އައްބާސް އާދިލް ރިޒާ (ފައިލް ފޮޓޯ / ރައީސް އޮފީސް)

އިންޑިއާ އެމްބަސީ ރޯކޮށްލަން ގޮވާލި މައްސަލާގައި އައްބާސް ކޯޓަށް ހާޒިރުނުކުރެވިގެން އަޑުއެހުތައް ނުފެށިފައި

އިންޑިއާ އެމްބަސީ ރޯކޮށްލަން ގޮވާލި މައްސަލަ ފަށަން ތާވަލުކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލްވެފައި؛ މިވަގުތު އޭނާ ހުރީ ބަންދުން ދޫކޮށްފައި

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރުނުކުރެވިގެން މައްސަލައިގެ އަޑުއެހުންތައް ފެށުމަށް، މިއަދަށް ތާވަލުކޮށްފައި އޮތް އަޑުއެހުންވެސް ކެންސަލް ކޮށްފި އެވެ.

އޭނާ ހުރީ ބަންދުން ދޫކޮށްލާފަ އެވެ.

ވީ ކިހިނެއް؟ އިންޑިއާ އެމްބަސީގައި ރޯކޮށްލުމަށް އައްބާސްގެ ނަމުގައިވާ ޓްވިޓާ އެކައުންޓަކުން ގޮވާލި މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އެކަމަކު 20 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތަކަކާއެކު އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ބަންދުން ދޫކޮށްލާފަ އެވެ.

އޭގަފަހުން ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އައްބާސްގެ މައްޗަށް ދައުވާކޮށް ޕީޖީއިން ވަނީ މައްސަލަ ކޯޓަށް ވައްދައިފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ:

  • ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން، ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ

  • މިދިޔަ ޑިސެމްބަރު 22ގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ 'ކްލަބްހައުސް'ގައި އައްބާސް އާދިލް ރިޒާ ވާހަކަދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ޝަރީއަތާ މެދު ހިތްހަމަނުޖެހި، ޕެޓްރޯލާއި ވާ ބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަން ތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ

  • ޖެހިގެން އައި ދުވަހު، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓުވީޓް ވެސްކޮށްފައިވޭ

ތަފްސީލް - ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ފުރަތަމަ ތާވަލުކުރީ މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހު އެވެ. އެކަމަކު އެދުވަހުގެ އަޑުއެހުމަށް އައްބާސް ހާޒިރުވެފައެއް ނުވެ އެވެ.

އޭގެފަހުން އަޑުއެހުމެއް ތާވަލުކުރީ މިއަދު އެވެ. މިއަދުގެ އަޑުއެހުމަކީ ވެސް އަޑުއެހުންތައް ފަށަން ތާވަލުކުރި އަޑުއެހުމެކެވެ. އެކަމަކު މިއަދު ހެނދުނު 10 އަަށް ތާވަލުކުރި އެ އަޑުއެހުން ވެސް ވަނީ ކެންސަލް ވެފަ އެވެ. އަޑުއެހުން ކެންސަލް ވި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން 'ދައުރު' އަށް ބުނީ 'ދައުވާ ލިބޭ ފަރާތް ހާޒިރުނުކުރެވޭތީ' ކަމަށެވެ.

އެނގުން މުހިންމު - ދައުވާ އުފުލާފައިވާތާ ފަސް މަސްވެފައިވާއިރު ވެސް ކޯޓަށް ހާޒިރުނުކުރެވިގެން އަޑުއެހުންތައް ނުފެށި އޮތްއިރު އައްބާސް މިވަގުތު ހުރީ ބަންދުން ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއިއެކު ކަމަށް ފުލުހުން ބުނި ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ނުދެ އެވެ.

އައްބާސް އޭރު ކުރި ޓްވީޓެއްގައި ބުނެފައި އޮތީ ފެބްރުއަރީ އަށްވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފިކަމަށެވެ. ބަދަލު ހިފުން އިންޑިއާ އެމްބަސީން ފަށަން ފެންނަ ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ.

އައްބާސް އަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމްވެސް އައްބާސް އަދާ ކުރައްވާފައި ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް