިނިވަން ގައުމެއްކަމުގައި ވިޔަސް، ކެރިފޯރުންތެރިކަމާ އިގްތިސޯދީ ފުދުންތެރިކަން ނެތި ހަގީގީ މިނިވަންކަމެއް ހާސިލެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.