އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ކެމްޕެއިނެއްގެ ތެރެއިން: މަޖިލިސް އިންތިހާބުގައި އެއްވެސް ގޮނޑިއަށް ވާދަނުކޮށް ދޫކޮށްނުލާނެކަމަށް އެޕާޓީން ބުނޭ (ފޮޓޯ/އަބްދުﷲ އިޔާން)

ފަސް ދާއިރާއަކަށް އަދި ކެންޑިޑޭޓުން ނެތަސް ހުރިހާ ގޮނޑިއަށް ވާދަ ކުރާނެ: އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު އޮތީ 40 ދާއިރާގެ ޕްރައިމަރީ؛ 48 ދާއިރާގެ ޓިކެޓް އޮތީ ކަށަވަރުވެފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފަސް ދާއިރާއަކަށް އަދި ކެންޑިޑޭޓުން ނެތް ނަމަވެސް، އެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެޕާޓީގެ ފަރާތުން ވާދަ ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ބުނީ، އަންނަ ހޮނިހިރު ދުވަހު އެޕާޓީގެ މަޖިލިސް ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕާޓީ އޮފީހުގައި އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - އެމްޑިޕީންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ޕްރައިމަރީއަކާ ނުލައި 48 ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ހޮނިހިރު ދުވަހު އިންތިހާބު އޮންނަނީ 40 ދާއިރާއަކަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޖުމްލަ 93 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާއިރު އެމްޑީޕީން އަދިވެސް ކެންޑިޑޭޓުން އިއުލާން ނުކުރާ ފަސް ދާއިރާއެއް ހިމެނެ އެވެ. އެއީ:

  • 1-

    ފެލިދޫ ދާއިރާ

  • 2-

    ނިލަންދޫ ދާއިރާ

  • 3-

    އޭދަފުށި ދާއިރާ

  • 4-

    ތިމަރަފުށި ދާއިރާ

  • 5-

    ފުވައްމުލަކު އުތުރު ދާއިރާ

އެމްޑީޕީގެ ފަރާތުން އެ ފަސް ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުން އިއުލާންނުކޮށް އޮތީ އެ ދާއިރާއަށް ޕާޓީގެ ފަރާތުން ވާދަ ނުކުރާތީތޯ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލު ކުރުމުން އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ހުރިހާ ގޮނޑިއަކަށް ވެސް އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކަމަށެވެ.

"އިއުލާން ކުރިކުރުމުގެ ތެރޭގައި ކެންޑިޑޭޓުން ފޯމު ހުށަނާޅާ ދާއިރާތަކެއްގެ ވާހަކަ ތި ވިޔަ ދާޅުވަނީ [އެ ފަސް ދާއިރާއަކީ]. އަޅުގަނޑުމެން ހުރިހާ ދާއިރާއަކަށް ވެސް ވާދަ ކުރާނެ، އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވެސް ވާދަ ކުރާނެ. އެ ފަސް ދާއިރާ ނުވަތަ ހަ ދާއިރާއަށް ކެންޑިޑޭޓަކު ހޯދަމުން މިދަނީ،" ފަލާހް ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

އެ ފަސް ދާއިރާގެ ޕްރައިމަރީއަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލިނަމަވެސް، މިހާރު އެ ދާއިރާތަކަށް ބައެއް ބޭފުޅުން މިހާރު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.

"މި ޕްރައިމަރީ ނިމުނީމަ، ކެންޑިޑޭޓުން އިއުލާން ކުރަމުންދާއިރު އެ ތަންތަންވެސް ފުލްފިލްވެގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." އޭނާ ވިދާޅުވި އެވެ.

އެ ދާއިރާތަކަށް އެމްޑީޕީން ވާދަ ނުކޮށް އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީއަށް ނުވަތަ އެހެންވެސް ޕާޓީއަކަށް  ދޫކޮށްލުމުގެ ފުރުސަތެއް ނުވަތަ އެފަދަ 'ޑީލް'އެއް ހަދާފައިވާނެތޯ އެހުމުން ފަލާހް ވިދާޅުވީ، 'ނޫން' ކަމަށެވެ.

"ނޫން، ނެތް އިނގޭތޯ. އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވާދަ ކުރާނީ އިނގޭތޯ. އަޅުގަނޑުމެންގެ ކެންޑިޑޭޓުން އެއަށް [އެ ދާއިރާތަކަށް] ޝައުގުވެރިކަން ފާޅުކޮށްފިކަމުގައިވާނަމަ، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް އެ ތަންތަން ދޫކޮށްލާނީ،" އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ފަލާހް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް