މާވިން މިއަދުގެ އަޑުއެހުމުގައި

މޭރީގެ މަރު

ލަމްހާ ދޫކޮށްލާފައިވާތީ މާވިން ވެސް ދޫކޮށްލަދޭން އެދިއްޖެ، ގާޒީ ވިދާޅުވީ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް

މާވިން ބަންދުން ދޫކޮށްލުމަށް މިއަދު އެދިފައިވަނީ ލަމްހާ ވެސް ބަންދުން ދޫކޮށްލާފައިވާތީ ކަަމަށް ބުނެ، މާވިންގެ ފަރާތުން ބުނީ ލަމްހާގެ މައްޗަށް އުފުލާފައިވަނީ މާގިނަ ދައުވާތަކެއް ކަމަށް

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި ކަމަށް ތުހުމަތުކުރެވޭ، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލާފައިވާތީ، އެ މައްސަލާގައި ދެން ތުހުމަތުކުރެވޭ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ވެސް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ. ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ މާވިންގެ ބަންދަށް ލުއި ދެވެން ނެތް ކަމަށެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އެ މައްސަލާގައި ތުހުމަތުކުރެވޭ ލަމްހާ ބަންދު މުރާޖާކޮށް، ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލުމަށް މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އަމުރުކުރައްވައިފަ އެވެ.

މާވިންގެ ފަރާތުން ބަންދަށް ލުއިދޭން ކުރިން އެދިފައި ނުވި ނަމަވެސް، މިހާރު ކުރިއަށްދާ އަޑުއެހުމުގައި އޭނާގެ ވަކީލު އިސްމާއިލް މުހައްމަދު ވަނީ މާވިންގެ ބަންދާ މެދު ވެސް ގޮތް ނިންމައި ދިނުމަށް އެދިފަ އެވެ. 

ތަފްސީލް - އެގޮތަށް މާވިންގެ ފަރާތުން އެދުނު ސަބަބެއް ކަމަށް ވަކީލު އިސްމާއިލް ވިދާޅުވީ، އެ މައްސަލާގައި އެތައް ދައުވާތަކެއްކޮށް، ޝަރީއަތް ނިމެންދެން މީގެ ކުރިން ބަންދުކޮށްފައިވާ ލަމްހާގެ ބަންދަށް މިއަދު ކޯޓުން ލުއި ދީފައިވާތީ އެވެ.

ވަކީލު ވިދާޅުވީ މާވިންގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އެންމެ ދައުވާއެއް ކަމަށްވާ އިރު، ލަމްހާގެ ބަންދަށް ލުއިދޭ ނަމަ މާވިންގެ ބަންދަށް ވެސް ލުއި ދޭންވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މާވިންއަކީ ރާއްޖޭން ބޭރު މީހަކަށް ވިޔަސް ބަންދަށް ލުއި ދިނުމުގައި އެއް މައްސަލައެއްގައި ހިމެނޭ ދެ މުވައްކިލުންނާ މެދު ތަފާތު ކުރުން ގެންގުޅެވިގެންވާނެ ކަމަށް ނުދޭކޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން މާވިންގެ ޕާސްޕޯޓު ހިފަހައްޓައި، ލަމްހާގެ ބަންދަށް ލުއި ދިނުމަށް ކުރި ޝަރުތުތައް ވެސް ކުރުމާ އެކު، މާވިންގެ ބަންދަށް ވެސް ލުއި ދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ.

ނަމަވެސް މާވިން ބަންދުން ދޫކޮށްލުމަށް ވެސް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފަ އެވެ. 

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ މާވިން ބަންދުގައި ބެހެއްޓުމަށެވެ. ސަބަބަކަށް ވިދާޅުވީ:

  • މާވިން އަކީ ބިދޭސީއަކަށް ވުމުން

  • މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ، ލަމްހާގެ މައްޗަށް އެ ދައުވާ އުފުލިފައެއް ނުވޭ

  • މައްސަލައިގެ ހެކިބަސް ނެގުން އަދި ނިމިފައެއް ނުވޭ

ލަމްހާ ދޫކޮށްލަން އަމުރު ކުރި ސަބަބުތަކުގެ ތެރޭގައި މައްސަލައިގެ ގިނަ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައި ވުން ހިމެނެ އެވެ. އެ ސަބަބު މާވިން ބަންދަށް ލުއި ދިނުމުގައި ނުގެންގުޅެވޭނެ ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ މާވިން އަކީ ތަރުޖަމާނެއްގެ އެހީގައި އަޑުއެހުންތަކުގައި ބައިވެރިވަމުންދާ ފަރާތަކަށް ވުމުންނާއި ތަރުޖަމާނަކާ ވަކިން ބައިވެރިވާ ނަމަ ތަރުޖަމާ ކުރުމުގައި ދިމާވާ ދަތިތައް މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އެނގުން މުހިންމު - ބަންދު މުރާޖާ ކުރަން ދައުލަތުން ހުށަހެޅި ހުށަހެޅުމާ މެދު މި މަހުގެ 14ގައި އޮތް އަޑުއެހުމުގައި މާވިންގެ ފަރާތުން ބަންދަށް ލުއި ދިނުމަށް އެދިފައެއް ނުވެ އެވެ. އެފަހަރު މާވިންގެ ފަރާތުން ފާހަގަކުރީ، މިހާރު އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދާތީ، ކޮންމެ ދުވަހަކު އަޑުއެހުމަށް މާލެ އަންނަން ޖެހުމުގެ ދަތި ކަމެވެ. އެހެންވެ، އެފަަހަރު އެދުނީ މާފުށީ ޖަލުން އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމާމެދު ގޮތެއް ނިންމައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުމަކީ އެކަމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. އެ ހުށަހެޅުމާ މެދު މިއަދު ގާޒީ ނިންމެވީ އެ ފުރުސަތު ވެސް ދެވެން ނެތް ކަމަށެވެ. އަދި އަޑުއެހުންތައް ކުރިއަށް ގެންދާނީ މިހާރު ވެސް ކުރިއަށް ގެންދާ ގޮތަށް މާވިން ކޯޓަށް ހާޒިރުވެގެން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމުގައި ގާޒީ ވިދާޅުވީ، އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދާ ނަމަ މާވިންގެ ޓްރާންސްލޭޓަރާ ވަކިން ބައިވެރިވާން ޖެހޭތީ އާއި އެގޮތަށް ތަރުޖަމާކުރާ އިރު މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

މައްސަލައިގެ ހުލާސާ

19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް ބުނާ މައްސަލާގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ވެސް ދައުވާ ވަނީ އުފުލައިފަ އެވެ.

މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެެވެ. އެއީ:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން އަދި މޭރީ މަރާލުމަށް މާވިންއަށް ލަމްހާ އެހީތެރިވެދީފައިވޭ

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މޭރީ މަރާލުމަށް ދުރާލާ ތައްޔާރުވެ، އައިޖީއެމްއެޗުން ބޭރުކުރުން މަނާ ކޮންޓްރޯލް ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައިވޭ؛ އެ ތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނޭ

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

  • ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ

ކޮމެންޓް (2)

ފިރާގު

24 ނޮވެމްބަރު 2023
ޢެބުނާހެން އެކަކު ދޫކުރިއްޔާ އަނެކަކުވެސް ދޫކުރޭ. ދެން ކުށް ސާބިތުނުވާކަމަށް ބުނޭ.
0 0

ގާޒީ

23 ނޮވެމްބަރު 2023
ހޫން. ދެމީހުން ދެވާބަލަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް