މަމްދޫހުގެ އެޕާންޓްމެންޓް

މަމްދޫހުގެ މުދާތައް ހޯދަން ކުރި އިސްތިއުނާފް ހައި ކޯޓުން ބަލައެއްނުގަތް

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، އެ މުދާތަކުގެ އަގު 7 މިލިއަން ރުފިޔާއަށް އަރާ؛ މަމްދޫހުގެ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ވަނީ އެއް އަހަރު ދުވަހަށް ހިފަހައްޓާފައި

ހުޅުމާލޭގައި ކޭ-ޕާކް ފްލެޓުތައް ހަދާ ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކެއް ހިފެހެއްޓުމާ ގުޅިގެން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ބޭރުކޮށްލައިފި އެވެ.

އެނގުން މުހިންމު - ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކެއް ހިފެހެއްޓީ މިދިޔަ މަހުގެ 19ގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނި ގޮތުގައި، އެ މުދާތަކުގެ އަގު 7 މިލިއަން ރުފިޔާއަށް އަރަ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެ ދުވަހު މަމްދޫހު ދިރިއުޅޭ 'އެފްޑަބްލިއު ރެސިޑެންސް'ގެ އެޕާޓްމަންޓް ދެ ވަނަ ފަހަރަށް ބަލައި ފާސްކޮށް، މުދާތަަކެއް ހިފަހައްޓާފައި ވާއިރު، އެ އެޕާޓްމަންޓް ވެސް އެއް އަހަރުގެ މުއްދަތަށް ވަނީ ހިފަހައްޓާފަ އެވެ. 

މި އަމުރު މަމްދޫހުގެ ފަރާތުން މިދިޔަ މަހުގެ 24ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މަމްދޫހުގެ އެޕާންޓްމެންޓުން ފެނުނު ތަކެތި

ތަފްސީލް - އެ އިސްތިއުނާފް ކޯޓަށް ބަލައިނުގަނެ އިއްޔެ ވަނީ ބޭރުކޮށްލާފަ އެވެ. އެ މައްސަލަ ބަލައިނުގަތް ސަބަބަަކަށް އެ ކޯޓުގެ ރަޖިސްޓްރާ ފާހަގަކުރައްވާފައި ވަނީ:

  • މަމްދޫހުގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އެ އަމުރު ގޯސްވާ ސަބަބު އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާދީފައި ނުވާ ކަމަށް

  • އެ އަމުރަކީ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް މަމްދޫހު ބުނާ ނަމަވެސް، އެ އަމަރަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށް ވާއިރު، އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް އިސްތިއުނާފްގައި ބުނާ އުސޫލު ތަތުބީގުކުރެވޭނެ ގޮތެއް ބުނެދީފައި ނުވާ ކަމަށް

ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާ އަކީ، ވަގުތީ ފިޔަވަޅު އެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި ހިފެހެެއްޓުމުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ: 

  • އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާ މެދު ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިގެންވޭ 

  • އެ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެ ފައިސާއެއް ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި އެ ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުން ހިމެނޭ

މަމްދޫހުގެ އެޕާންޓްމެންޓުން ފެނުނު ތަކެތި

ފާހަގަކޮށްލެވޭ ކަމެއް - މަމްދޫހުގެ މުދާތަކުގެ ތެރެއިން ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ހިމެނެ އެވެ. އެ ތަނުން 7 މިލިއަން ރުފިޔާގެ އަގުބޮޑު މުދާ ތަހުގީގަށް ހޯދާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި އެވެ.

ތަހުގީގުގައި އެ ތަނުން ހޯދި ތަކެތީގެ ގޮތުގައި ޝަމީމް ވިދާޅުވީ:

  • 200 ސެންޓު ފުޅި ފެނުނު

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް ފެނުުނު

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް ހޯދުނު

ޝަމީމް ވިދާޅުވީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށާއި އެ އަދަދުތަކަށް ބަލާއިރު އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށެެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް 225 ދައުވާ އުފުލަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ މައްސަލާގައި ހަތަރު ބާވަތެއްގެ ދައުވާތައް ކުރަން ޕީޖީން ވަނީ ނިންމާފަ އެވެ. އެ ދައުވާތަކަކީ: 

  • ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ 

  • އޮޅުވާލުމުގެ ކުށުގެ ދައުވާ

  • ޓެކުމުގެ ކުށުގެ ދައުވާ؛ ވިޔަފާރީގެ އުސޫލުތަކާ ހިލާފަށް މުއާމަލާތްތައްކޮށް، މީހުންނަށް ގަސްތުގައި އޮޅުވާލާފައިވުން

  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

ކޮމެންޓް (1)

ސިރާޖު

4 ޑިސެމްބަރު 2023
އެޕާާޓްމަންޓްގެ މިހާރުގެ އަގު ހަތް މިލިއަނަށް ވުރެ ދެގުނަ ބޮޑުވާނެ! އެތަން މަންޑޭ ހަތް މިލިއަނަށް ގަތީ ތަނުގެ އެއްވެސް މަސައްކަތެއް ނުނިންމާ ހުއްޓާ! ތަޅުމުގަ ތަށިމުށިވެސް ނުޖަހާ ހުއްޓާ! އެތަން ހަދަންވެސް ހަތް މިލިއަން ވަރު ޚަރަދުކުރި ކަމަށް ވަނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް