އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ތެރެއިން: މިފަހަރުގެ މަޖިލިސް އިންތިހާބަށް ތިން ޕާޓީއަކުން 20 އަންހެން ކެންޑިޑޭޓުން ވާދަކުރައްވާނެ
އިދިކޮޅު ދެ ޕާޓީން އަންހެން 18 ކެންޑިޑޭޓުން؛ ޕީއެންސީން އެންމެ 2 ކެންޑިޑޭޓުން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ޖުމްލަ އަންހެން 18 ކެންޑިޑޭޓުން ނެރޭއިރު ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމުން ފުރުސަތު ލިބިވަޑައިގަތީ އަންހެން އެންމެ ދެ ބޭފުޅަކަށެވެ.
ވީ ކިހިނެއް؟ - އެ ތިން ޕާޓީން ނެރޭ ކެންޑިޑޭޓުން އިއްޔެ އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ބޭއްވި ޕްރައިމަރީއާ އެކު މިހާރު ވަނީ ޔަގީންވެފަ އެވެ. އެކަމަކު އަމިއްލަ ގޮތުން އަންހެން ބައެއް ބޭފުޅުން ނުކުންނަވާނެތީ، އިންތިހާބުގައި ވާދަކުރައްވާނެ އަންހެން ކެންޑިޑޭޓުންގެ އަދަދު ޔަގީންވާނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ލިސްޓް ނެރުނީމަ އެވެ.
ތަފްސީލު - އިއްޔެ އެމްޑީޕީން ޕްރައިމަރީ ބޭއްވިއިރު ވެސް 48 ދާއިރާއަކަށް ކުރިމަތިލި ކެންޑިޑޭޓުންނަށް، ޕްރައިމަރީއަކާ ނުލައި، ޓިކެޓް އޮތީ ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި ތިން އަންހެން ކެންޑިޑޭޓުން ހިމެނެ އެވެ. އެއީ؛
-
ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ޖީހާން މުހައްމަދު
-
މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން
-
ދަނގެތީ ދާއިރާއަށް ވާދަކުރައްވާ، ކުރީގެ މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހައްމަދު
ޖީހާން އާއި ރުގިއްޔާއަށް ޓިކެޓް ކަށަވަރުވީ، އެ ދެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވުމުންނެވެ. އިފްހާމްއަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާއަށް ވާދަކުރެއްވި ދެވަނަ ކެންޑިޑޭޓު ފަހު ވަގުތު ނަން ނެންގެވުމުންނެވެ.
އިއްޔެ އެމްޑީޕީން ޕްރައިމަރީ ބާއްވާފައި ވަނީ 40 ދާއިރާއެއްގަ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެއްވި އިރު އޭގެ ތެރޭގައި އަންހެން އަށް ކެންޑިޑޭޓުން ހިމެނުނެވެ. ޕްރައިމަރީ ކާމިއްޔާބުކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ:
-
ހުޅުމާލެ މެދު ދާއިރާ - ސަފާތު އަހްމަދު ޒާހިރު
-
ފުވައްމުލަކު ދެކުނު - ނަޒްރާ ނަސީމް
-
ތިނަދޫ ދެކުނު ދާއިރާ - ޒިފްލީނާ ހަސަން
ޕްރައިމަރީގައި ނާކާމިޔާބުވި ތިން ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހުގައި ތިން ވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީން އަދިވެސް ކެންޑިޑޭޓުން ފައިނަލްނުވާ ފަސް ދާއިރާއެއް އެބަ އޮތެވެ. އެ ދާއިރާތަކަށް ވެސް ކެންޑިޑޭޓުން ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ އަންހެން ކެންޑިޑޭޓުން އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި އަންހެން 13 ބޭފުޅުން ހިމެނޭއިރު 12 ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވި އެވެ. އެއީ:
-
1-
ގަލޮޅު އުތުރު ދާއިރާ- މިހާރުވެސް އެ ދާއިރާގެ މެންބަރު، އީވާ އަބްދުﷲ
-
2-
މަނަދޫ ދައިރާ - އާއިޝަތު އިބްރާހިމް
-
3-
ތިމަރަފުށި ދާއިރާ - ފާތިމަތު ޒިލްމާ
-
4-
ގުރައިދޫ ދާއިރާ - ލީލާ އިބްރާހީމް މަނިކު
-
5-
ފޮނަދޫ ދާއިރާ - އަޒްލިފާ ޔޫސުފް
-
6-
ހިތަދޫ އުތުރު ދާއިރާ - ޝަބީނާ އިބްރާހީމްދީދީ
-
7-
ހެންވޭރު އުތުރު ދާއިރާ - އިޝްރަތު ހަމީދު
-
8-
މައްޗަންގޮޅި ދެކުނު ދާއިރާ - އާމިނަތު މުނާ
-
9-
މާފަންނު ދެކުނު - އަފާފް އަހްމަދު ރަޝީދު
-
10-
މައްޗަންގޮޅި މެދު - އައިޝަތު އަލައިކާ އަދުނާން
-
11-
ހުޅުމާލެ މެދު - ޒީނަތު އަލީ
-
12-
ހުޅުމާލެ އުތުރު - ފާތިމަތު ހަމްދާ
ޕީއެންސީން ދެ އަންހެން ކެންޑިޑޭޓުން
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން މިދިޔަ މަހު ފަހުކޮޅު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި އެމްޑީޕީއަށް ވުރެ ހަތަރު ގުނަ ގިނައިން އަންހެން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެގޮތުން:
-
އަންހެން 32 ކެންޑިޑޭޓުން ބައިވެރިވި
-
ކާމިޔާބުވީ ހަމައެކަނި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދަށް
ޕްރައިމަރީއަކާ ނުލާ 13 ބޭފުޅަކަށް ޕީއެންސީގެ ޓިކެޓް އޮތީ ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ، ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، ފާތިމަތު ސައުދާ ހިމެނެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމާ އެކު އަންހެން ބައެއް ކެންޑިޑޭޓުން ފާޑުކިއުއްވި އެވެ. އެގޮތުން ވޯޓަކާ ހަމައަށް ދިއުމުން އަންހެނުންގެ އަގުވަޒަންކުރުން ނޯންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ. އަދި ތަައުލީމީ އެތައް އަންހެނުންނެއް ވާދަކުރެއްވި އިރު ވޯޓު ނުލިބުމަކީ އަންހެނުން ބާރުވެރިކުރަން ކުރާ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވެސް، ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވިދާޅުވި އެވެ.
ކޮމެންޓް (2)
ތަރާފަނާ
ތަބައް