
ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު (ކ)، މުއިއްޒު އައްޑޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ޕީޕީއެމް)
ސާޖިދާ އަދިވެސް ސިވިލް ސާވިސް ވަޒީފާގައި ހުރުމުން ފާޑުކިޔުން އަމާޒުވެއްޖެ
ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ވެސް، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އޭނާ އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސް ވަޒީފާގައި ހުންނެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެނގުން މުހިއްމު - ސާޖިދާ މިހާރު ވެސް ހުންނެވީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސާޖިދާ ވަނީ ފަސްޓް ލޭޑީއަށް ވެވަޑައިގަތުމަށް ފަހު ވެސް އެ މަގާމުގައި ދެމިހުންނެވުމުގެ ހުއްދައަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. ސީއެސްސީން އޭރު ބުނެފައިވަނީ، ސާޖިދާ އެ މަގާމުގައި ދެމިހުންނެވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ވީ ކިހިނެއް؟ - ނަމަވެސް، ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުން ދެކޭ ގޮތުގައި، ފަސްޓް ލޭޑީއަށްވެ ހުރެ ސާޖިދާ ސިވިލް ސާވިސް ވަޒީފާއެއް އަދާ ކުރައްވަމުން ގެންދެވުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށޫއަރާ ކަމެކެވެ.
އެކަމުގެ ސަބަބުން، އޭނާ މަސައްކަތް ކުރަމުންދާ އޮފީހުގެ އޮނިގަނޑަށް އަސަރުކޮށް، މަސައްކަތުގެ މާހައުލުގައި ގޮންޖެހުންތައް އުފެދޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ. އަދި ސާޖިދާ ސިވިލް ސާވިސް މަގާމެއްގައި ހުންނެވުމުގެ މާނަ އަކީ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެ މުސާރަ ލިބުންކަން ވެސް ބައެއް މީހުން ފާހަގަކުރި އެވެ.
އެނގުން މުހިއްމު - ރައީސް އާއި ނައިބު ރައީސްގެ އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން:
-
ރައީސްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށް އެލަވަންސެއްގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ދޭން ޖެހޭ
-
ރައީސްގެ މުސާރަ އަކީ 100،000ރ.؛ އެހެންކަމުން، ފަސްޓް ލޭޑީއަށް މަހަކު 33،333ރ.ގެ އެލަވަންސެއް ލިބޭނެ
ފާހަގަކޮށްލެވޭ ކަމެއް - ސިވިލް ސާވިސް ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ދިވެހި ސިވިލް ސާވިސް ހިންގަންވާނީ ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކުން ހިދުމަތް ފޯރުކޮށްދޭ ގޮތަށެވެ.
އެކަން ފާހަގަކޮށް، އެ މާއްދާގެ ދަށުން ފަސްޓް ލޭޑީއަށް ސިވިލް ސާވިސް ވަޒީފާއެއް އަދާކުރެވިގެން ނުވާނެ ކަމަށް ބުނެ ވެސް ބައެއް މީހުން ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ނަމަވެސް، ސާޖިދާއަށް ސިވިލް ސާވިސްގެ ވަޒީފާގައި ހުރެވޭނެ ކަމަށް ސީއެސްސީން ނިންމާފައިވަނީ، ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ، ސިވިސް ސާވިސްގައި މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެ އެވެ.
އެނގުން މުހިއްމު - ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމެއް ނޫން ކަމަށް ވިޔަސް، މިހާތަނަށް ވަޑައިގެންނެވި ފަސްޓް ލޭޑީން އިތުރު އެއްވެސް ވަޒީފާއެއް އަދާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ފަސްޓް ލޭޑީންނަށް ސަރުކާރުގެ ވަޒީފާއެއް އަދާނުކުރެއްވޭނެ ކަމަކަށް ވެސް ގާނޫނުތަކަކުން ނުބުނެ އެވެ.
އެކި ސަބަބުތައް ފާހަގަކޮށް، އެކި ފަރާތްތަކުން ސާޖިދާ އޭނާގެ ސިވިލް ސާވިސް ވަޒީފާއިން ވަގުތުން އިސްތިއުފާ ދެއްވަން ގޮވާލަމުން ދާއިރު، ފިރިކަލުންނަށް ރައީސްކަން ލިބިވަޑައިގަތުމަކީ އަނބިމީހާގެ ވަޒީފާ ދޫކޮށްލަން ޖެހޭ ކަމެއް ނޫން ކަމަށާއި ފަސްޓް ލޭޑީއަކަށް ވުމުން މަސައްކަތުގެ ހަޔާތް ނިންމާލަން ޖެހިގެން ނުވާނެ ކަމަށް ބުނެ ސާޖިދާގެ ދިފާއުގައި ވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.
ގުޅުން ހުރި ކަމެއް - އެމްއެފްޑީއޭގެ އިސް މަގާމެއް ފުރުއްވާ ސާޖިދާ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވި އެވެ. އެ މަގާމު ލިބިވަޑައިނުގެންނެވުމުން އޭނާއަށް މަގާމު ނުދިނީ، އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވި މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ކޮމެންޓް (5)
ޤާނޫނު
އަހަންމަދާ
ތެފައާސާ.
ހހހހހހހ
ލޮޖިކް