އައްބާސް އާދިލް ރިޒާ (ފައިލް ފޮޓޯ/ރައީސް އޮފީސް)

އައްބާސް ރާއްޖެއިން ބޭރުގައި؛ ބުނީ އުޅެނީ ފިލައިގެން ނޫން ކަމަށް

ރާއްޖެއިން ބޭރަށް ފުރީ ބަންދުން ދޫކުރި ޝަރުތު ފުރިހަމަވުމުން ބައްޕަގެ ބޭސްފަރުވާއަށް ކަމަށާއި ފުރި އިރު އޭނާގެ މައްޗަށް ކޯޓެއްގައި މައްސަލައެއް ނެތް ކަމަށް އައްބާސް ބުނޭ

އުޅެނީ ފިލައިގެން ނޫން ކަމަށާއި ބަންދުން ދޫކޮށްލުމަށް ކުރި ޝަރުތު ފުރިހަމަވުމުން ބައްޕަގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުނީ ކަމަށް އައްބާސް އާދިލް ރިޒާ މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ޓުވީޓެއްގައި ގޮވާލި މައްސަލާގައި އައްބާސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް، ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ފެށުން - އެ މައްސަލާގައި މިދިޔަ 19 ފެބްރުއަރީގައި އޭނާގެ މައްޗަށް ވަނީ ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ އުފުލައިފަ އެވެ. އޭގެ ކުރިން އެ މައްސަލައިގައި 25 ޑިސެމްބަރުގައި އޭނާ ހައްޔަރުކޮށް، 20 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރުތުތަކަކާ އެކު މިދިޔަ 8 ފެބްރުއަރީގައި ދޫކޮށްލި އެވެ.

އައްބާސްގެ މައްޗަށް ދައުވާ އުފުލުމުން މިހާތަނަށް ހަތަރު އަޑުއެހުމެއް ތާވަލުކޮށްފި އެވެ. އެކަމަކު ކޯޓަށް ހާޒިރުނުވާތީ އަޑުއެހުންތައް އޮތީ ނުފެށި އެވެ.

ތަފްސީލް - މިއަދުގެ 2:30 އަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާކާ ގުޅިގެން، ފޮޓޯއާ އެކު ފުލުހުން މިއަދު އައްބާސް ހޯދަން އިއުލާންކުރުމުން އޭނާ ވަނީ ޓުވިޓާގައި ރައްދުދީފަ އެވެ.

ބޫނީ ކީކޭ؟ އައްބާސް ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި ބައްޕަގެ ފުރާނައަށް ނުރައްކާވާ ބައްޔަކަށް ފަރުވާ ހޯދަން އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރީ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އޭނާ ދަތުރުކުރި އެއާލައިނުގެ މައުލޫމާތުން ފެށިގެން އޭނާ މިވަގުތު ހުރި ގައުމާއި ބައްޕަ ފަރުވާ ހޯދަމުން އަންނަނީ ކޮން ހޮސްޕިޓަލަކުން ކަމުގެ މައުލޫމާތު ވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި ހުންނާނެ ކަމަށް ބަޔާނުގައި ވެ އެވެ.

އައްބާސް އިތުރަށް ބުނިގޮތުގައި:

  • އޭނާ ހައްޔަރުކޮށް ލާއިންސާނީ އަނިޔާކޮށްފައިވޭ

  • އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅި ނަމަވެސް 30 ދުވަސް ތެރޭ އެ ކޮމިޝަނުން ދޭން ޖެހޭ ރިޕޯޓެއް ނުދޭ

  • ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ 13 ޖެނުއަރީގައި

  • ބަންދުން ދޫކުރި ޝަރުތަކީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމުމާ ހަަމަޔަށް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުން؛ އެ މުއްދަތު 13 ފެބްރުއަރީގައި ވަނީ ހަމަވެފައި

  • ބައްޕަގެ އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފުރިއިިރު، އޭނާގެ މައްޗަށް ދައުވާ ކުރާ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓަކު ނެތް

  • ޝަރީއަތަށް ގޮވައި އޭނާ ނުފެންނަ ކަމަށް ހަދައިގެން އިއުލާންކޮށްފައިވަނީ އުޅޭ ތަނަކާއި ގުޅޭނެ ނަންބަރު ވެސް އެނގި ތިބެ އޭނާ ބަދުނާމު ކުރަން

އެނގުން މުހިންމު - އައްބާސް އޭރު ކުރި ޓުވީޓުގައި ބުނެފައިވަނީ، 8 ފެބްރުއަރީ 2012 ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އެހެންވެ، ބަދަލު ހިފުން އިންޑިއާ އެމްބަސީން ފަށަން ފެންނަ ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ.

އައްބާސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމް ވެސް އައްބާސް އަދާކުރައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް