ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

އީވާ މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

އެ ގޮތަށް ފާސްކުރީ ދެންމެ ބޭއްވި އެމްޑީޕީ ޕީޖީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުން އިއްތިފާގުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)އިން ދެންމެ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން އިއްޔެ ފެށިއިރު، އެ މައްސަލަ ހުށަހެޅުމަށް ފާސްކުރީ ދެންމެ ބޭއްވި އެ ޕާޓީގެ ޕީޖީގެ ބައްދަލުވުމުގަ އެވެ. އެކަން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

ނަމަވެސް އެއީ ކިތައް މެމްބަރުން ކަމެއް އަދި ސާފެއް ނޫނެވެ.

ތަފްސީލު - މިއީ އީވާ މަގާމުން ވަކިކުރަން މަޖިލީހަށް ވައްދާ ދެ ވަނަ ފަހަރެވެ. މިފަހަރު މައްސަލަ ހުށަހަޅަނީ، އިއްޔެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ބޭރުކޮށްލުމަށް އޭރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ގަރާރު ބޭރުކޮށްލައްވާފައިވާތީ އެވެ.

އަމީން އާންމުގެ ލަފައާ ވެސް ހިލާފަށް ނިންމި އެ ނިންމުމަށް އީވާ ވެސް ވަނީ ތާއީދުކުރައްވައި ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިއްޔެ ބޭއްވި ދެ ވަނަ ޖަލްސާ ވެސް ނިންމާލައްވާފަ އެވެ.

ބުނީ ކީކޭ؟ - އަސްލަމް 'ދައުރު' ވިދާޅުވީ:

  • މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުން މިހާރު ވަނީ ހަމަވެފައި

  • ނަމަވެސް މައްސަލަ ހުށަހަޅާނީ ގިނަ މެންބަރުންގެ ސޮޔާ އެކު

މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ.

އެނގުން މުހިންމު - މަޖިލީހުގެ އިދާރާ އާއި އެމްޑީޕީން ވެސް ގަބޫލުކުރަނީ ގަވައިދާ އެއްގޮތަށް ހުށަހަޅާފައިވާ ގަރާރެއް އެ ގޮތަށް ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބޭރުކޮށްނުލެވޭނެ ކަމަށެވެ. އެހެންވެ، އިމްތިޔާޒާއި ސްލޫކް ކޮމިޓީން ވަނީ މި މައްސަލާގައި އީވާ އާއި އަފީފް މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވެސް ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ލަފާ ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް