މޭރީ މަރުގެ މައްސަލާގެ އަޑުއެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން

މޭރީގެ މަރު

ޓެގު އަޅުވާފައި ލަމްހާ ބަންދުން ދޫކޮށްލުމަށް އެދިއްޖެ

ދޫކޮށްލެވޭނެ ސަބަބަކަށް ލަމްހާގެ ވަކީލު ވިދާޅުވީ ޔާމީން އާއި ރިލްވާންގެ މަރުގައި ތުހުމަތުކޮށް ޝަރީއަތް ހިންގަމުންދާ މީހުން ވެސް ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވުން

މޮނިކޮން އަމުރެއްގެ ދަށުން ފައިގައި ޓެގު އަޅުވައި ހަރުކަށި ޝަރުތުތަކާ އެކު ގޭބަންދަށް ދޫކޮށްދިނުމަށް، އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު މިއަދު ކޯޓުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ހެކިބަސް ނަގަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގަން އޮތް ހެކިވެރިންގެ ހެކިބަސް ނެގުމަށް ފަހު، ބަންދު މުރާޖައާ ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަންދު މުރާޖާއާ މެދު ގޮތެއް ނިންމުން ކުރިއަށް ގެންގޮސްފައިވެ އެވެ. ބަންދު މުރާޖައާގައި ދައުލަތުން އެދުނީ ހާލަތު ބަދަލުވެފައި ނުވާތީ، މޭރީ މަރާލި ކަމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސް ވައިގަސް އާއި ލަމްހާ ވެސް ބަންދުގައި ބޭތިއްބުމަށެވެ.

މާވިންގެ ފަރާތުން ބަންދުގައި ބެހެއްޓުމަށް އިއުތިރާޒުކޮށްފައެއް ނުވެ އެވެ. އެކަމަކު މިހާރު އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދާތީ، ކޮންމެ ދުވަހަކު އަޑުއެހުމަށް މާލެ އަންނަން ޖެހުމުގެ ދަތިކަން ފާހަގަކުރި އެވެ. އަދި މާފުށީ ޖަލުން އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް އެދުނެވެ.

ލަމްހާގެ ފަރާތުން އެދުނީ ޓެގު އެޅުވުމަށް ފަހު، ހަރުކަށި ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށެވެ.

ތަފްސީލް - ލަމްހާގެ ބަންދަށް އެ ލުއި ދެވެން އޮތްކަން އޭނާގެ ވަކީލު އަހްމަދު ޔާމީން މިއަދު ކޯޓުގައި ތަކުރާރުކޮށް ފާހަގަކުރެއްވި އެއް ސަަބަބަކީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ މައްސަލާގައި ދައުވާ އުފުލައި ޝަރީއަތް ހިންގަމުންދާ ތިން މީހުން މޮނިކޮން އަމުރެއްގެ ދަށުން ޓެގު އަޅުވާފައި ގޭބަންދަށް މިފަހުން ދޫކޮށްލި ދޫކޮށްލުމަށް ރިއާޔަތްކޮށެވެ.

މައްސަލަ އާއި ތުހުމަތުކުރެވޭ މީހުންގެ ނަން ނުގެންނަވައި ޔާމީން ވަނީ، އެ ތިން މީހުންނަށް ތުހުމަތުކުރެވޭ މައްސަލަ އަކީ ލަމްހާގެ މައްޗަށް އުފުލިފައިވާ ދައުވާތަކަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފަދަ އެހެން މަރުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ވެސް ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވި އެެވެ.

މީގެ އިތުރުން، މި މައްސަލާގައި އެންމެ ފަހުން ބަންދުން ދޫކޮށްލުމަށް ލަމްހާގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ މެދު މިދިޔަ ޖޫންގައި ނިންމި ނިންމުމުގައި ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ގާޒީ ވިދާޅުވީ، އެ މައްސަލާގައި ގިނަ ހެކިވެރިންގެ ހެކިބަސް އޭރު ނުނެގި ހުރުމުން ކަމަށާއި، މިހާރު ގިނަ ހެކިވެރިންގެ ހެކިބަސް ނަގައި ހަތް ހެއްކެއް އަނބުރާ ގެންގޮސްފައި ވާއިރު، އެ ހާލަތު ބަދަލުވެފައިވާތީ އެ ކަމަށް ވެސް ބަލައިދިނުމަށް ވަކީލު އެދިވަޑައިގަތެވެ.

ލަމްހާގެ ފަރާތުން މިއަދު ކޯޓުގައި އެދުނީ:

  • ޓެގު އަޅުވައި މޮނިޓާ ކުރެވޭ ގޮތަށް، ހަރުކަށި ޝަރުތުތަކާ އެކު ގޭބަންދަށް ދޫކޮށްލުމަށް؛ އެ ކަމަށް ލަމްހާގެ ފަރާތުން ވެސް އިއުތިރާޒެއް ނުކުރާނެ ކަމަށް ވަކީލު ވިދާޅުވި

  • މިހާރު ގިނަ ހެކިވެރިންގެ ހެކިބަސް ވެސް ނެގިފައިވާތީ މުޖުތަަމައުއަށް އޮތް ނުރައްކާ ކުޑަވި ކަމަށް ބަލައި ބަންދުން ދޫކޮށްދިނުމަށް

  • ލަމްހާގެ ބަލި ހާލަތަށް ވެސް ރިއާޔަތްކޮށްދިނުމަށް؛ އެކަން ތަކުރާރުކޮށް ކޯޓުގައި ފާހަގަ ނުކުރިޔަސް މިހާރު ވެސް ސިއްހީ ބައެއް މައްސަލަތަކަށް ފަރުވާ ހޯދަމުންދާ ކަމަށް ވަކީލު ވިދާޅުވި

ދައުލަތުގެ ރައްދު - ޓެގު އަޅުވާފައި ބަންދުން ދޫކޮށްލުމާ ބެހޭ ގޮތުން ދައުލަތުން މިއަދު ކޯޓުގައި ބުނެފައިވަނީ، ޓެގު އަޅުވާފައި ދޫކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ގަސްތު މަރުތަކުގައި ކަފާލާތުގެ ދަށުން ވެސް ދޫނުކޮށްލެވޭނެކަން ދައުލަތުން ފާހަގަކުރި އެވެ.

މީގެ އިތުރުން، އެންމެ ފުރަތަމަ ދުވަހު ލަމްހާއާ ދެކޮޅަށް ހުށަހެޅި ހެކިތައް އެގޮތަށް ހުރެ، ގިނަ ކިތާބީ ހެކިތަކެއް ވެސް ހުރުމުންނާއި ހެކިވެރިންގެ ހެކިބަހުން ވެސް ކުރެވޭ ތުހުމަތު ބަދަލުވެފައި ނުވާތީ ބަންދު މުރާޖައާކޮށް، ބަންދުން ދޫކޮށްލުމަށް ނުފެންނަ ކަމަށް ދައުލަތުން ބުންޏެވެ.

މާވިން މާފުށީ ޖަލުގައި ހުރެެގެން އަޑުއެހުންތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މާވިންގެ ފަރާތުން އެދިފައިވާ އެދުމާ ގުޅިގެން ދައުލަތުން ބުނީ، އޮންލައިންކޮށް، ތަރުޖަމާނަކާ ނުލައި އަޑުއެހުންތައް ބާއްވަން އިންކާރު ކުރާ ކަމަށް މާވިންގެ ވަކީލު މީގެ ކުރިން ވަރަށް ހަރުކަށިކޮށް ކޯޓުގައި ފާހަގަކޮށްފައިވާތީ އާއި ތަރުޖަމާނެއްގެ ހައްގަކީ ގާނޫނުން ލާޒިމުކުރާ ހައްގަކަށް ވުމުން އެ ހައްގު ގެއްލޭ ގޮތަށް އަޑުއެހުންތަކުގައި ބައިވެރިވާން ބޭނުން ނުވާކަން ކޯޓުގައި މާވިންގެ ފަރާތުން ސާފުކޮށް ބުނުމަށް އެދޭ ކަމަށެވެ.

އެއަށް ފަހު، މާވިންެ މިއަދު ކޯޓުގައި ބުނެފައިވަނީ، އޭނާ އެދޭ ގޮތަކީ ވަކީލު އެދުނު ގޮތަށް މާފުށީ ޖަލުން އޮންލައިންކޮށް އަޑުއެހުންތައް ކުރިއަށް ގެންދަން ކަމަށާއި އޭރުން ތަރުޖަމާނު އިންނާނީ ކޯޓު ރޫމުގައި މާވިންއާ ވަކިން ކަން އެނގޭ ކަމަށެވެ. އަދި އެ ކަމަށް އިއުތިރާޒު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 23ގަ އެވެ. އެ އަޑުއެހުމުގައި ބަންދު މުރާޖާއާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މާވިންގެ ފަރާތުން އެދިފައިވާ އޮންލައިންކޮށް ޝަރީއަތަށް ހާޒިރުވުމުގެ ހުށަހެޅުމަށް ވެސް އެ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެނގުން މުހިންމު - 19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް ބުނާ މައްސަލާގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ވެސް ދައުވާ ވަނީ އުފުލައިފަ އެވެ.

މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ތިން ދައުވާ އެެއް ކުރެ އެެވެ. އެއީ:

  • އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ދުރާލާ ރާވައިގެން އަދި މޭރީ މަރާލުމަށް މާވިންއަށް ލަމްހާ އެހީތެރިވެދީފައިވޭ

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން - ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މޭރީ މަރާލުމަށް ދުރާލާ ތައްޔާރުވެ، އައިޖީއެމްއެޗުން ބޭރުކުރުން މަނާ ކޮންޓްރޯލް ބޭސްތަކެއް ލަމްހާ ގެއަށް ގެންގޮސްފައިވޭ؛ އެ ތަކެތި ލަމްހާގެ ކޮޓަރި ތެރެއިން ފެނިފައިވާ ކަމަށް ދައުލަތުން ބުނޭ

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

  • ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ

ލަމްހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް 100 ދުވަހަށް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް މީގެ ކުރިން ވެސް އޭނާގެ ފަރާތުން އެދިފައިވެ އެވެ. އެކަމަކު އެ ފަހަރު ވެސް ކޯޓުން ނިންމީ ލަމްހާ އަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ހާލަތެއް އޮތް މީހެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް