މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އިންތިގާލީ އޮފީހަށް ބައެއް އާންމުން ވަދެ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ރިޕޯޓު ނުލިބިގެން، އިންތިގާލީ އިންސާފުގެ އޮފީހުގައި އާދޭސްކުރަނީ

އެ މީހުންގެ ކަންބޮޑުވުމަކީ މާދަމާ މި ވެރިކަން ނިމި، އެ އޮފީސް ވެސް އުވޭނެތީވެ އަދިވެސް ރިޕޯޓު ލިބިފައި ނުވުން

ދައުލަތުގެ ފަރާތުން އެކިއެކި ބޭއިންސާފުތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ޓްރާންސިޝަނަލް ޖަސްޓިސްގެ އޮފީސް ނުވަތަ އިންތިގާލީ އިންސާފުގެ އޮފީސް މާދަމާ އުވޭއިރު، އެ އޮފީހުން ބެލި މައްސަލަތައް ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އާންމުން އެ އޮފީސް ދޮށަށް އެއްވެ، މިއަދު އާދޭސް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރުން ފެށިގެން ބައެއް މީހުން އެ އޮފީސް ދޮށަށް ރިޕޯޓު ހޯދުމަށް ގޮސް ތިބިއިރު، އަދިވެސް ފަސް ވަރަކަށް މީހުން އެ އިދާރާގައި އެބަ ތިއްބެވެ.

ތަފްސީލު - އެ އޮފީހުގައި މިވަގުތު ތިބި ބައެއް މީހުން 'ދައުރު'އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި:

  • އެ މީހުންގެ ކަންބޮޑުވުމަކީ މާދަމާ މި ވެރިކަން ނިމި، އެ އޮފީސް ވެސް އުވޭނެތީވެ އަދިވެސް ރިޕޯޓު ލިބިފައި ނުވުން

  • ބައެއް މީހުންގެ މައްސަލަތައް ނިމި، ރިޕޯޓު ބަލާ އައުމަށް އެ އޮފީހުން އެންގި؛ އެ މީހުންނަށް ވެސް ރިޕޯޓު ނުލިބޭ

  • ހުށަހެޅި މައްސަލައިގެ 'އަސްލު ބަދަލުކޮށްގެން' ރިޕޯޓު ނިންމާފައިިވުން

"މި ސަރުކާރު ވެރިކަމަށް އައީ، އެ އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާ އެކު. ވެރިކަމުން ފައިބައިގެން ދާއިރު ވެސް އެ އިންސާފު ނުލިބޭ. ރިޕޯޓު ނުލިބިގެން މި އޮފީހުގައި އާދޭސް ކުރަން މި ޖެހެނީ،" އެ ތަނުން ވާހަކަ ދެއްކި އެކަކު ބުންޏެވެ.

"މިއަދު މެންދުރުން ފެށިގެން އައިސް މި ހުރީ، އަދިވެސް ރިޕޯޓު ނުލިބޭ. އެކަމަކު މިދިޔަ މަހު ބުނި މައްސަލަ ނިމިއްޖެއޭ،" އެހެން މީހަކު ބުންޏެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އިންތިގާލީ އިންސާފުގެ އޮފީހަށް ބައެއް އާންމުން ވަދެ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެ ތަނުގައި ތިބި މީހުން ބުނި ގޮތުގައި، ރިޕޯޓު ނުލިބި ލަސްވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ އެ އޮފީހަށް ވަދެ، ބައެއް ތަކެތި ގެންގޮސްފައިވާތީ "ޕްރިންޓު ނުކުރެވިގެން" ކަމަށް އެ އޮފީހުން އެ މީހުން ކައިރީ ބުނެފައިވާ ކަމަށެވެ.

'ދައުރު'ގެ ނޫސްވެރިން އެ ތަނުގައި ތިއްބާ އެކަކުގެ ރިޕޯޓު ވަނީ ހަވާލުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ފަސްމަންޒަރު - އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިންގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އުފެއްދި އޮފީހެކެވެ.

އެ އޮފީހަށް 3،000އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައި ބެލި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް