ފުލިދޫގެ ގޮނޑުދޮށުގައި ޓޫރިސްޓުންތަކެއް މަހާއި މިޔަރަށް ކާންދެނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އިންޑިއާ މީހުން ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ވެބްސައިޓުތަކަށް ހަމަލާ ދެނީ
އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓުކޮށް، އިންޑިއާ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ ސޯޝަލް މީޑިއާ ކެމްޕޭނު ވަރުގަދަކޮށް، ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ރިސޯޓުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ގޫގުލް އާއި ބުކިން ވެބްސައިޓުތަކަށް ކޮމެންޓުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ފަހުން އެ މަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރައްވައިފަ އެވެ.
އެއާ އެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި، ގައުމުގައި ތިބެގެން ވެސް ރާއްޖެ ފަދަ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގައިދެއްވަން އާންމު ކުރެއްވި ވީޑިއޯއެއް ކަމަށް ބުނެފަ އެވެ.
މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ "ޗައިނާގެ ޕަޕެޓު ގައުމެއް" ކަމަށް ބުނެފައެވެ. އަދި އެ ވީޑިއޯ އަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު، އެކްސްގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދީފަ އެވެ.
ތަފްސީލު - މި މައްސަލަގަނޑު ފަޅައިގެން ގޮސް، އިންޑިއާގެ ބައެއް އާންމުންނާއި މަޝްހޫރު ފިލްމީ ތަރިން ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ނައުމަށް ގޮވާލާ ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން:
-
އެ މީހުންނަށް އިހުތިރާމު ނުކުރާ ބައެއްގެ ގައުމަށް އަންނަން ބޭނުން ނުވާ ކަމަށް އިންޑިއާގެ އޭ ލިސްޓު ބައެއް ތަރިން ވެސް ވަނީ ބުނެފައި
-
އެއާ އެކު، އިންޑިއާގެ ލަކްޝަދީޕަށް ޗުއްޓީއަށް ދާން ހިތްވަރުދީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައި
ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭނު ވަރުގަދަކޮށް، އިންޑިއާގެ ބައެއް އާންމުންގެ މީހުން ދަނީ ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، އެ ރިސޯޓުތަކުން ދޭ ހިދުމަތް ދަށް ކަމަށާއި ރާއްޖެ އަކީ ފަތުރުވެރިން ޒިޔާރަތް ކުރަން ކަމުދާ ތަނެއް ނޫން ކަމަށް ބުނަމުންނެވެ.
ބައެއް މީހުން، މީގެ ކުރިން ދީފައިވާ ރިވިއުތައް އެޑިޓުކޮށް، މިހާރުގެ ހާލަތަށް ބަލައި ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ރޯވެފައިވާ ހުޅުގަނޑު ނިއްވާލައި އަލިފާނުގެ ހޫނު ފިނިވަންދެން ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށް، މީގެ ކުރިން ރާއްޖެ އައިސް، ރާއްޖޭގައި އުފާވެރި ޗުއްޓީތައް ހޭދަކޮށްފައިވާ އިންޑިއާގެ ބައެއް މީހުން ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - މަތީފަންތީގެ ހިދުމަތް ދޭ ރިސޯޓުތަކުގެ ރޭޓިން 'ވަން ސްޓާ'އަށް ދަށްކުރަން ފަށާފައި ވާއިރު، ގެސްޓުން ދޭ ރޭޓިން އަކީ މުސްތަގުބަލުގައި ރިސޯތުތަކަށް ބުކިން ހައްދާ ފަތުރުވެރިން އެތަނަށް ދާން ނިންމުމުގައި ގޮތް ކަނޑައަޅަން ބަލާ އެއް ކަންތަކެވެ.
ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ދަށް ރިވިއުތައް ދޭން ފަށާފައި ވާއިރު، އިއްޔެ އިން ފެށިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ވެބްސައިޓުތަކަށް ސައިބާ ހަމަލާތައް އަމާޒުވާން ވަނީ ފަށައިފަ އެވެ.
އެފަދަ ހަމަލާތަކެއް ރިސޯޓުތަކުގެ ވެބްސައިޓުތަކަށް އަމާޒުވާން ފަށާފައިވަނީ، ރައީސް އޮފީހައި ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ސައިބާ ހަމަލާތަކެެއްދީ މީގެ އެއް ދުވަސް ކުރިން އެ ވެބްސައިޓުތައް ޑައުންކޮށްލި ފަހުންނެވެ.
ކޮމެންޓް (2)
ޗޯޜު އިބޫ
ދަވާލާ