ތިލަ މާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާތަން ފެންނަ ހިސާބުގައި ވިލިނގިލި ގޮނޑުދޮށުގައި މީހަކު އިށީންދެލައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެ ބްރިޖު

ބްރިޖް އެއްބަސްވުން ކުރީ ވެރިކަމުގެ ފަހު ދުވަހު އިސްލާހުކޮށްފައި؛ މިހާރު ނިމޭނީ ސެޕްޓެމްބަރު 2026ގައި

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަހު ދުވަހު ބްރިޖު މަޝްރޫއުގެ އެއްބަސްވުން އިސްލާހުކޮށް ސޮއިކޮށްފައިވާއިރު އެކަމާ ވިދިގެން އެއް އަހަރުގެ ލަސްވުމެއް މަޝްރޫއަށް އަންނާނޭ ކަމަށް

މާލެ އިން ފެށިގެންް ތިލަފުއްޓާ ހަމައަށް ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އެއްބަސްވުން ކުރީ ސަރުކާރުން އިސްލާހުކޮށް އެ މަޝްރޫއު ނިމޭނެ ތާރީހު ސެޕްޓެމްބަރު 2026ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ އިންޑިއާގެ އެފްކޮންސްއާ އެކު ސޮއިކޮށްފައިވާ ބްރިޖް އެއްބަސްވުމުގެ އިސްލާހެއްގައި މި މަހު 16 ވަނަ ދުވަހު އޭރުގެ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި ސޮއިކޮށްފައިވާ އިސްލާހުތަކުގައިވާ ގޮތުން އަސްލު ސޮއިކުރި އެއްބަސްވުމަށް ވުރެ ބްރިޖް ނިންމަން މިހާރު ދީފައިވާ މުއްދަތު އެ ކުންފުންޏަށް އިތުރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"އެފްކޮންސް އާއި ދިވެހި ސަރުކާރުން އެ ދުވަހު ސޮއިކުރި ސަޕްލިމަންޓްރީ އެގްރިމަންޓުގައި މަސައްކަތް ނިންމަން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އާއި ހަމައަށް،" މުއްތޮލިބު ވިދާޅުވި އެވެ.

"މި ސަޕްލިމަންޓްރީ އެއްބަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރަށް އިތުރު ފައިސާއެއް ދޭކަށް ނުޖެހޭ. ޕްރޮޖެކްޓުގެ އަގު ޖީއެސްޓީ ނުލާ 500 މިލިއަން ޑޮލަރު."

މުއްތޮލިބު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް ބްރިޖްގެ މައުލޫމާތު ދެއްވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނެއިމް)

އެނގުން މުހިންމު - އެންމެ ފުރަތަމަ އެގްރިމެންޓުގައިވާ ގޮތުގައި:

  • މާލޭން ފެށިގެން ގުޅިފަޅާ ހަމައަށް ބްރިޖު ގުޅާލަން އޮތީ 2 އަހަރާ 3 މަހުން އެއީ މި އަހަރުގެ ޑިސެމްބަރު 14 އަށް

  • ތިލަފުއްޓާ ހަމައަށް ގުޅާލައި ބްރިޖް އެއްކޮށް ނިންމަން އޮތީ 2 އަހަރާ 7 މަހުން؛ 17 މޭ 2024 

ތަފްސީލް -  މުއްތޮލިބު ވަނީ އިސްލާހު ކުރި އެއްބަސްވުމުގެ ދަށުން މިހާރު މަސައްކަތްތައް ނިންމަން އެއްބަސްވެފައިވާ ތާރީހުތައް ވިދާޅުވެއްދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް ގުޅާލުން: 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް؛ މިނިސްޓަރު ވިދާޅުވީ މިއީ އެގްރިމަންޓުގަިއ އޮތް ތާރީހެއް ނޫން ކަމަށާއި ނަމަވެސް އަނގަބަހުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް

  • ވިލިމާލެ އިން ގުޅިފަޅަށް ގުޅާލުން: 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް

  • ބްރިޖްގެ ބާކީ ބައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް

"ސަޕްލިމެންޓްރީ އެއްބަސްވުމާއެކު ކުރިން 820 ދުވަހުން ނިންމަން އޮތް މަސައްކަތެއް މިހާރު އެއްބަސްވެފައިވަނީ 1658 ދުވަހުން ނިންމަން. ކުރިން 975 ދުވަހުން ނިންމަން އޮތް ސެކްޝަން ބީ [ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުން] ނިންމަން މިހާރު އޮތީ 1841 ދުވަހުން،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދިޔަ ނަމަ، މިއަދާއި ހަމައަށް އަންނަ އިރު ގުޅިފަޅާ ހަމައަށް ގުޅާލުމުގެ މަސައްކަތުގެ %96 ނިމިފައި އޮންނަންޖެހޭނެ ކަމަށެވެ.

"ގުޅިފަޅާ ހަމައިން ފެށިގެން ތިލަފުއްޓާ ހަމައަށް %1.13 އޮންނަން ޖެހޭނީ ނިމިފައި. މުޅި މަސައްކަތް އެއްކޮށް ބަލާނަމަ %81 މަސައްކަތް ނިމިފައި އޮންނަން ޖެހޭނީ. އެހެން ނަމަވެސް 15 ނޮވެމްބަރާ ހަމައަށް ނިމިފައިވަނީ %29 މަސައްކަތް،" މުއްތޮލިބު ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ މަސައްކަތް ކުރިއަށް ދާންޖެހޭ ވަރާ ބަލާއިރު މަސައްކަތް ގޮސްފައި ވަނީ %52 ލަހުން ކަމަށެވެ.

"ފުރަތަމަ ފެށިގެން ދިޔައީ މަސައްކަތް ދާންޖެހޭ ވަރަށް. ފަހުން ހުރީ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައި،" މުއްތޮލިބު ވިދާޅުވި އެވެ.

މަސައްކަތް ލަސްވުމާ ގުޅޭ ގޮތުން މުއްތޮލިބު ވިދާޅުވީ މުއްދަތުގެ ތެރޭ މަސައްކަތް ނުނިންމޭނެ ކަން ކޮންޓްރެކްޓަރަށް ޔަގީންވާ ކަމަށާއި ސަރުކާރުން ހަވާލުކުރަން ޖެހޭ ބިިންތަކެއް ހަވާލު ނުކޮށް އޮތުމަކީ ވެސް ސަބަބެއް ކަމަށެވެ.

"މަސައްކަތް ލަސްވެގެން ދިޔައީމާ ކޮންޓްރެކްޓަރަށް އެ އަރާ ޖޫރިމަނާގެ އަދަދަކީ ވެސް ބޮޑު އަދަދެއް. ދެ ފަރާތުން މަޝްވަރާކޮށްފައި 16 ނޮވެމްބަރު 2023 ގައި ސަޕްލިމެންޓްރީ އެގްރިމެންޓެއްގައި ސޮއިކޮށްފައި އޮތީ،" މުއްތޮލިބު ވިދާޅުވި އެވެ.

ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭމަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން  

ފާހަގަކޮށްލެވޭ - މުއްތޮލިބު ވިދާޅުވީ ބްރިޖްގެ މަސައްކަތާ ގުޅުގެން އެފްކޮންސްއިން ކުރި މަސައްކަތަށް ވުރެ އިތުރަށް ފައިސާ ދޫކޮށް ނުވާ ކަމަށެވެ. އަދި މިހާތަނަށް ފައިސާ ދޫކޮށްފައި ހުރީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމަމުން ދިޔަ ވަރަކަށް ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ގުޅުންހުރި - މިދިޔަ ސަރުކާރުން ފެށި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތް ލަސްވެފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން އާ ސަރުކާރުގެ ވެރިން ވަނީ އިއްޔެ ބްރިޖު މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވަން ބްރިޖު ސައިޓުތަކަށް ވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް