އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި މަޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ނަޒީރު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓޫރިޒަމް

ޑެޕިއުޓީ މިނިސްޓަރުންގެ ކޮމެންޓުތައް މަޓީން ކުށްވެރިކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ދަމަހައްޓާ، އެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އަމަލުތައް ނުކުރުމަށް އެ ޖަމިއްޔާއިން ގޮވާލި
8 ޖެނުއަރީ 2024

ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ރައްދުކޮށް ކޮމެންޓު ކުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ކުށްވެރިކޮށް، މަޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ގޮވާލީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ދަމަހައްޓާ، އެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އަމަލުތައް ކުރުމާއި ވާހަކަތައް ދެއްކުން ހުއްޓާލުމަށެވެ.

މަޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • އިންޑިއާއަކީ ރާއްޖޭގެ އަވައްޓެރި، ގާތް ގައުމެއް؛ ރާއްޖޭގެ ތާރީހުގައި ދިމާވި އެކިއެކި ހާދިސާތަކުގައި އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ އިންޑިއާއިން

  • އިންޑިއާގެ ސަރުކާރުންނާއި އިންޑިއާގެ ރައްޔިތުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމަށް އެ ޖަމިއްޔާ އިން ޝުކުރުވެރިވާ ކަމަށް ބުނި

  • އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބައިވެރިއެއް؛ ކޮވިޑްގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގައި އިންޑިއާގެ ބޮޑު ހިއްސާއެއްވޭ

  • އޭގެ ފަހުން އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓަށް ވަނީ ވެފައި

ގުޅުން ހުރި - އިންޑިއާއަށާއި އެގައުމުގެ ބޮޑުވަޒީރަށް ބަދުބަސް ރައްދު ކުރި މައްސަލާގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އެއީ:

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

އެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ކިހާ މުއްދަތަކަށްތޯ، ނުވަތަ މުސާރަ ހިނގާ ގޮތަށްތޯ ނޫންތޯ 'ދައުރު'އިން ކުރި ސުވާލުތަކަށް ރައީސް އޮފީހުން ޖަވާބެއް ނުދެ އެވެ.

އެ މައްސަލާގައި، އިންޑިއާގައި ހުންނަ ދިވެހި ސަފީރު އެ ގައުމުގެ ހާރިޖީ ވުޒާރާއަށް މިއަދު ހާޒިރުކޮށް އެ ތިން ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިކުރަން އިންޑިއާ ސަރުކާރުން ޑިމާންޑް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ 'ހިންދުސްތާން ޓައިމްސް' އިން ރިޕޯޓުކޮށްފައިވެ އެވެ.

ފަސްމަންޒަރު - މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ މި ފަހުން އެ މަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމުކުރައްވައިފަ އެވެ.

އެއާ އެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯއަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖެ ފަދަ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގަވައިދެއްވަން އާންމު ކުރެއްވި ވީޑިއޯއެއް ކަމަށް ބުނެފަ އެވެ.

މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ "ޗައިނާގެ ޕަޕެޓު ގައުމެއް" ކަމަށް ބުނެފަ އެވެ. އަދި އެއީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު، އެކްސްގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދީފަ އެވެ.

މި މައްސަލަގަނޑު ފަޅައިގެން ގޮސް، އިންޑިއާގެ ބައެއް އާންމުންނާއި މަޝްހޫރު ފިލްމީ ތަރިން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ނައުމަށް ގޮވާލާ ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން:

  • އެ މީހުންނަށް އިހުތިރާމު ނުކުރާ ބަޔެއްގެ ގައުމަށް އަންނަން ބޭނުން ނުވާ ކަމަށް އިންޑިއާގެ އޭ ލިސްޓު ބައެއް ތަރިން ވެސް ވަނީ ބުނެފައި 

  • އެއާ އެކު، އިންޑިއާގެ ލަކްޝަދީޕަށް ޗުއްޓީއަށް ދާން ހިތްވަރުދީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައި

އިންޑިއާގެ ބައެއް ފަތުރުވެރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ހަދާފައިވާ ބުކިންތައް ކެންސަލްކޮށް ރާއްޖެ ބޮއިކޮޓް ކުރަން ފަށައި ބޭނުންކުރަމުންދާ ހޭޝްޓެގް، '#ބޮއިކޮޓްމޯލްޑިވްސް' ވަނީ އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޓްރެންޑުވާން ފަށައިފަ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ރިސޯޓުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ގޫގުލް އާއި ބުކިން ވެބްސައިޓުތަކަށް އިންޑިއާ މީހުން ވަނީ ކޮމެންޓުކުރަން ވެސް ފަށާފަ އެވެ.

އެނގުން މުހިއްމު - ފާއިތުވި ހަތަރު އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް