ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ.

ނައީމާ މަރާލާފައި އޮތް ތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިއްޖެ

މި މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު އެބަތިބި؛ ފުލުހުން މިހާރު ދަނީ ޑީއެންއޭ ކްރޮސްމެޗު ހެދުމުގެ މަސައްކަތް ކުރަމުން

ނ. މަނަދޫގައި މިދިޔަ މަހު މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު ފެނުނު ތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިފައިވާ ކަމަށް 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެެއް؟ - ނައީމާ، 62، ދިރިއުޅެމުންދިޔަ އަދި އޭނާގެ ރަޖިސްޓްރީ އޮންނަ އެ ރަށު އަންނާރުމާގޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 7ގަ އެވެ. އެގޮތުން:

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ކަރުގައި ވެސް ޒަހަމްތަކެއް ހުރި

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހުގެ ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވޭ؛ އޭގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

ތަފްސީލު - ފުލުހުންގެ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ނައީމާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފުލުހުން ހޯދި ހެކިތަކުން، އޭނާގެ ޑީއެންއާ ދިމާ ނުވާ، އެހެން މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ އެވެ.

"ފުލުހުން މިހާރު ދަނީ އެއީ ކާކުގެ ޑީއެންއޭއެއްތޯ ބަލަމުން،" މިކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު. (ދައުރު ފޮޓޯ)

ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އެކަކު ކަމެއް ނުވަތަ އެއަށް ވުރެ ގިނަ މީހުން ކަމެއް އަދި ކަށަވަރެއް ނޫނެވެ.

"ޑިއެންއޭ ކޮރޮސްމެޗު ހެދުމަށް ފަހު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެރެސްޓެއް [ހައްޔަރު] ކުރެވޭނެ ކަމަށް އުންމީދު ކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގުން މުހިންމު - މީގެ ދެ ހަފްތާއްހާ ދުވަސް ކުރިން ފުލުހުން ވަނީ، ރަށުގެ ބައެއް މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ނައީމާ މަރާލިތާ މިހާރު މަހެއްހާ ދުވަސްވެފައި ވާއިރު، އެ މަރުގެ ހަގީގަތް ނުހޯދޭތީ ބައެއް ފަރާތަކުން ކަންބޮޑުވުން އެބަ އޮތެވެ. ނަމަވެސް، މި މައްސަލައިގެ ބާވަތުންނާއި ނައީމާ އެކަނި ދިރިއުޅެމުންދިއުމާ އަދި އެ ރަށުގައި ސީސީޓީވީ ނެތުމުން ފުލުހުންނަށް ވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކޮމެންޓް (1)

ފީއަލީ

5 މޭ 2023
ތަހުގީގު މަރުހަލާގައިވާ ކަންތައްތަކުގެ ހަބަރު ބުންޏޭ ބުންޏޭ ކިޔާ ނުފަތުރާ ކުއްވެރިޔާ އަށް ރެކެން މަގުފަހިވެދާނެ. ރަސްމީކޮށް ތިޔަމައުލޫ މާތު ލިބެންދެން ކެތް ނުލެވެނީތޯ؟
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް