މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. (ފޮޓޯ/ މުއިއްޒު ޓީވީ)

މުއިއްޒު ހުވާކުރުމަށް ފަހު ވެސް ހެލްތުގެ މަގާމުގައި ދެމިހުރުމުގެ ހުއްދައަށް ސާޖިދާ އެދިއްޖެ

ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް
12 ނޮވެމްބަރު 2023

އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ވެސް، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސް މަގާމުގައި ދެމިހުންނެވުމުގެ ހުއްދައަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ސާޖިދާ މިހާރު ހުންނަވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގަ އެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުއާ މިއަދު 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ސިޓީ އެ ކޮމިޝަނަށް ލިބިފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އެކަމަކު އެކަމާ މެދު ގޮތެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ގޮތެއް ނިންމާނަން،" ނާސިހު ވިދާޅުވި އެވެ.

އެނގުން މުހިންމު - ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމެއް ނޫން ކަމަށް ވިޔަސް، މިހާތަނަށް ވަޑައިގެންނެވި ފަސްޓް ލޭޑީން އިތުރު އެއްވެސް ވަޒީފާއެއް އަދާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ފަސްޓް ލޭޑީންނަށް ސަރުކާރުގެ ވަޒީފާއެއް އަދާނުކުރެއްވޭނެ ކަމަކަށް ވެސް ގާނޫނުތަކަކުން ނުބުނެ އެވެ.

ގުޅުން ހުރި ކަމެއް - އެމްއެފްޑީއޭގެ އިސް މަގާމެއް ފުރުއްވާ ސާޖިދާ އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވި އެވެ. އެ މަގާމު ލިބިވަޑައިނުގެންނެވުމުން އޭނާއަށް މަގާމު ނުދިނީ، މާލޭގެ މޭޔަރު ކަމުގައި ހުންނެވި މުއިއްޒުގެ އަނބިކަނބަލުންނަށް ވުމުން ވަޒީފާ ދިނުމުގައި ތަފާތުކޮށްގެން ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް