އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އިންތިގާލީ އިންސާފުގެ އޮފީހަށް އޭސީސީން ވަދެއްޖެ؛ ބައެއް ލިޔުންތައް ދޭން ދެކޮޅު ހަދަނީ

އެ ލިޔެކިއުންތައް ދޭން އިންކާރު ކުރަމުންދަނީ އެ ލިއުންތައް އޭސީސީއާ ހިއްސާ ނުކުރުމަށް އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިން އެ މުވައްޒަފުންނަށް އަންގާފައިވާތީ ކަމަށްވޭ

ދައުލަތުގެ ފަރާތުން އެކިއެކި ބޭއިންސާފުތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ މި ސަރުކާރުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ވަދެއްޖެ އެވެ. އެއާ އެކު، އޭސީސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިއުންތައް ދޭން އެ ތަނުގެ މުވައްޒަފުން އިންކާރު ކުރަމުންދާ ކަމަށްވެ އެވެ.

ވީ ކިހިނެއް؟ - އޭސީސީގެ ތަހުގީގު ޓީމަކުން އެ އޮފީހުގައި ހަރަކާތްތެރިވަމުންދާކަން އެ އޮފީހުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެ ތަނުގައި ހަރަކާތްތެރިވަނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަަލައަކާ ގުޅިގެން ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ނުދެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އޭސީސީން އެ އޮފީހަށް ވަދެފައިވަނީ:

  • ލިޔެކިއުންތައް ބަދަލުކުރުމުގެ މައްސަލަތަކަކާއި ގުޅިގެން ކުރަމުންދާ ތަހުގީގަކަށް 

  • އެ ތަހުގީގަށް އޮފީހުގެ އިދާރާތަކަށް ނުވަދެވިގެން އޭސީސީގެ ޓީމު ވަރަށް ގިނަ ވަގުތު ބޭރުގައި މަޑުކޮށްފައިވޭ 

  • ބައެއް ތަންތަނަށް މިހާރު ވަދެވިފައިވީ ނަމަވެސް، އޭސީސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިއުންތައް ދޭން އެ ތަނުގެ މުވައްޒަފުން ދަނީ އިންކާރު ކުރަމުން

  • އެ ލިޔެކިއުންތައް ދޭން އިންކާރު ކުރަމުންދަނީ އެ ލިއުންތައް އޭސީސީއާ ހިއްސާ ނުކުރުމަށް އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިން އެ މުވައްޒަފުންނަށް އަންގާފައިވާތީ ކަމަށްވޭ

އެނގުން މުހިންމު - އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 17 ޑިސެމްބަރު 2020ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިދިޔަ އަހަރުގެ 17 ޑިސެމްބަރުގައި ވަނީ ހަމަވެފަ އެވެ. އެކަމަކު އިންތިގާލީ އިންސާފު އޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނުނިމޭނެތީ އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ ކަމަށް ބުނެ، މި ދައުރު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޮތީ އެ އޮފީހުގެ މުއްދަތު އިތުރު ކޮށްދެއްވާފަ އެވެ. އެހެންކަމުން، އެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެ އެވެ.

މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގާ އޮތުމަށް ފަހު، ދައުރު ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި އުސޫލަތާކައި ހިލާފަށް އަވަސް އަރުވާލައިގެން މައްސަލަތައް ނިންމަން އުޅުމާއި ކުރީގެ ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތާ އެކު، އެ އޮފީހުގެ އެމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ.

ފަސްމަންޒަރު - އިންތިގާލީ އިންސާފުގެ އޮފީހަކީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމިޝަނެކެވެ. އެގޮތުން އެ ކޮމިޝަނުން ބަލާ ފާހަގަކޮށްލެވޭ މައްސަލަތަކަކީ: 

  • 400 އަށް ވުރެ ގިނަ މައްސަލަ ބަލަން ނިންމި

  • ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962ގައި ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ ތަހުގީގުކުރޭ

  • ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ މައްޗަށް ނުހައްގުން ކުރި ހުކުމުގެ މައްސަލަ އަންނަނީ ބަލަމުން

  • ޖަލުތަކުގައި އަނިޔާ ލިބުނު މީހުންގެ މައްސަލަތައް ވެސް ބަލާ

ކޮމެންޓް (2)

އިސްމާލު

15 ނޮވެމްބަރު 2023
ޖިހާދާ އިސްނަގައިގެން އޮފީހުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މުވައްޒަފުން ގޮވައިގެން ސްރީލަންކާއަށާއި މާފުއްޓަށް ދަތުރުތަކެއް ކޮށް ދައުލަތުގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއްވަނީ އިސްރާފު ކޮށްފަ. މިވެސް ބަލަންޖެހޭ މައްސަލަތަކެއް.
1 0

އެބަ ހޭލާ

15 ނޮވެމްބަރު 2023
ޤައުމު އެބަހޭލާ ރެއާއި ދުވާލު މިގޮތައް މަސައްކތް ކުރަން އެބަޖެހޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް