އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް. (ދައުރު ފައިލް ފޮޓޯ)
އޭސީސީއަށް އެއްބާރުލުން ދިން އިންތިގާލީ އިންސާފުގެ އޮފީހުގެ 3 މުވައްޒަފުން ސަސްޕެންޑްކޮށްފި
އިންތިގާލީ އިންސާފުގެ އޮފީހުން ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމަށް ބުނާ މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އެ އޮފީހަށް ވަދެ ހިންގި ތަހުގީގަށް އެއްބާރުލުން ދިން އެ އޮފީހުގެ ތިން އިންވެސްޓިގޭޓަރުން އިއްޔެ ސަސްޕެންޑްކޮށްފި އެވެ. ބައެއް މުއައްޒަފުން ތުހުމަތު ކުރާ ގޮތުގައި، މި މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު، އިންތިގާލީ އިންސާފުގެ އޮފީހުގެ އިސް ވެރިން ދަނީ ހެކި ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.
ވީ ކިހިނެއް؟ - އޭސީސީން ބަލަން ފެށީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައި ކަމަށް ބުނާ މައްސަލައެކެވެ. އޭސީސީން އިއްޔެ ވަނީ އެ އޮފީހަށް ވަދެ، ތަހުގީގަށް ބެނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން:
-
އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިން ވަނީ، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދީ، މައުލޫމާތު ދިނުމަށް އިންކާރުކޮށްފައި
-
އެއްބާރުލުން ދިން އެ އޮފީހުގެ ތިން މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމުގެ ލިޔުން އިއްޔެ ހަވީރު ވަނީ އެ މުވައްޒަފުންނާ ހަވާލުކޮށްފައި
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި އަހަރުގެ މެދު ތެރޭގައި ނިންމި ބައެއް މައްސަލަތަކުގެ ނިންމުން، މި މަސް ތެރޭ ވަނީ އިސްލާހުކޮށްފަ އެވެ. ބައެއް ނިންމުންތައް ހުރީ ކުރިން ނިންމާފައިވާ ގޮތާ ދިމާ އިދިކޮޅަށް ކަމަށްވެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިން އޭސީސީއަށް އެއްބާރުލުން ދިފައި ނުވަނީ، އެ ކޮމިޝަންގެ އަމުރުގައި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. ނަމަވެސް، އޭރު ވެސް ބައެއް މުވައްޒަފުން ތިބީ އެ ކޮމިޝަނަށް އެއްބާރުލުން ދޭ ގޮތަށެވެ. މިގޮތަށް އެއްބާރުލުން ދިން ތިން މުވައްޒަފަކު ސަސްޕެންޑް ކުރީ، އޮފީހުގެ ލިޔެކިޔުންތައް އޭސީސީއަށް ދެއްކި ކަމަށް ތުހުމަތުކޮށް ކަމަށްވެ އެވެ.
ބައެއް މުވައްޒަފުން ތުހުމަތުކުރި ގޮތުގައި:
-
އިންތިގާލީ އިންތިގާލީ އިންސާފުގެ އޮފީހުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިިވާ ކަމަށް ބެލެވޭ ކަންކަން ފޮރުވުމަށް ވެރިން ދަނީ މަސައްކަތް ކުރަމުން
-
ބައެއް ލިޔެކިޔުންތައް ނައްތާލުމަށް ޝްރެޑްކޮށްފައިވޭ
އެއްބާރުލުން ދިން ތިން މުވައްޒަފުން ސަސްޕެންޑް ކުރުމުގެ ކުރިން، އެ މީހުންނަށް އީމެއިލް ފަދަ އެކްސެސް ވެސް ކަނޑާލި ކަމަށް އެނގިފައިވެ އެވެ. ބޭނުމަކީ އެ މައުލޫމާތު އޭސީސީއަށް ދީފާނެތީ، އެކަން ހުއްޓުވުން ކަމަށް 'ދައުރު'އާ ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.
މިކަމާ ގުޅިގެން އޭސީސީގެ ވެސް އަދި އިންތިގާލީ އިންސާފުގެ އޮފީހުގެ ވެސް ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އެނގުން މުހިންމު - އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 17 ޑިސެމްބަރު 2020ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިދިޔަ އަހަރުގެ 17 ޑިސެމްބަރުގައި ވަނީ ހަމަވެފަ އެވެ. އެކަމަކު އިންތިގާލީ އިންސާފުގެ އޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނުނިމޭނެތީ އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ ކަމަށް ބުނެ، މި ދައުރު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޮތީ އެ އޮފީހުގެ މުއްދަތު އިތުރު ކޮށްދެއްވާފަ އެވެ. އެހެންކަމުން، އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގާ އޮތުމަށް ފަހު، ދައުރު ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި އުސޫލަތާކައި ހިލާފަށް އަވަސް އަރުވާލައިގެން މައްސަލަތައް ނިންމަން އުޅުމާއި ކުރީގެ ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތާ އެކު، އެ އޮފީހުގެ އެމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ.
ފަސްމަންޒަރު - އިންތިގާލީ އިންސާފުގެ އޮފީހަކީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމިޝަނެކެވެ. އެގޮތުން އެ ކޮމިޝަނުން ބަލާ ފާހަގަކޮށްލެވޭ މައްސަލަތަކަކީ:
-
400 އަށް ވުރެ ގިނަ މައްސަލަ ބަލަން ނިންމި
-
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962ގައި ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ ތަހުގީގުކުރޭ
-
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ މައްޗަށް ނުހައްގުން ކުރި ހުކުމުގެ މައްސަލަ އަންނަނީ ބަލަމުން
-
ޖަލުތަކުގައި އަނިޔާ ލިބުނު މީހުންގެ މައްސަލަތައް ވެސް ބަލާ
ކޮމެންޓް (1)
ޕޮލިޓިކޯ