ޝަރީއަތުގެ މަޖިލީހެއްގައި ހަލީމަތު ލަމްހާ

މޭރީގެ މަރު

ލަމްހާ ބަންދުން ދޫކޮށްލުން އިސްތިއުނާފްކޮށްފި

ދައުލަތުން ދަށު ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކޮށްފައިވަނީ އިއްޔެ؛ ހައި ކޯޓުން އަދި ބަލައެއް ނުގަނޭ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ހަފްތާގައި ދޫކޮށްލި ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހައި ކޯޓުގައި އިއްޔެ އިސްތިއުނާފް ކޮށްފި އެވެ. 

ވީ ކިހިނެއް؟ - ލަމްހާގެ ބަންދު މުރާޖާކުރުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާ ދޫކޮށްލާފައިވަނީ ތިން މަސްދުވަހަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި ޕީޖީ އޮފީހުން އިސްތިއުނާފް ކުރަން ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ތަފްސީލް - ފައިގައި ޓެގު އަޅުވައި ހަރުކަށި ޝަރުތުތަކާ އެކު ވިޔަސް ގޭބަންދަށް ދޫކޮށްދިނުމަށް ލަމްހާގެ ފަރާތުން އެދިފައިވަނިކޮށް، މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު މިދިޔަ ބުރާސްފަތި ދުވަހު ލަމްހާ ބަންދުން ދޫކޮށްލަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވީ، މިހާތަނަށް އައިރު ގިނަ ބައެއްގެ ހެކިބަސް ނަގާފައިވުމާއި ޝަރީއަތް ދިގުލައިގެން ގޮސްފައިވާތީ އެވެ.

ލަމްހާގެ ބަލި ހާލަތާ ގުޅިގެން އޭނާގެ ފަރާތުން ލުއިދޭން އެދެމުންދާކަން ފާހަގަކޮށް ޝަރީއަތް ދިގުލައިގެން ދާނަމަ، އޭނާގެ ހައްގުތަކަށްވެސް ރިއާޔަތްކުރަން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއަށް ފަހު، އޭނާ ބަންދުން ދޫކޮށްލަން އަމުރު ކޮށްފައިވަނީ ޝަރުތުތަކާ އެކު އެވެ. އެ ޝަރުތުތަކަކީ:

  • ރޭގަނޑު 10 އިން ހެނދުނު 10އަށް ގޭންބޭރަށް ދިއުން މަނާވުން

  • މާލޭން ބޭރަށް ދާ ނަމަ، ކޯޓުގެ ހުއްދަ ހޯދުން

  • ކޯޓަށް ހާޒިރުވާން އަމުރު ލިބިފައިވާ ނަމަ، ކޯޓަށް ހާޒިރުވުން

އެ ޝަރުތުތަކާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ލަމްހާ ކޯޓުގައި ބުނެފައިވާތީ އޭނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ.

ލަމްހާ ބަންދުން ދޫކޮށްލުމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު އައިމިނަތު ޝާމާ އެ ދުވަހު ވެސް އިއުތިރާޒުކުރައްވާފައިވެ އެވެ. ޝާމާ ވިދާޅުވެފައި ވަނީ، ޓެގު އަޅުވާފައި ދޫކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ގަސްތު މަރުތަކުގައި ކަފާލާތުގެ ދަށުން ވެސް ދޫކޮށް ނުލެވޭނެކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ލަމްހާ ބަންދުން ދޫކޮށްލަން އެ ދުވަހު ގާޒީ އަމުރުކުރެއްވުމުން، މޭރީ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ވެސް ވަނީ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރެއް ގާޒީ ދެއްވާފައެއް ނުވެ އެވެ.

އެނގުން މުހިންމު - 19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ގުޅިގެން މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންނެވެ. 

މި މައްސަލާގައި މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާކޮށްފައިވެ އެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާ އެެއް ކުރެ އެެވެ. އެއީ:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން އަދި މޭރީ މަރާލުމަށް މާވިންއަށް ލަމްހާ އެހީތެރިވެދީފައިވޭ

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މޭރީ މަރާލުމަށް ދުރާލާ ތައްޔާރުވެ، އައިޖީއެމްއެޗުން ބޭރުކުރުން މަނާ ކޮންޓްރޯލް ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައިވޭ؛ އެ ތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނޭ

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް