
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝޯޝަލް ސެންޓަރުގައި ބޭއްވި ހަރަކާތް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
މުއިއްޒުގެ ސިޔާސީ މޮޅު ދަތުރު
ޖުމްހޫރީ މައިދާނުގައި، ދިވެހި އެންމެ ބޮޑު ދިދައިގެ ހިޔަލުގައި ހުންނަވައި، ރާއްޖޭގެ ވެރިކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު، މާދަމާ ކުރައްވާ އިރު، އެއީ ވަރަށް ރޭވުންތެރި، ވަރަށް ވިސްނުންތެރި، ވަރަށް ކެތްތެރި، ދަތުރެއްގެ މާލިމީއެކެވެ.
އެމަނިކުފާނު މި ދަތުރުފުޅަށް ނިޔަތް ގެންނެވި ވަގުތު ވިދާޅުވުމުގައި ދަތިތަކެއް ކުރިމަތިވެދާނެ އެވެ. އެންމެ ފަސޭހަ ޖަވާބަކަށް ވާނީ، ނުވަތަ އަޅުގަނޑުމެންނަށް ވެސް ފަސޭހައިން ގަބޫލުކުރެވޭނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރަތަމަ ހުކުމް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހިސާބުން ކަމެވެ. އެ ނިޔަތް ހަގީގަތަކަށް ހައްދަވަން ލިބިވަޑައިގެންނެވި ބާރަކީ، ޔަގީނުން ވެސް، މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވުމެވެ.
މަޑުމަޑުން ހުންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ލިބިވަޑައިގެންނެވި އިރު، އެއީ ކޮން ބޭފުޅެއްކަން ވެސް ގިނަ މީހުންނަކަށް ނޭނގެ އެވެ. އެ މަގާމު ހަ އަހަރު އަދާކުރެއްވީ، ޔާމީންގެ ސަރުކާރުގެ ފަސް އަހަރާ އެކު އެވެ.

އެކަމަކު އެއީ ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގަތުން ކައިރި ކަމަށް، އާންމުންގެ ވިސްނުމަށް އަންނަވަރުގެ ސިޔާސީ ގޮތުން މަޝްހޫރު ބޭފުޅެއް ނޫނެވެ. ޕީޕީއެމް/ޕީއެންސީގައި އެކަމަށް އެއަށް ވުރެ މާ މަޝްހޫރު ބޭފުޅުން، ސިޔާސީ ގޮތުން މާ އަޑުގަދަ ބޭފުޅުން، މީޑިއާގައި މާ ނަން ހިނގާ ބޭފުޅުން ވެސް ތިއްބެވި އެވެ.
އެރި އަޑުތައް ގިނަ އެވެ. ޔާމީން ޖަލުގައި ހުންެނެވި ދުވަސްވަރު، ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ރިޔާސީ ކެންޑިޑޭޓްގެ ވާދަވެރިކަމުގެ އަޑުތަކެވެ. އެކި ފެކްޝަންތައް ހެދި، ބޭރަށް ނުފެންނަ އެތެރޭގެ ކޯޅުންތައް ވެސް ހިނގިމެ އެވެ. އެއްވެސް ބޭފުޅަކު ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. ޕްރެސް ކޮންފަރެންސްތަކުގައި ސީދަލަށް ސުވާލުކުރިޔަސް، އެ ބޭފުޅުންގެ ސީދާ ޖަވާބަކަށް ވަނީ 'ތިކަހަލަ ހިޔާލެއް ވެސް ނެތް' ކަމަށެވެ.
ޔާމީނަށް ކުރިމަތިނުލެއްވޭނެ ކަން ސުޕްރީމް ކޯޓުގެ ހުކުމުން ކަށަވަރުވުމުގެ ތިން ދުވަސް ކުރިން، 3 އޮގަސްޓްގައި ޕީއެންސީން، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލި އެވެ. ނިޔަތަކަށް އޮތީ، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓް ނުކުންނެވުމެވެ.
ޕީއެންސީގެ މެމްބަރަކަށް ވެވަޑައިގަތުމަށް މުއިއްޒު ފޯމު ހުށައެޅުއްވީ އެދުވަހުގެ ހެނދުނެވެ. ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އެދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. ޕާޓީގެ ސެނެޓުން، ކެންޑިޑޭޓަކު ކަނޑައެޅުން އޮތީ ހަވީރު 4:00ގަ އެވެ.

މާ ކުރިން މުއިއްޒު ހުންނެވީ، ޕީޕީއެމްގެ ސެނެޓްގައި ވޯޓެއް ނެގިޔަސް، ނުވަތަ ޕީއެންސީ ސެނެޓްގައި ވޯޓެއް ކުރިއަށް ދިޔަސް، ނޫން ނަމަ، ދެ ސެނެޓް އެއްކޮށްލައިގެން ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅިޔަސް، އެ ވޯޓެއް ކާމިޔާބުކުރެއްވޭނެ ވަރަށް، ރޭވުންތައް ރާއްވަވައިގެންނެވެ. ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފުއާ ވާދަކުރައްވައި، ޓިކެޓް ހޯއްދެވީ އެ ރޭއްވެވުން މޮޅުކަމުންނެވެ.
ދެ ޕާޓީގެ ބައެއް އިސް ތަނބުތައް ތުން ފިއްތައިގެން އެ ދުވަސްކޮޅަކު ތިއްބެވިޔަސް، ހަގީގަތަކީ އެއީ އެވެ.
ޔާމީންގެ ކެންޑިޑެސީ، އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވީ 6 އޮގަސްޓްގަ އެވެ. އެހާ ހިސާބުން ވެސް މުއިއްޒުގެ ދަތުރު އަދި އަމާނެއް ނުވެ އެވެ. ކޯލިޝަންގެ އިސް ބައެއް ބޭފުޅުންގެ މެދުގައި އެހެން ނިޔަތްތަކެއް އޮތެވެ. ޔާމީނަށް ކުރިމަތިނުލެއްވޭ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ވެސް، ބައެއް ބޭފުޅުން ތިއްބެވީ ނިންމަވައިގެންނެވެ.
ޔާމީންގެ އަސްލު ރޭވުމަކީ ވެސް އެއީ އެވެ. އެކަމާ މެދު އެެއްވެސް ޝައްކެއް ނެތެވެ.
މި ހިސާބުން މުއިއްޒުގެ އެންމެ ބޮޑު އެހީތެރިޔަކަށް ވެވަޑައިގަތީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގެ އިސް ވެރިޔަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. މުއިއްޒުގެ އަރިހުގައި އެންމެ ބާރުގަދަ ބޭފުޅަކަށް މިވަގުތު އަބްދުއްރަހީމް އެ ހުންނެވީ، ހަގީގަތުގައި ވެސް، މުއިއްޒުގެ ހަޔާތުގެ އެންމެ ބޮޑު ދަތުރު ހުއްޓުނަ ނުދީ ކުރިއަށް ގެންދެވުމުގެ މެދުވެރިޔަކަށް އޭނާ ވެވަޑައިގަތުމުންނެވެ.
"ވަރަށް ނާޒުކު ފައްތަރަކަށް ގައުމު ދިޔަ ދަނޑިވަޅެއްގައި އަޅުގަނޑަށް ނިންމުނު ރަނގަޅު ނިންމުންތަކެއްގެ ސަބަބުން މިއަދު ވަރަށް ބޮޑު ކަމަކުން ގައުމު ސަލާމަތް ކުރެވުމުގެ ހިތްހަމަ ޖެހުން އެބަ އޮތް،" މިއީ، އިއްޔެ 'ދައުރު'އަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވި ވާހަކަ އެވެ.
އޭނާގެ ނިންމެވުން ރަނގަޅު ކަމަށް އެ ވިދާޅުވި ވާހަކަ ބަރާބަރެވެ. މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހަވާލުކުރަން، މުއިއްޒާ އެކު އޭނާ، ދަރުބާރުގެއަށް ވަޑައިގެންނެވި އިރު، ޔާމީންގެ ރުހުން އެކަމަކަށް އަދި ނުލިބެ އެވެ. އެހެންކަމުން އެންމެ ފަހު ވަގުތު މުއިއްޒުގެ ނަންފުޅު، އީސީއަށް ފޮނުވުނީ، ހަގީގަތުގައި އަބްދުއްރަހީމްގެ އަތުގައި އޮތް ބާރުގެ ބޭނުން ކުރެއްވުމުންނެވެ.

ހަގީގަތަކީ، އޭރު މުއިއްޒު ހުންނެވީ އުއްމީދު ހާސިލްކުރެއްވުމުގެ ހުރިހާ މަގެއް ކޮއްޓަވާފައިކަމެވެ. އަބްދުއްރަހީމް ވިޔަސް، ޕީޕީއެމް/ޕީއެންސީގެ އޮފީސް ތެރެއިން ކަމަށް ވިޔަސް، ކޯލިޝަންގެ އެކި ދަރަޖައިގެ ސަފުތަކުން ލިބެން ޖެހޭ އެހީތެރިކަމެއް ވިޔަސް، ކަށަވަރުކުރައްވާފައިކަމެވެ.
އީސީން އެމަނިކުފާނުގެ ޓިކެޓް ގަބޫލުކުރުމާއި ކެމްޕެއިން ފެއްޓެވުމާއި ދަތުރުފުޅުތައް ކުރެއްވުމާއި ބައްދަލުވުންތައް ބޭއްވުން ފަދަ، ކަންކަން ރޭވިފައި ހުރީ، އެކަމުގައި އުޅުނު މީހުން ބުނާ ގޮތުން ނަމަ، ވަރަށް ފުރިހަމައަށެވެ. ކެމްޕެއިން އޮފީސް ހިންގެވީ އަމިއްލަ ގެކޮޅުގަ އެވެ. ޕީޕީއެމް އޮފީހުގައި އެއްވެސް ކަމެއް ނުބާއްވަ އެވެ. އެ އޮފީސް، އޭރު ޖަލުގައި ހުންނެވި ނަމަވެސް، ދޫކޮށްލެއްވީ ޔާމީނަށެވެ.
ޔާމީން އާއި ވަހީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް މަސައްކަތްކުރެއްވި އެކަމަކު ނަން ޖަހަން ބޭނުންނުވާ ބޭފުޅަކު ވިދާޅުވީ 'ސިޔާސީ ލީޑަރެއްގެ ހުންނަން ޖެހޭ ހުރިހާ ސިފައެއް މުއިއްޒުގެ އެބަ ހުރި' ކަމަށެވެ.
އެ ސިފަތައް އޭނާ ކިޔައި ވެސް ދެއްވި އެވެ. ވިސްނުން ތޫނެވެ. އަޑިން ރާވާ ރޭވުންތަކެވެ. އިލްމެވެ. ތަޖުރިބާ އެވެ. ދެން ވިދާޅުވީ 'ނުބައި ވަންޏާ ނުބައިވާން ވެސް އެނގޭނެ' ކަމަށެވެ.
ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބުކުރައްވަން މުއިއްޒުއަށް ފަސޭހަފުޅުވި ސަބަބުތަކެއް ހުރުމަކީ އެހެން ކަމެކެވެ. މޮޅީ މަޑުމަޑުން ހުންނަވާފައި އެމަނިކުފާނު ނެންގެވި ބޮޑު ފިޔަވަޅު، އެހާ ހިސާބަށް އެޅުއްވިކަމެވެ. ހިތްޕުޅުގައި އެއްވެސް ޖެހިލުމެއް ނެތި، އެ ފިޔަވަޅަށް ފައިތިލަ ހިއްލާލެއްވުމެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. އާދައިގެ ވިސްނުމެއް ވެސް ނޫންމެ އެވެ.
އިލްމީ އަލިކަން ރާއްޖެއަށް ފެތުރެން ފެށިއިރު އުފެދުނު ދީނީ މޮޅު އިލްމުވެރިއެއް ކަމަށްވާ، ހއ. ވަށަފަރަށް އުފަން ހުސެއިން އަބްދުއްރަހުމާންގެ ހުރި ހަމައެކަނި ދަރިކަލުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެ ހަވާލުވެވަޑައިގަންނަވަނީ އެވެ. ކުޑައިރު ވެސް މޮޅު ދަރިވަރެކެވެ. ރާއްޖޭގެ އެއްވަނަ އެވެ. ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗު.ޑީއާ ހަމައަށް ކިޔަވާ ވިދާޅުވީ އިނގިރޭސި ވިލާތުގަ އެވެ.
ފެންނަ އިރު ވެސް އެއީ 'ކުޅޭކުޅޭ' ބޭފުޅެއް ނޫންކަން، ވިސްނާ ބަޔަކަށް އެނގޭނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުން ކުރާނެ ތަޖުރިބާއަކީ އަދި ފަހުގެ ކަމެކެވެ. މިހާރު ދެއްކޭނީ މިހާރުގެ ތަޖުރިބާގެ ވާހަކަތަކެވެ. މިހާތަނަށް ފެނުނު ކަންކަމެވެ. އެ ހަގީގަތްތަކުގެ ތެރެއިން ވިސްނުން ގޮސް ނިމެނީ، އެންމެ ދިމާލަކަށެވެ:
މުއިއްޒުގެ ސިޔާސީ ދަތުރު މިހާ ހިސާބަށް މޮޅެވެ. އާދަޔާ ހިލާފެވެ.
ކޮމެންޓް (2)
ހިމާރުލްގައުމު
ެހެސްކިޔާފަ