ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު މިހާރުގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އާއި ސާޖިދާ މުލިއާގޭގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މުއިއްޒު ހުވާކުރުމަށް ފަހު ވެސް ހެލްތުގެ މަގާމުގައި ދެމިހުރުމަށް ސާޖިދާއަށް ހުރަހެއް ނެތް: ސީއެސްސީ

އެ މަގާމުގައި ދެމިހުންނެވުމުގެ ހުއްދައަށް އެދިވަޑައިގެން ސާޖިދާ ވަނީ މިދިޔަ ހަފްތާގައި ސީއެސްސީއަށް ސިޓީއެއް ފޮނުއްވާފައި

އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ވެސް، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސް މަގާމުގައި ދެމިހުންނެވުމަށް ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސާޖިދާ މިހާރު ހުންނަވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގަ އެވެ. އެ މަގާމުގައި ދެމިހުންނެވުމުގެ ހުއްދައަށް އެދިވަޑައިގެން ސާޖިދާ ވަނީ މިދިޔަ ހަފްތާގައި ސީއެސްސީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު މިއަދު 'ދައުރު'އަށް ވިދާޅުވީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ، ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވުމަށް ސާޖިދާއަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް، ސާޖިދާގެ ސިޓީއާ ގުޅިގެން އެ ގޮތަށް އޭނާއަށް ރަސްމީކޮށް އަންގާފައިވާކަން އަދި ޔަގީނެއް ނޫނެ އެވެ.

އެނގުން މުހިންމު - ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމެއް ނޫން ކަމަށް ވިޔަސް، މިހާތަނަށް ވަޑައިގެންނެވި ފަސްޓް ލޭޑީން އިތުރު އެއްވެސް ވަޒީފާއެއް އަދާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ފަސްޓް ލޭޑީންނަށް ސަރުކާރުގެ ވަޒީފާއެއް އަދާނުކުރެއްވޭނެ ކަމަކަށް ވެސް ގާނޫނުތަކަކުން ނުބުނެ އެވެ.

ގުޅުން ހުރި ކަމެއް - އެމްއެފްޑީއޭގެ އިސް މަގާމެއް ފުރުއްވާ ސާޖިދާ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވި އެވެ. އެ މަގާމު ލިބިވަޑައިނުގެންނެވުމުން އޭނާއަށް މަގާމު ނުދިނީ، މާލޭގެ މޭޔަރު ކަމުގައި ހުންނެވި މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް (1)

އައްޑާ

13 ނޮވެމްބަރު 2023
ފަސްޓް ލޭޑީގެ މަޤާމުގައި ހުރެގެން ލައިލާ އަލީ މާލޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގައި ވަޒީފާ އަދާކުރެއްވިކަމަށް ރެކޯޑުތަކުން ދައްކައެވެ.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް