މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓްލޭޑީ، ސާޖިދާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ސާޖިދާއަށް ހަމަޖައްސައިދޭ 'ހާއްސަ އުސޫލާ' ގުޅޭ ގޮތުން ސީއެސްސީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަނީ

ކޮމިޓީގެ މެންބަރުން ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ސާދިޖާ ވަޒީފާ އަދާ ކުރަމުންދިޔަ އޮފީހުގެ މުވައްޒަރުން ދަނީ ކަންބޮޑުވުން ފާޅުކުރުމުން

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދާ ކުރައްވަމުން ގެންދަވާ ވަޒީފާ އެ ކަމަނާއަށް ހާއްސަ ކުރުމާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ހާއްސަ އުސޫލެއް ހަމަޖައްސަން އުޅޭ ކަމަށް ބުނާ މައްސަލާގައި އެ ކޮމިޝަންގެ ވެރިން ހާޒިރުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ އެ ކޮމިޓީގެ ސަމާލުކަމަށް ގެނައީ، ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޔައުގޫބް އެވެ.

ބުނީ ކީކޭ؟ - "ސާޖިދާ ސިވިލްސާވިސްގެ ވަޒީފާގައި ހުންނަން ބޭނުންވާތީ, ފަސްޓް ލޭޑީއަށް ފިޓުވާ ގޮތަށް މިއިން ދުވަހަކު ވެސް މީގެ ކުރީގައި އެ ކޮމިޝަނުން އަމަލު ނުކުރާ ގޮތަށް ވަކި މަގާމެއް އުފައްދައި, އެ މަގާމުގައި އެ ވަޒީފާ އަދާކުރެވޭނެ ގޮތަށް މާހައުލު ބައްޓަންކޮށް, އެ މަސައްކަތް ސީއެސްސީން ކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވެންޓުންގެ މެދުގައި އޮތަތީ،" އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން ތެރެއިން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ(ދައުރު ފައިލް ފޮޓޯ/އަނާމް އަޒްމީލް)

ތަފްސީލު - ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މިދިޔަ މަހު ކުރީކޮޅު ސާޖިދާ ވަނީ، ރައީސް ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް އެކަމަނާ ފުރުއްވަމުން ގެންދެވި މަގާމުގައި ދެމި ހުންވުމުގެ ހުއްދައަކަށް ސީއެސްސީގައި އެދިވަޑައިގެންފަ އެވެ. 

އެކަމަނާ ފުރުއްވަމުން ގެންދެވި މަގާމަކީ، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމެވެ.

ފަސްޓް ލޭޑީގެ ގޮތުގައި ވެސް އެ މަގާމުގައި ދެމިހުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް، ސީއެސްސީން ވަނީ މިދިޔަ މަހު 13ގައި ބުނެފަ އެވެ. އެ ނިންމުމަށް އާންމުންގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.

ކޮމިޓީގައި ޔައުގޫބު ދެއްކެވި ވާހަކަތަކަށް އެމްޑިޕީގެ ޑެޕިއުޓީ ޗެއާޕާސަން، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމްއެފްޑީގެ އެހެން މުވައްޒަފުންގެ ފަރާތުން ކަންބޮޑުވުން އޭނާއާ ހަމައަށް ވެސް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެ ކަންބޮޑުވުންތައް ސާފު ކުރުމަށް ސީއެސްސީގެ މެންބަރުން ހާޒިރުކުރަން ކޮމިޓީއަށް ފެންނަ ނަމަ، އެކަން ވެސް ކުރުމަށް އޭނާ ހިޔާލު ދެއްވި އެވެ. އެ ހިޔާލަކީ ހުށަހެޅުމެއް ކަމަށް ބަލައި، ޔައުގޫބު ތާއީދު ކުރެއްވި އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީން މިއަދު ނިންމީ، ސީއެސްސީގެ މެންބަރުން ހާޒިރުކުރުމަށް

ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އޭނާއާ ހަމަށް ވެސް އެ ކަންބޮޑުވުން މުވައްޒަފުންގެ ފަރާތުން އައުމުން އެކަން ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހް އަށާއި އެހެން މެންބަރުންގެ ވެސް ސަމާލުކަމަށް ވެސް ގެންނެވި ކަމަށެވެ.

"ދެން އެ މެސެޖާ ގުޅިގެން އެ ބޭފުޅުން ނޯޓެޑް ކަމަށް ދަންނަވާފައި އިނީ،" ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ރޮޒައިނާ އާދަމް

ނުރަސްމީ ބައިގައި އެ މެސެޖްގެ ތަފްސީލުތައް ކޮމިޓީގެ މެންބަރުންނާ ހިއްސާކުރުމަށް ފަހު، އަހްމަދު އަބްދުﷲގެ ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރުމުން، ރޮޒައިނާ ނިންމެވީ މިކަމުގައި ސީއެސްސީ ހާޒިރުކުރުމަށެވެ.

"އެހްނެވީމަ، ސިވިލް ސާވިސް ކޮމިޝަން[ގެ މެންބަރުން] އެންމެ އަވަހަށް ވަޑައިގެންނެވޭނެ ދުވަހަކަށް އަޅުގަނޑުމެން އެރޭންްޖުކޮށްލާނަން. ދެން އެންމެ އަވަހަކަށް ޖަލްސާއެއް ބޭއްވޭނެ ދުވަހަކީ، ހޯމަ ދުވަސް." ރޮޒައިނާ ވިދާޅުވި އެވެ.

ހޯމަ ދުވަހަށް އެބޭފުޅުންނަށް ވަޑައިގެންނެވޭނެތޯ ބެލުމަށް ފަހު، އެ ދުވަހަށް އެ ޖަލްސާ އެޖެންޑާ ކުރައްވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

ދީމުގުރާތުސް

7 ޑިސެމްބަރު 2023
އަސްތާ ރައީސް ޑަކްޓަރު މުއިއްޒު ވިދާޅުވީ ޝައުރޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީއޭ. ވިދާޅެއްނުވޭ ސިވިލް ސާވިސްއަށް ނުފޫޒު ފޯރުވުން ނިމުނީއޭ. ރޮޒޭމެން ދެންހަމަ އަބަދުވެސް އިންސާފުގެ ދަތުރުގައި.
1 0

މާލޭ އަދުރޭ

7 ޑިސެމްބަރު 2023
ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް ތިފުރުސަތު އޮންނަންވާނެ ހަމަހަމަ ކަމާއެކީ ސިވިލް ސާވިސް ވެގެން ނުވާނެ ވަކިމީހެއްގެ ޔުނީފޯމް ފަހާބަޔަކަށް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް