ޕީޕީއެމް ހިންގުމަށް ޔާމީން އުފެއްދެވި ކަމަށް ބުނާ ވަގުތީ ސްޓެއަރިން ކޮމިޓީން ެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް އާދިލު ރިޒާ. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ކޯޓަށް 'ފިލައިގެން' އުޅޭ އައްބާސް ފެނުނީ ޕީޕީއެމް ހިންގަން ހުއްޓާ

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލަ ކޯޓަށް ހުށަހަޅާފައި އޮންނަތާ ނުވަ މަސް ވީއިރު ވެސް މައްސަލަ ފެށިފައި ނުވަނީ އައްބާސް ކޯޓަށް ހާޒިރު ނުކުރެވިގެން

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ދައުވާ އުފުލާފައިވާ ކަސްޓަމްސް ކުރީގެ ކޮމިޝަނަރު އައްބާސް އާދިލް ރިޒާއަށް ތަކުރާރުކޮށް ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ކޯޓުގެ އަމުރަށް ގޮންޖަހައި ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލައިގެ އަޑުއެހުންތައް ނުފެށިފައި އޮއްވައި ޕީޕީއެމް ހިންގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ކަމަށް ބުނާ ކޮމިޓީގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައި އޭނާ ރޭ ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން މީގެ ކުރިން 'ދައުރު'އަށް ބުނެފައިވާ ގޮތުން، މި މައްސަލަ ކޯޓަށް ހުށަހަޅާފައި އޮންނަތާ ނުވަ މަސް ވީއިރު ވެސް މައްސަލައިގެ އަޑުއެހުންތައް ފެށިފައި ނުވަނީ އައްބާސް ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

"އިމިގްރޭޝަން މެދުވެރިކޮށް ބެލިއިރު، ރާއްޖެއިން ބޭރަށް ގޮސްފައި އަނބުރާ ރާއްޖެ އައި ކަމަށް ނުދައްކާތީ މައްސަލަ ކުރިއަށް ނުގެންދެވިފައި [ވަނީ]،" ކޯޓުން މިދިޔަ ހަފްތާގައި ބުންޏެވެ.

ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ވެސް 'ދައުރު'އަށް ބުނެފައިވާ ގޮތުން، އެ މައްސަލަ ކުރިއަށް ނުގެންދެވި އޮތް ކަމަށް ކޯޓުން އެ އިދާރާއަށް މައުލޫމާތު ދީފައިވަނީ، އޭނާ އުޅުއްވާ ތަނެއް ނޭނގުމާ އެކު، ޗިޓު ރައްދު ކުރެވިފައި ނުވާތީ އެެވެ.

އެނގުން މުހިންމު - އަލަށް އަމަލުކުރަން ފެށި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ދައުވާ ލިބޭ މީހާ ހުރީ ރާއްޖެއިން ބޭރުގައި ނަމަ، އެ ތަނެއްގައި ހުންނަ އެމްބަސީ މެދުވެރިކޮށް އޮންލައިންކޮށް އޭނާގެ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ އެވެ. އަދި މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެ ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލު ނުވެއްޖެ ނަމަ، މަސްލަހަތު އޮތް ގޮތަކީ އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިޒުކުރުން ކަމަށް ފަނޑިޔާރަށް ފެންނަ ހާލަތުގައި ފުލުހުން މެދުވެރިކޮށް އެކަން ކުރުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އައްބާސް ކޯޓަށް ހާޒިރުކޮށްދިނުމަށް މިފަހުން ކޯޓުން އެދިފައެއް ނުވެ އެވެ. 

އައްބާސް އާދިލް ރިޒާ (ފައިލް ފޮޓޯ / ރައީސް އޮފީސް)

ތަފްސީލް - މި މައްސަަލައިގެ އަޑުއެހުންތައް ފެށުމަށް މިހާތަނަށް ފަސް އަޑުއެހުން ކޯޓުން ތާވަލުކޮށްފައި ވާއިރު، އެއިން އެއްވެސް އަޑުއެހުމަކަށް އައްބާސް ހާޒިރުވެވަޑައިގެންފައި ނުވާތީ ހުރިހާ އަޑުއެހުމެެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެންމެ ފަހުން އަޑުއެހުމެއް ތާވަލުކުރީ މިދިޔަ 17 ޖުލައި އަށެވެ. އެ ދުވަހުގެ އަޑުއެހުން ވެސް ކެންސަލްކޮށްފައިވަނީ އޭނާ ހާޒިރު ނުވެގެންނެވެ.

މި މައްސަލާގެ އަޑުއެހުންތަކަށް އައްބާސް ހާޒިރު ނުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދަން މިދިޔަ 23 މޭގައި ފުލުހުން އިއުލާން ވެސް ކުރި އެވެ.

ކޯޓު އަމުރެއްގެ ދަށުން، އައްބާސް ހޯދަން ފުލުހުން މިދިޔަ މޭ މަހުގަައި އިއުލާންކޮށްފައިވާ ޕޯސްޓު. (ފޮޓޯ/ފުލުހުން)

އޭނާ ހޯދަން އެ ފަހަރު އިއުލާން ކުރުމުން، އެ ކަމަށް ރައްދު ދެއްވައި އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި ބައްޕަގެ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ފަރުވާ ހޯދަން އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ވަޑައިގަތީ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އޭނާ ދަތުރުކުރެއްވި އެއާލައިނުގެ މައުލޫމާތުން ފެށިގެން އޭނާ އެ ވަގުތު ހުންނެވި ގައުމާއި ބައްޕަ ފަރުވާ ހޯދަމުން އަންނަނީ ކޮން ހޮސްޕިޓަލަކުން ކަމުގެ މައުލޫމާތު ވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ބައްޕަގެ އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް ދައުވާ ކުރާ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓަކު ނެތް ކަމަށް ވެސް އޭރު އައްބާސް ވިދާޅުވެފައިވެ އެވެ.

އައްބާސް މިގޮތަށް ވިދާޅުވިޔަސް ޕީޖީ އޮފީހުން 'ދައުރު'އަށް ބުނެފައިވާ ގޮތުން، އޭނާގެ މައްޗަށް މި މައްސަލާގައި މިދިޔަ 19 ފެބްރުއަރީގައި ދައުވާ އުފުލިއިރު އޭނާ ހުންނެވީ ރާއްޖޭގަ އެވެ. 

އައްބާސް ކޯޓަށް ހާޒިރުނުކުރެވޭތާ އަހަރެއްހާ ދުވަސް ވެފައި ވާއިރު، ރޭގެ ވަގުތެއްގައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ އިސްކޮށް ހުންނެވި  އެއް ބޭފުޅެއްގެ ގޮތުގައި އައްބާސް ވަނީ ފެނިފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ، އޭނާ އަކީ މިހާރު ޕީޕީއެމްގެ ތަރުޖަމާނު ކަމަށާއި، ޕީޕީއެމް ހިންގުމަސް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި 13 މެމްބަރުންގެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ އައްބާސް ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށް އެ ކޯޓުން ބުނެފައިވާތީ، ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާ ސަބަބާ ބެހޭ ގޮތުން އައްބާސްގެ ބަހެއް ހޯދަން 'ދައުރު'ން ގުޅުުމުން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަން އުޒުރުވެރިވެވަޑައިގެންފަ އެވެ.

ޕީޕީއެމް ހިންގުމަށް ޔާމީން އުފެއްދެވި ކަމަށް ބުނާ ވަގުތީ ސްޓެއަރިން ކޮމިޓީން ެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް އާދިލު ރިޒާ. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

މައްސަލައިގެ ހުލާސާ 

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި މީގެ ކުރިން 25 ޑިސެމްބަރުގައި އޭނާ ހައްޔަރުކޮށް، 20 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރުތުތަކަކާ އެކު މިދިޔަ 8 ފެބްރުއަރީގައި ދޫކޮށްލި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ، އޭގެ 11 ދުވަސް ފަހުން، 19 ފެބްރުއަރީގަ އެވެ.

އޭނާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން، ދައުލަތުން ކުރާ، ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާގައި ބުނެފައިވަނީ:

  • މިދިޔަ 22 ޑިސެމްބަރުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ކްލަބްހައުސް'ގައި އައްބާސް ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ޝަރީއަތާ މެދު ހިތްހަމަނުޖެހި، ޕެޓްރޯލާއި ވާ ބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވާފައިވޭ

  • ޖެހިގެން އައި ދުވަހު، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓުވީޓް ވެސް ކުރައްވާފައިވޭ

އައްބާސް އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަމާއި ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމް ވެސް އައްބާސް އަދާކުރައްވާފައިވެ އެވެ.

ކޮމެންޓް (5)

ރަފީއު

23 ނޮވެމްބަރު 2023
ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފާޅުގައި ގޮވައި ހިތްވަރުދޭ މީހުން ސިޔާސީ ޕާރޓީތައް ހިންގަން ލާނީ އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހުން. ތަންކޮޅެއް ކްރެޑިބަލް މީހުން ރައްޔިތުން ކުރިމައްޗަށް ނެރެން ވެއްޖެއެއްނު
2 0

ބާރީ

23 ނޮވެމްބަރު 2023
ތީ ގައުމު އޮތްހާލު. ހަހަހަހަ ހުވާ މީ މަޖާތަނެއް ރާއްޖެމީ. އެއްބަޔަކައްވަކިގޮތެއް
1 0

މެލޭޝިއާ އެމްބަސީ

23 ނޮވެމްބަރު 2023
މީނާއަކީ މެލޭޝިއާ އެންބަސީގަ ހުރި އިރުވެސް ވަރަށް ބޮޑާކަން ދެއްކި ފޮނި މީހެއް.
4 0

ރެއްކަބޭ

22 ނޮވެމްބަރު 2023
ދިވެހިރާއްޖޭޖެ ކޯޓުތަކާއި، ޕޮލިހާއި،ބޭންކާއި މިހެންގޮސްކިޔާނެކަމެއްނެތް ހަންދަމާލާނީ ދެރަ ނިކަމެތިމީހާގެ.
6 0

އަދުރޭ

22 ނޮވެމްބަރު 2023
ޔާމީންވެސް މިވަރުމީހުން ރައްޔިތުން ކުރިމައްޗަށް މިނެރެނީ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް