އިންތިހާބީ ރައިސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން (ދައުރު ފޮޓޯ/އިފާޒު)

މުއިއްޒު ރާއްޖޭގެ 8 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންފި

އުމުރުން 45 އަހަރުގައި މުއިއްޒު މިއަދު ވެރިކަމާ އެ ހަވާލުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެ ބުރު ވެސް ކާމިޔާބުކުރެއްވި ފުރަތަމަ ރައީސްގެ ގޮތުގައި

ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާ ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ -  ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގެ ހުވާ، ރައީސް މުއިއްޒު ކުރެއްވީ އެކަމަށްޓަކައި މިހާރު ޖުމްހޫރީ މައިދާާނުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ކުރިފުޅުމަތީގަ އެވެ. މަގާމުގެ ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

ރައީސްގެ ހުވާ:

  • "އަހުރެން، މާފަންނު ދިމްޔާތު، މުހައްމަދު މުއިއްޒު، އިސްލާމް ދީނަށް ހުރިމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރައީސުލްމުހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާ އެކު، އަދާކުރުން މަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާ ކުރަމަވެ."

އޭގެ އިތުރުން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވި ހުސައިން މުހައްމަދު ލަތީފް ވަނީ ރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވާ ވެސް މި ރަސްމިއްޔާތުގައި ކުރައްވާފަ އެވެ.

ތަފްސީލު - ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުސައިން އިންތިހާބުވެޑައިގެންނެވީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަައްވައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ:

  • މުއިއްޒު: 129،159 ވޯޓު (%54)؛ މިއީ ފުރަތަމަ ބުރާ އަޅާބަލާއިރު، 27،524 ވޯޓުގެ ކުރިއެރުމެއް

  • ސޯލިހު: 109،868 ވޯޓު(%45)؛ މިއީ ފުރަތަމަ ބުރާ އަޅާބަލާއިރު، 23،707 ވޯޓުގެ ކުރިއެރުމެއް

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ސޯލިހް ވެސް އިންނެވި އެވެ. ސޯލިހުގެ ފަސް އަހަރުގެ ވެރިކަން މިއަދަށް ނިމުމާ އެކު، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އަކީ މިހާރު އިދިކޮޅު މައި ޕާޓީ އެވެ. ރައީސް މުއިއްޒުގެ ޕީއެންސީ ވާނީ ސަރުކާރު ހިންގާ މައި ޕާޓީ އަށެވެ.

އުމުރުން 45 އަހަރުގައި ރައީސް މުއިއްޒު މިއަދު ވެރިކަމާ އެ ހަވާލުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެ ބުރު ވެެސް ކާމިޔާބުކުރެއްވި ފުރަތަމަ ރައީސްގެ ގޮތުގަ އެވެ. އެއާ އެކު، އެ މަނިކުފާނު މިދިޔަ ދެ އަހަރު ފުރުއްވި މާލޭގެ މޭޔަރު ކަމުގެ މަގާމު ވެސް ހުސްވީ އެެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖުމްލަ 22 މިލިއަން ހަރަދުކުރާ ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3،500އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދިންއިރު، 64 ގައުމަކުން 120އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. ބޭރު ގައުމަކުން އެންމެ މަތީ ވެރިޔަކަށް ބައިވެރިވެވަޑައިގަންނަވަނީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

ހުވާ ކުރެއްވުމަށް ފަހު ދެން އޮންނާނީ، ރައީސް މުއިއްޒުގެ ކެބިނެޓް އިއުލާންކުރުމެެވެ. އެކަން އޮތީ މިރޭ 7:30ގައި ރައީސް އޮފީހުގަ އެވެ.

ރައީސް މުއިއްޒުގެ ބައެއް މުހިންމު ރިޔާސީ ވައުދުތައް:

  • އިންޑިއާ ސިފައިން ބޭލުމާއި އިންޑިއާއާ އެކު ހަދާފައިވާ ކަމަށް ބުނާ ސިއްރު އަސްކަރީ އެއްބަސްވުންތައް ބަލައި އިސްތިގުލާލަށް އުނިކަން ހުންނަ ކަންކަން އުނިކުރުން

  • މާލެ ސަރަހައްދުން 65،000 މީހުންނަށް ބޯހިޔާވަހިކަން ދިނުން

  • ރާއްޖޭގެ ދަރަނި ހަމަޖައްސައި އިގްތިސާދު ފުޅާ ކުރުން

  • އިތުރު ހޮސްޕިޓަލްތައް ގާއިމްކޮށް، ރާއްޖޭގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުން

  • މަސް ކިލޯއެެއްގެ އަގު 20ރ.ގައި ހިފެހެއްޓުން؛ ގަންނަ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް