އައްބާސް އާދިލް ރިޒާ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އައްބާސް ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ހޯދަން އިއުލާންކޮށްފި

އިންޑިއާ އެމްބަސީ ރޯކޮށްލަން ގޮވާލި މައްސަލައިގެ އަޑުއެހުންތައް އޭޭނާ ކޯޓަށް ހާޒިރުނުކުރެވިގެން އޮތީ ކެންސަލްވެފައި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރުނުކުރެވިގެން މައްސަލައިގެ އަޑުއެހުންތައް ނުފެށި އޮއްވައި އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އެ އަމުރާ ގުޅިގެން އައްބާސް ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ނަމުގައިވާ ޓްވިޓާ އެކައުންޓަކުން ގޮވާލި މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ 25 ޑިސެމްބަރު ދުވަހު އެވެ. އެކަމަކު 20 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތަކަކާ އެކު އޭނާ ވަނީ މިދިޔަ 8 ފެބްރުއަރީގައި ބަންދުން ދޫކޮށްލާފަ އެވެ.

އޭގެ ފަހުން، 19 ފެބްރުއަރީގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އައްބާސްގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅާފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ:

  • ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން، ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ

  • މިދިޔަ 22 ޑިސެމްބަރުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ކްލަބްހައުސް'ގައި އައްބާސް ވާހަކަދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ޝަރީއަތާ މެދު ހިތްހަމަނުޖެހި، ޕެޓްރޯލާއި ވާ ބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަން ތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ

  • ޖެހިގެން އައި ދުވަހު، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓުވީޓް ވެސް ކޮށްފައިވޭ

ތަފްސީލް - ދައުވާ އުފުލާފައިވާތާ ފަސް މަސް ވެފައި ވާއިރު ވެސް ކޯޓަށް ހާޒިރުނުކުރެވިގެން އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް އޮތީ ނުފެށި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ފުރަތަމަ ތާވަލުކުރީ މިދިޔަ 5 މާޗަށެވެ. އެކަމަކު އެ ދުވަހުގެ އަޑުއެހުމަށް އައްބާސް ހާޒިރުވެފައެއް ނުވެ އެވެ.

  • އޭގެ ފަހުން އަޑުއެހުމެއް ތާވަލުކުރީ މި މަހުގެ 16 ވަނަ ދުވަހަށް 

  • އެއީ ވެސް އަޑުއެހުންތައް ފަށަން ތާވަލުކުރި ޝަރީއަތުގެ މަޖިލީހެއް 

  • އެކަމަކު އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން އެ އަޑުއެހުން ވެސް ކެންސަލްވި

ފުލުހުން އައްބާސް ހޯދަން މިއަދު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި އަމުރެއް ކޮށްފަ އެވެ.

ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ:

  • އައްބާސް ބަންދުގައި ބަހައްޓައިގެން މިއަދު މެންދުރު ފަހު 2:30އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް 

  • އެހެންވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވޭ

އައްބާސްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން މިއަދު 2:30އަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. 

ފަސްމަންޒަރު - އައްބާސް އޭރު ކުރި ޓުވީޓުގައި ބުނެފައިވަނީ، 8 ފެބްރުއަރީ 2012 ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އެހެންވެ، ބަދަލު ހިފުން އިންޑިއާ އެމްބަސީން ފަށަން ފެންނަ ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ.

އައްބާސް އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމް ވެސް އައްބާސް އަދާކުރައްވާފައިވެ އެވެ.

ކޮމެންޓް (1)

މަތީން

23 މޭ 2023
މިކަހަލަ ޓެރަރިސްޓުންޖެހޭނީ ބަންދުކޮށް އެހެންމީހުންނަށް އަނިޔާ ނުކުރެވޭނެހެން ބައިތިއްބަން، ކާނިވާ ކައިރީހުންނަ ކެފޭތައް ބަލަނިކޮށް މިމީހާ ފެނިދާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް