ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާގެ ބޭހަށް ބަރޯސާވުން ކުޑަކޮށް، ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ފަށައިފި

ރައީސް ވިދާޅުވީ 'އާދައިގެ ބޭސް' ގެނައުން ހުއްޓާލައި ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް

އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދެންމެއަކު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގަ އެވެ. 

ބުނީ ކީކޭ؟ - "އާދައިގެ ބޭސް [ގެނައުން] ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،" ރައީސް ވިދާޅުވި އެވެ.

ތަފްސީލު -  ރައީސް ވިދާޅުވި ގޮތުގައި، މިހާރުން ފެށިގެން އެ މަސައްކަތް ފަށައި މާ ލަސްތަކެއް ނުވެ ރާއްޖެއިން އެތެރެ ކުރާނީ "ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން"ނެވެ.

"އެހެންވީމަ، ވަކި ގައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ... އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިހާރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭސް އެތެރެ ކުރަނީ އިންޑިއާ އިންނެވެ. އެ ގައުމާ އެކު އޮތް ގުުޅުން ގޯސްވެފައިފައި ވާއިރު، އިންޑިއާއަށް ބަރޯސާވެގެން ކުރާ ގިނަ ކަންކަން ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާކަން މިއަދު ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އެ ވާހަކަތަކުގައި އިންޑިއާގެ ނަން ނުގެންނެވިޔަސް، އެ ގައުމަށް ނިސްބަތްކުރައްވައި އެ މަނިކުފާނު ވަނީ ވަރުދަގަދަ ރައްދެއް ވެސް ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް