މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން: ހޮނިހިރު ދުވަހު ބާއްވާ އެޕާޓީގެ މަޖިލިސް ޕްރައިަމރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓުން ވާދަ ކުރޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްޑީޕީ މަޖިލިސް ޕްރައިމަރީ: 40 ދާއިރާއަކަށް 149 ކެންޑިޑޭޓުން ވާދަ ކުރޭ

މި އިންތިހާބުގައި 40 ދާއިރާއަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 25،300އެއްހާ މީހުންނަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ބުނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕާޓީ އޮފީހުގައި އިންތިހާބާ ބޭހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ 40 ދާއިރާއަކަށް ބާއްވާ މި ޕްރައިމަރީގައި 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އޭގެ އިތުރުން މާލޭގައި 27 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ޖުމްލަ 122 ފޮށި މި އިންތިހާބުގައި ބަހައްޓާނެ އެވެ.

"އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 25،325 މެންބަރުންނަށް،" އެއީ ޕްރައިމަރީއަކަށް ކުރިމަތިލި 16 ޑިސެމްބަރުގެ ނިޔަލަަށް، އެ 40 ދާއިރާއަށް އިލެކްޝަންސްގެ ދަފްތަރުގައި ތިބި މެންބަރުންކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

އޭގެ އިތުރުން އޭނާ ވިދާޅުވި ކޮންމެ ފޮއްޓެއްގައި ވެސް ވޯޓުލެވޭ މީހުންގެ ދެ ލިސްޓެއް އޮންނާނެ ކަމަށެވެ. އެއީ:

  • މާލެއަށް ރަޖިސްޓްރީވެފައިވާ ލިސްޓް

  • ރަށަށް ވޯޓުލެވޭ މީހުންގެ ލިސްޓު

"މާލެއަށް ރަޖިސްޓްރީވެފައިވާ ލިސްޓުގައި މި އޮންނަނީ، ރިޔާސީ އިންތިހާބުގައި އެންމެފަހުން މާލެއަށް ރަޖިސްޓްރީވެފައި ތިބި މީހުން. އިތުރު ތަނަކަށް ވޯޓުލައްވަން ބޭނުންވާ ނަމަ، ނުވަތަ ރަށަށް ބަދަލުވާކަމަށްވާ ނަމަ، ރަޖިސްޓްރީ ވެގެން ބަދަލުވާ ގޮތަށް މި އޮންނަނީ،" ރީ-ރެޖިސްޓްރީ ކުރާ ގޮތަށް އެތެރޭގެ އިންތިހާބެއް މި ބާއްވަނީ މުޅިން އަލަށްކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވި އެވެ.

"އޭގެ އިތުރުން، ރިސޯޓުތަކަށް [ރިޔާސީ އިންތިހާބުގައި] ވޯޓުލީ މީހުން އޮންނާނީ ރަށަށް ވޯޓުލާ ގޮތަށް. ދެން މާލެއަށް ވޯޓުލާން ބޭނުންވާ ނަމަ، ރީ-ރަޖިސްޓްރީވަން ޖެހެނީ."

މި އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހު 24އަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ މުއްދަތުގައި 1،200 އެއްހާ މީހުން ރީރަޖިސްޓްރީވެފައިވެ އެވެ.

ވޯޓުލާ މަރުކަޒުތައް:

  • މާލޭގައި ވޯޓު ފޮށި ބެހެއްޓީފައިވަނީ ދެ ސްކޫލެއްގައި؛ އެއީ، މަޖީދިއްޔާ ސްކޫލްގައި އަދި ޖަމާލުއްދީން ސްކޫލް

  • ހުޅުމާލޭގައި؛ އުތުރު ދާއިރާ ފޮށި ކާމިލްދީދީ ޕްރީސްކޫލްގައި، ދެކުނު އަދި މެދު ދާއިރާއަށް މުހައްމަދު ގާސިމް ޕްރީސްކޫލްގައި

  • ގިނަ ރަށްތަކުގައި ފޮށިތައް ހުންނަނީ އެ ރަށު ސްކޫލެއްގައި އަދި ބައެއް ރަށްތަކުގައި ޕާޓީ ހަރުގޭގައި ވެސް ހުންނާނެ

ފާހަގަކޮށްލެވޭ ކަމެއް - ޕްރައިމަރީ 40 ދާއިރާއަކަށް ބާއްވާއިރު، 48 ދާއިރާގެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުންނާއި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް