22 ނޮވެމްބަރު 2023 - ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެ ބްރިޖު

ބްރިޖުގެ މަސައްކަތް ލަސްވިޔަސް އިތުރަށް ފައިސާދޭކަށް ނުޖެހޭނެ: މިނިސްޓަރު

ބްރިޖު މަޝްރޫއުގެ އަގަކީ ޖީއެސްޓީ ނުލާ 500 މިލިއަން ޑޮލަރު؛ މިހާތަނަށް ޖުމްލަ އަގުގެ %37.33 ފައިސާ ކޮންޓްރެކްޓަރަށް ވަނީ ދޫކޮށްފައި

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތް ނިންމަން އޮތް ތާރީހުން ކައްސާލައި، މުއްދަތު އިތުރުކޮށްދިން ނަމަވެސް، ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާގެ އަދަދު އިތުރު ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މި ބިޔަ މަޝްރޫއު ޝެޑިއުލުން ކައްސާލާފައިވާ އިރު ނިމުނު ސަރުކާރުން ވަނީ މަސައްކަތް ނިންމަންޖެހޭ ތާރީހު ފަސްކޮށް، މަސައްކަތުގެ އެއްބަސްވުން އިސްލާހުކޮށްފަ އެވެ.

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އެއްބަސްވުން ކުރިން އޮތް ގޮތުން އަންނަ އަހަރުގެ މެއި  17ގެ ނިޔަލަށް މާލޭން ތިލަފުއްޓާ ހަމައަށް ގުޅާލެވޭނެ އެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުގެ ފަހު ދުވަހު އެއްބަސްވުން އިސްލާހުކޮށް، މަސައްކަތް ނިންމަން މިހާރު ކޮންޓްރެކްޓު ކޮށްފައިވަނީ، 30 ސެޕެޓެމްބަރު 2026 އަށެވެ.

22 ނޮވެމްބަރު 2023 - ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަމާލެ ބްރިޖު ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން))

ތަފްސީލް - ބްރިޖު މަޝްރޫއާ ގުޅޭ ތަފްސީލު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ސަޕްލިމެންޓްރީ ކޮންޓްރެކްޓެއް ހެދި ނަމަވެސް ކޮންޓްރެކްޓަރަށް ދޭން ޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށެވެ.

ބްރިޖު މަޝްރޫއުގެ އަގަކީ ޖީއެސްޓީ ނުލާ 500 މިލިއަން ޑޮލަރެވެ.

ކޮންޓްރެކްޓަށް އައި ބަދަލާ އެކު ސަރުކާރުން އިތުރަށް ކުރަންޖެހޭނީ އެ ޕްރޮޖެކްޓުގެ މަސައްކަތަށް ކޮންސްޓަރަކްޝަން މިނިސްޓްރީ (ކުރީން ނަމަ އިންފްރާސްޓްރަކްޗާ މިނިސްޓްރީ) އިން ނެގި ސްޓާފުންނަށް ކުރަންޖެހޭ ހަރަދާއި މަސައްކަތުގެ ކޮންސަލްޓެންޓު އަރޫޕް ލިމިޓެޑަށް ސަރުކާރުން ދޭން ޖެހޭ ފައިސާ އަށް ކުރަން ޖެހޭ ހޭދަ އެވެ.

"އެހެން ނަމަވެސް ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ އިތުރުވެގެން ނުދާނެ. ކޮންޓްރެކްޓަރަށް އިތުރު ހަރަދު ކުރާގޮތަކަށް ނޫން ކޮންޓްރެކްޓު ކުރެވިފައި މިއޮތީ،" މިނިސްޓަރު މުއްތޮލިބު މިއަދު ވިދާޅުވި އެވެ.

22 ނޮވެމްބަރު 2023 - ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަމާލެ ބްރިޖު ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން))

މިނިސްޓަރު ވިދާޅުވީ މަސައްކަތް ގޮސްފައިވާ މިންވަރަށް ބަލައި މިހާތަނަށް ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ %37.33 ފައިސާ ކޮންޓްރެކްޓަރަށް ދޫކޮށްފައިވާ ކަަމަށެވެ. އެއީ 186.7 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި މަސައްކަތް ފެށުމަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ ވެސް ހިމެނެ އެވެ.

"ފައިނޭންޝަލީ ބަލާ ނަމަ މާ ބޮޑު އިމްޕްލިކޭޝަނެއް ނެތް. އެކަމަކު އިކޮނޮމިކަލީ ގެއްލުމެއް ލަސްވުމަކީ،" ބްރިޖު މަޝްރޫއު ދިގުލައިގެން ދިޔުމާ ގުޅޭ ގޮޮތުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދިޔަ ނަމަ، މިއަދާ ހަމައަށް އަންނަ އިރު ގުޅިފަޅާ ހަމައަށް ގުޅާލުމުގެ މަސައްކަތުގެ %96 ނިމިފައި އޮންނަންޖެހޭނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު (ދައުރު ފޮޓޯ/ ހުސެން ސުނޭން)

"ގުޅިފަޅާ ހަމައިން ފެށިގެން ތިލަފުއްޓާ ހަމައަށް %1.13 އޮންނަން ޖެހޭނީ ނިމިފައި. މުޅި މަސައްކަތް އެއްކޮށް ބަލާ ނަމަ %81 މަސައްކަތް ނިމިފައި އޮންނަން ޖެހޭނީ. އެހެން ނަމަވެސް 15 ނޮވެމްބަރާ ހަމައަށް ނިމިފައިވަނީ %29 މަސައްކަތް." މުއްތޮލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރިއަށް ދާންޖެހޭ ވަރާ ބަލާ އިރު މަސައްކަތް ގޮސްފައި ވަނީ %52 ލަހުން ކަމަށެވެ.

އެނގުން މުހިއްމު - މި ބްރިޖަކީ 120 އަހަރަށް ދެމިގެންދާނެ ކަމަށް ބަލާ ޑިޒައިންކޮށްފައިވާ ބްރިޖެކެވެ. ބްރިޖުގެ ކޮލެޓީ ޔަގީން ކުރުމަށް ސަރުކާރުގެ ކޮންސަލްޓެންޓު އަރޫޕް އިން 24 ގަޑިއިރު މަސައްކަތް މޮނީޓާ ކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް