މަމްދޫހު: މަކަރާ ހީލަތުން ކޭޕާކްގެ ފްލެޓްތައް ވިއްކި މައްސަލަ ވަނީ ފެންމަތިވެފައި
ކޭޕާކު މަމްދޫހުގެ މައްޗަށް 225 ދައުވާއެއް އުފުލަން ތައްޔާރުވެއްޖެ
ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފެންވަރުގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގައި އެ ތަނުގެ އެއް ހިސާދާރު މުހައްމަދު މަމްދޫހު (ކޭޕާކް މަންޑޭ)ގެ މައްޗަށް 225 ދައުވާ އުފުލާނޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައި އެބަހުރި ކަމަށެވެ. އަދި އެ އަދަދުތަކަށް ބަލާއިރު އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގައި ތުހުމަތު ކުރެވޭ ދެ މީހަކު އެބަ އުޅޭ. އޭގެ ތެރެއިން ބައެއް މައްސަލަ މި ނިމުނީ. ނިމުނު މައްސަލަތަކުގައި 225އެއްހާ ދައުވާއެއް އުފުލޭނޭ ކަމަށް އަޅުގަނޑުމެން މި ބަލަނީ. މި އުފުލަނީ ކޮންމެ މައްސަލައެއްގައި ވަކިން،" ޝަމީމް ވިދާޅުވި އެވެ.
ތަފްސީލް - އެ މައްސަލައިގެ އިތުރު ތަފްސީލް ދެއްވަމުން ޝަމީމް ވިދާޅުވީ މަމްދޫހަށް ތުހުމަތުވާ މައްސަލައިގައި ހަތަރު ބާވަތެއްގެ ދައުވާތައް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
1-
ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ
-
2-
އޮޅުވާލުމުގެ ކުށުގެ ދައުވާ
-
3-
ޓެކުމުގެ ކުށުގެ ދައުވާ؛ ވިޔަފާރީގެ އުސޫލުތަކާ ހިލާފަށް މުއާމަލާތްތައްކޮށް، މީހުންނަށް ގަސްތުގައި އޮޅުވާލާފައިވުން
-
4-
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
"އަޅުގަނޑުމެން މި ބަލަނީ އަންނަ މަހުގެ ތެރޭގައި މި މައްސަލައިގައި ދައުވާތައް ހުށަހެޅޭނޭ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ މައްސަލައެއްގައި މަމްދޫހުގެ މައްޗަށް ވަކިވަކި ދައުވާތައް ކުރަން ނިންމީ އެކަމަކީ ވަރަށް ގިނަ އާންމުންގެ ފައިސާގެ މުއާމަލާތްތަކެއް ހިމެނޭ ބޮޑު މައްސަލައަކަށް ވާތީ ކަމަށެވެ. އަދި އެހެންވެ، ކޮންމެ މައްސަލައެއްގައި ކުރާ ދައުވާތަކަށް އަދަބު އަންނާނީ ވެސް ވަކިން ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ވަކިވަކި ދައުވާތަކެއް މި ކުރަނީ، އެހެންވީމާ ގިނަ ވަނީ. އަދަބު ވެސް ލިބެން ޖެހޭނީ ވަކިން. އެހެން ނޫނީ މި ބުނެވެނީ ކުށްކުރާ އިރު ގިނައިން ބޮޑަށް ކުރާށޭ. ބޮޑަށް ވައްކަން ކުރާ މީހަކަށް ތަފާތު ނުކުރެވެންޏޭ އެ ބުނެވެނީ ފިސާރި ރަނގަޅަށް ވައްކަން ކުރާށޭ. އެކަމަކު އެއީ ގާނޫނު މާނަކުރާނެ ގޮތެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ހިމެނޭ ވަކިވަކި މައްސަލަތަކުގެ ތަހުގީގު ނިމެމުންދާ ވަރަކުން އިތުރު ދައުވާތައް އުފުލުމުގެ ފުރުސަތު ވެސް އޮންނާނޭކަން ޝަމީމް ފާހަގަކުރެއްވި އެވެ.
އޭނާ ވަނީ މަމްދޫހުގެ އިތުރުން ތުހުމަތުވާ އިތުރު މީހަކު ވެސް ހުރި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މީހާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފަސްމަންޒަރު - ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ މައްސަލައިގައި މިހާރު ވަނީ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ. އެގޮތުން:
-
ހަންބޯ މޯލްޑިވްސް އިން ތުހުމަތުކުރި ގޮތުގައި، މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި
-
މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ކަމަށް ހަންބޯ އިން ބުނި
މި މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، މިދިޔަ 5 ޖުލައިގައި ދުވަހު މަމްދޫހު ހައްޔަރުކުރި އެވެ. ނަމަވެސް، އެ މަހުގެ 30ގައި ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
މި މައްސަލާގައި ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަމްދޫހު މަސައްކަތް ކުރަމުންދާ ކަމަށް ހަންބޯ ކުންފުނިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.
ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތަކެއް ހިފެހެއްޓީ މި މަހުގެ 19ގަ އެވެ. އޭގެ އަގު 7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޝަމީމް މިއަދު ވިދާޅުވެފައިވެ އެވެ.