ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ.

ގައިދީން ގެންނަ ލޯންޗު ހަލާކުވުމުން ނައީމާގެ މަރުގެ އަޑުއެހުންތައް ކެންސަލް

މިއީ އާންމުންގެ ޝައުގުވެރިކަން އޮތް މައްސަލައެއް ކަމަށް ބަލައި، މައްސަލައިގެ މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުގައި ފެންނާނެ ގޮތް ހަދައިފި

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް ފަށަން މިއަދު ތާވަލު ކުރި އަޑުއެހުންތައް، ކަރެކްޝަންސްގެ ލޯންޗު ހަލާކުވުމުގެ ސަބަބުން ކެންސަލް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް މިއަދު ބާއްވަން ތާވަލުކޮށްފައިވަނީ:

  • ހެނދުނު 9 ޖަހާއިރު އަޑުއެހުމެއް

  • މެންދުރު 11 ޖަހާއިރު އަޑުއެހުމެއް

މި އަޑުއެހުންތައް މިހާރު ވަނީ ކެންސަލް ވެފަ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ބުނީ، މި ދެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ، ގައިދީން ގެނެއުމަށް ބޭނުންކުރާ ލޯންޗެއް ހަލާކުވެގެން މާފުށިން މާލެއަށް މީހުން ނުގެނެވޭތީ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މިއަދަށް ތާވަލުކޮށްފައި އޮތީ:

  • 9 ޖަހާއިރަށް ތަވާލުކޮށްފައި އޮތީ މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލްވާހިދު ރިފާސް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 11 ޖަހާއިރަށް ތާވަލުކޮށްފައި އޮތީ މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

މި ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ކުރަނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުން

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން

މި މައްސަލާގައި ދެން ހިމެނޭ، މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ފުރަތަމަ ހައްޔަރުކުރި އަހްޒަމް އަބްދުއްޝަކޫރު، 23،ގެ އަޑުއެހުމެއް ވެސް މިއަދު 1 ޖަހާއިރު ބާއްވަން އޮތީ ނިންމާފަ އެވެ. ނަމަވެސް، އެ އަޑުއެހުން އަދި ތާވަލެއް ނުކުރެއެވެ. 

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ. 

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭގަ އެވެ. އޭގެ ފަހުން މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް