ޖޫން 12، 2022: މެއި ހައެއް ހަމަލާގެ ޝަރީއަތަށް ފަހު ވަކީލުން ކްރިމިނަލް ކޯޓުގެ ބޭރުގައި: ނާޒިމް ސައްތާރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާޒިމް ސައްތާރު

ނާޒިމް ކުރި ކުށަށް ގާނޫނުގައި އޮންނަނީ ކުޑަ އަދަބަކަށް ވުމުން އަދަބު ކުޑަވެގެން ކުރި އިސްތިއުނާފް ޕީޖީން އަނބުރާ ގެނެސްފި

އިސްތިއުނާފަށް ހުށަހަޅާފައި އޮންނަތާ އަހަަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އެ މައްސަލަ ޕީޖީން ނެގީ މިދިޔަ އާދިއްތަ ދުވަހު؛ މި މައްސަލާގައި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވޭ

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވެ، ކުށް ސާބިތުވި ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ކުޑަވެގެން، ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ނަގަން ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން އެދިފައިވާތީ، އެ މައްސަލަ ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ބޭރުކޮށްލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު، އެ އިސްތިއުނާފް އަނބުރާ ނެގި އެއް ސަބަބެއް ކަމަށް ޕީޖީން ބުނީ، ނާޒިމުގެ މައްޗަށް ސާބިތުވި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަަބަކީ ނިސްބަތުން ކުޑަ އަދަބަކަށް ވުމުން ކަމަށެވެ.

ވީ ކިހިނެއް؟ - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ. އެ ތަނުން ލީކުވީ ވީޑިއޯއެއްގައި ނާޒިމް ހިމެނެ އެވެ.

އެ ކުށަށް ނާޒިމް އިއުތިރާފު ވުމާ ގުޅިގެން މިދިޔަ އަހަރުގެ 15 އޮކްޓޫބަރުގައި ކްރިމިނަލް ކޯޓުން އިއްވީ ތިން މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ކަމަށް ކަނޑައެޅީ އެއް މަހާއި 28 ދުވަހެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން ނާޒިމް މިހާރު ހުރީ މިނިވަން ވެފަ އެވެ. މިނިވަންވުމާ ހަމަޔަށް ވެސް އޭނާ ހުންނެވީ ގޭބަންދުގަ އެވެ.

އެ އަދަބު ކުޑަވެގެން ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޕްރޮސިިކިއުޓަ ޖެނަރަލް (ޕީޖީ) އިން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ 26 އޮކްޓޫބަރުގަ އެވެ. ނަމަވެސް، އިސްތިއުނާފަށް ހުށަހަޅާފައި އޮންނަތާ އަހަަރަށް ވުރެ ގިނަ ދުވަސްވީ އިރުވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް އަޑުއެހުމެއް އެ ކޯޓުގައި ބާއްވާފައެއް ނުވެ އެވެ. އަދި، އެ އިސްތިއުނާފް ފޯމު ބާތިލުކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހު ޕީޖީން ވަނީ އެ ކޯޓުގައި އެދިފަ އެވެ.

ބުނީ ކީކޭ؟ - ހައި ކޯޓުން އެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައި ވާގޮތުން، އެ މައްސަލަ ބާތިލުކޮށްދޭން ޕީޖީން އެދިފައިވަނީ، މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އެވެ.

އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޕީޖީން ފާހަގަކޮށްފައިވަނީ:

  • އެ މައްސަލާގެ ދައުވާއަށް ގާނޫނުގައި ބަޔާން ކުރަނީ ނިސްބަތުން ކުޑަ އަދަބަކަށް ވާތީ

  • ހުކުމާ އެއްގޮތަށް އެ ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ

  • އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސަލަހަތެއް މިހާރު ނެތުމުން

އެނގުން މުހިންމު - ކްރިމިނަލް ކޯޓުގައި މި މައްސަލާގެ ހުކުމް އިއްވިއިރު، ނާޒިމްގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެ، އެ ކުށް ސާބިތުވުމުން، ދައުލަތުން އެދުނީ، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ، އަސާސީ އަދަބުން އެއް ދަރަޖަ އުނިކުރުމުން އަންނަ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ނާޒިމްގެ ފަރާތުން ދަށު ކޯޓުގައި ވަނީ އޭނާގެ މައްޗަށް އަންނަ އަދަބު އިތުރަށް ލުއިކޮށްދޭން ޖެހޭ ސަބަބުތައް ދައްކާފަ އެވެ. އެއީ:

  • މައާފަށް އެދި، ކުރެވުނު ކުށާ މެދު ދެރަވެ، ކުށަށް ތައުބާވެފައިވުން 

  • ކުށުގެ ރެކޯޑެއް ނެތް އަދި މީގެ ކުރިން ގާނޫނާއި ގަވައިދާ އެއް ގޮތަށް އުޅޭ ފަރާތަކަށް ވުން

ދަރަޖަތައް ދަށް ކުރުމަށް ފަހު، މި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކުރި 14 ދުވަސް ހުކުމުން އުނިކުރުމުން ތަންފީޒުކުރަންޖެހޭ އަދަބަކީ އެއް މަހާއި 28 ދުވަހުގެ ޖަލު އަދަބެކެވެ. އެ އަދަބު ތަންފީޒުކުރަން ގޭބަންދަށް ބަދަލުކޮށްދިނުމަށް ނާޒިމް އެދިވަޑައިގަތުމުން، ކްރިމިނަލް ކޯޓުން ވަނީ އެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.

ގުޅުން ހުރި - މި މައްސަލާގައި ދެން ހިމެނޭ، އެއްޖިންސުން ގުޅިން ހިންގި ކަމުގެ ކުށް ސާބިތުވި، ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެ ފުލުސް މީހާ ވެސް ވަނީ ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ ކުށަށް މާފަށް އެދި، ކުށަށް އިއުތިރާފް ވެފަ އެވެ. އެ ހުކުމް ވެސް އިސްތިއުނާފް ކުރަން ދައުލަތުން ނިންމި ނަމަވެސް، މިހާތަނަށް އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި އަލަމްގީރަށް ފުރަތަމަ ކުރި ތިން ދައުވާއަށް އޭނާއަށް އައިސްފައިވަނީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަހުން އޭނާގެ މައްޗަށް އުފުލި 40 ދައުވާ އިން އޭނާގެ މައްޗަށް އައިސްފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަލަމްގީރް ވެސް ވަނީ އެ ހުރިހާ ދައުވާތަކަށް އިއުތިރާފްވެ، މާފަށް އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް